މީގެކުރިން ފެނަކަ ކޯޕަރޭޝަނުން މ. އަތޮޅުގެ ރަށްތަކުގައި ފޯރުކޮށްދެމުން އައި ޔުޓިލިޓީގެ ހުރިހާ ހިދުމަތްތަކެއް، ސްޓެލްކޯއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މ. އަތޮޅުގެ ހަތް ރަށެއްގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.
މިއަދުން ފެށިގެން ސްޓެލްކޯގެ ބެލުމުގެ ދަށުން ހިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށްއެވެ.
ސްޓެލްކޯއިން މިރޭ ބުނީ އެ ބަދަލަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މ. އަތޮޅުގެ އިތުރުން، ބ. އަތޮޅާއި ޅ. އަތޮޅުގައި ފެނަކައިން ދެމުންދިޔަ ހިދުމަތްތައްވެސް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައެވެ.
ސްޓެލްކޯއަކީ މިހާރުވެސް މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެވެ.
މުހައްމަދު އިޝާން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ކޮމެންޓް