ވަން އޮންލައިންގެ އަހުލާގީ މިންގަނޑާއި އެޑިޓޯރިއަލް އުސޫލު
ތައާރަފު
މިއީ ވަން މީޑިއާ ގްރޫޕުން އެކުލަވާލާފައިވާ "ވަން އޮންލައިންގެ އަހުލާގީ މިންގަނޑާއި އެޑިޓޯރިއަލް އުސޫލު" އެވެ. ވަން އޮންލައިންގެ ކޮންމެ ނޫސްވެރިޔަކީ ނުވަތަ ނިއުސްރޫމްގައި ހިމެނޭ ކޮންމެ މުވައްޒަފަކީ މި އަހުލާގީ މިންގަނޑާއި އެޑިޓޯރިއަލް އުސޫލަށް ތަބާވާ އަދި މި މިންގަނޑާއި އުސޫލަށް އަހުލުވެރި މީހަކަށް ވާންވާނެއެވެ. ހަބަރާއި މައުލޫމަތު ހޯދާ އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރަތްތަކުން މި މިންގަނޑާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެއެވެ. ވަން އޮންލައިންގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ ހަމަތަކަކީ:
- އިސްލާމް ދީނާއި ދިވެހި ޖުމުހޫއްރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- ގައުމީ ސަލާމަތާއި އަމަންއަމާކަން ދެމެހެއްޓުން.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާއީ އަހުލާގު ހިފެހެއްޓުން.
- ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
- ކަމެއްގެ ހަގީގަތް އާންމުންނަށް އެނގުމުގެ ހައްގަށް އިހުތިރާމު ކުރުމާއެކު، އަމިއްލަ މަސްލަހަތުން އެއްކިބާވެ، ޒިންމާދާރުކަމާއި، އިންސާފުވެރިކަމާ އެކު ތެދު މައުލޫމާތު ހާމަކުރުން.
- ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން.
- އެޑިޓޯރިއަލް ކޮންޓެންޓާއި ޕެއިޑް ކޮންޓެންޓް މައްސުނި ނުކުރުން، މިއެވެ.
އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ގާނޫނުތައް ނެގެހެއްޓުން
- އިސްލާމްދީނުގެ އަސްލުތަކާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި އަދި ގާނުނުތަކާ ހިލާފު މައުލޫމާތެއް ޝާއިއު ނުކުރާނެއެވެ.
ތެދު މައުލޫމާތު ހާމަކުރުން
- ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހަގީގަތް އެނގުމަކީ އާންމުންނަށް ލިބިގެންވާ ހައްގެއްކަމަށް ގަބޫލުކުރަމެވެ.
- މި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއު ކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ.
- ސައްހަ ނޫން މައުލޫމާތެއް ޝާއިއުކުރެވޭ ހާލަތްތަކުގައި އެކަން އެނގިއްޖެނަމަ، ވީއެންމެ އަވަހަކަށް އިސްލާހުކޮށް، މައާފަށް އެދުމާއެކު އެކަން އާންމުކޮށް އެނގޭނެހެން ޝާއިއު ކުރާނެއެވެ.
- ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި އެ އެއްޗެއްގެ ހަގީގަތް އޮޅުވައެއް ނުލާނެއެވެ.
ނަޒާހަތްތެރިކަމާއި ނުފޫޒުން އެއްކިބާވުން
- މައުލޫމާތު ހޯދުމާއި ހިޔާލު ފާޅުކުރުމާއި ފާޑުކިޔުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާ ވާނެއެވެ. އަދި އެ މައުލޫމާތެއް ޝާއިއުކުރުމުގައި އަމިއްލަ ހިޔާލާއި، ފާޑުކިޔުން ސާފުކޮށް ވަކިކުރެވޭކަން ކަށަވަރު ކުރުމާއެކު މިނިވަން ނޫސްވެރިކަން އަބަދުމެ ހިމާޔަތްކޮށް ދަމަހައްޓާނެއެވެ.
- މައުލޫމާތު ހޯދައި އެއްކުރާނީ ތިމާއަކީ ނޫސްވެރިއެއްކަން އެނގޭނޭ ގޮތަށެވެ. ތިމާއަކީ ކާކުކަން ސިއްރުކުރާނީ މުޖުތަމައަށް ކޮންމެހެން އެނގެން ބޭނުންވާ މައުލޫމާތެއް އެނޫން ގޮތަކަށް ހޯދެން ނެތް ހާލަތެއްގައެވެ. އަދި އާންމު މަސްލަހަތު ހިމެނޭ ހުރިހާ ހަގީގަތްތަކެއް މިނިވަންކަމާއެކު ތަހުގީގު ކުރުމުގެ ހައްގަށް ނޫސްވެރިޔާ ވަކާލާތު ކުރާނެއެވެ.
- ޝާއިއު ކުރާ އެއްޗެއްގައި، އެހެން ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުން ކުރާނީ އެ އެއްޗެއްގެ ވެރިފަރާތުގެ ހުއްދައާއެކު ކްރެޑިޓް ދީގެނެވެ.
- ދިވެހި މީޑިއާ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިފައިވާ ހާއްސަ އިމްތިޔާޒުތަކާއި އިހުތިޔާރުތަކާއި ފުރުސަތުތަކުގެ ފައިދާ ނާޖާއިޒު ގޮތުގައި ބޭނުމެއް ނުކުރާނެއެވެ.
- އިޝްތިހާރު ކުރުން ނުވަތަ ޕްރޮޕެގެންޑާ ފެތުރުން ކަމަށް ބެލެވޭނެ ހާލަތްތަކުން ނޫސްވެރިޔާ ދުރުވާނެއެވެ. އަދި ނޫސްވެރިކަމުގެ ނިވަލުގައި ތިބެ އިންސައިޑާ ޓްރޭޑިން އާއި މާކެޓް މެނިފިއުލޭޝަން ފަދަ ކަންކަމުން ދުރުވާނެއެވެ.
- ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، އަމިއްލަ މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި، ނޫސްވެރިން އެއްކިބާވާނެއެވެ.
އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުން
- ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެއެވެ.
- ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުންކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެއެވެ
- ލާއިންސާނީ އަނިޔާ ނުވަތަ އަނިޔާވެރި މަންޒަރު ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރާނީ އާންމު މަސްލަހަތަށްޓަކައި އެކަން ކޮންމެހެން ކުރަން ޖެހޭ ހާލަތުގައި އެ މިންވަރަށް އެކަންޏެވެ. އަދި އެފަދަ ހާލަތެއްގައި ވެސް، އޭގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފާނޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދޭނެއެވެ.
- މީޑިއާގައި ހަބަރާއި މަޢުލޫމާތު ޝާއިއު ކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިހުތިރާމު ކުރަން ވާނެއެވެ. ޝާއިއު ކުރާ އެފަދަ އެއްޗެއްގައި އެއްވެސް ފަރާތެއްގެ ނަން ބޭނުން ކުރާނަމަ ކުރެވޭ މުއާމަލާތާއި އެނޫންވެސް ތަކެތި ޝާއިއުކުރުމަށް ގަސްދުކުރާކަން ނުވަތަ ނޫންކަން އެފަރާތަކަށް އަންގާނެއެވެ
ނޫސްވެރިކަމުގެ ހަމަތައް ނެގެހެއްޓުން
- ނޫސްވެރިން ހަބަރާއި މައުލޫމާތު ފަތުރާއިރު މައުލޫމާތުދޭ ފަރާތް ހާމަކުރަން އިސްކަންދޭނެއެވެ. ނަމަވެސް ނަން ހާމަކުރަން ބޭނުންނުވާ މަސްދަރުތައް ނޫސްވެރިޔާ ސިއްރުކުރާނެއެވެ. ޝާއިއު ކުރާ މައުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަން ބޭނުން ކުރާނަމަ، ކުރެވޭ މުއާމަލާތާއި އެނޫންވެސް ތަކެތި ޝާއިއުކުރުމަށް ގަސްދުކުރާކަން ނުވަތަ ނޫންކަން އެފަރާތަކަށް އަންގާނެއެވެ.
- ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުންފިލުވައި އަދި ޝާއިއުކުރުމުގައި އެ ހިތާމައެއް ނުވަތަ މާޔޫސްކަމެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނޭކަން ނޫސްވެރިޔާ ޔަގީން ކުރާނެއެވެ.
- ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ޝާއިއު ކުރާއިރު އެކުދިންގެ ކަރާމަތާއި ހައްގުތައް ހިމާޔަތް ކުރާނެއެވެ. އަދި ޖިންސީ، ޖިސްމާނީ، ނުވަތަ ނަފްސާނީ ހާލަތެއްގައި ތިބޭ ކުދިންނާއި، އެހެން ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ޖިންސީ އަނިޔާއެއް ދޭ ކުދިންނާއި، ކުށެއްގައި ތުހުމަތު ކުރެވޭ ކުދިންނާއި، އަދި ހުކުމެއް އިއްވާފައިވާ ކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މައުލޫމާތެއް ބޭނުމެއް ނުކުރާނެއެވެ.
- ޖިންސީ ގޯނާ އާއި ގެވެށިއަނިޔާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތެއް ހާމަކުރާ އިރު، އެފަރާތެއްގެ ރުހުން ނެތި އެއީ ކާކުކަން ހާމަވާ މިންވަރަށް އެ މައުލޫމާތެއް ހާމައެއް ނުކުރާނެއެވެ.
- އަމިއްލައަށް މަރުވުމާއި، ޖިނާއީ ކުށްތަކާބެހޭ މައުލޫމާތު ޝާއިއު ކުރާ އިރު، އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް އެ ކަންކަމުގެ މައުލޫމާތު ޝާއިއު ކުރުމުން ދުރުހެލިވާނެއެވެ.
- ހަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި އާންމު މުޖުތަމައަށް ކޮންމެހެން އެނގެން ޖެހޭ ފަދަ މައުލޫމާތެއް، ސިއްރުކޮށް، ހަގީގަތް ފޮރުވައި އޮޅުވައެއް ނުލާނެއެވެ
- މިނިވަން ނޫސްވެރިކަމެއް ކުރަން ހުރަސް އެޅޭ ފަދަ ގޮތަކަށް ނޫސްވެރިޔަކު ނޫސްވެރިޔަކާ ދެކޮޅަށް އަދި މި މީޑިއާއަކުން އެހެން މީޑިއާއަކާ ދެކޮޅަށް ބިރުދައްކައި ތަފާތުކޮށް ނުވަތަ ފުރައްސާރަ ކުރުމުގެ އެއްވެސް އަމަލެއް ނުހިންގާނެއެވެ.
- މައުލޫމާތު ހޯދުމުގައި "އޮފް ދަ ރެކޯޑް" މައުލޫމާތާއި ނަން ހާމަ ނުކުރާ ގޮތަށް ދޭ މައުލޫމާތާއި އެމްބާގޯ (ވަކި މުއްދަތެއްވަންދެން ޝާއިއުކުރުން މަނާކޮށް) ދޭ މައުލޫމާތު ޝާއިއު ކުރާނީ މައުލޫމާތު ދޭ ފަރާތާއެކު އެއްބަސްވި ގޮތަށް އިހުތިރާމުކޮށްގެންނެވެ.