މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އިންޑިއާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ އާއި ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ސިންގަޕޫރާއި އިނގިރޭސި ވިލާތުގެ ލަންޑަނާއި ތައިލެންޑުގެ ބެންކޮކާއި ޔޫއޭއީގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައި 150 މީހުން ރަޖިސްޓަރީ ކޮށްފިނަމަ، އެ އަށް ގައުމުގެ ނުވަ ސިޓީގައި ވޯޓުލާ މަރުކަޒު ގާއިމުކުރުމަށް އީސީން ނިންމާފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަދި ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
މީގެ އިތުރުން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އަލަށް އުފައްދާ ޕާޓީގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެއެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.