ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް، ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިދިޔަ މަހު ވަނީ މައްސަލަ ނިންމައިފައެވެ. ނަމަވެސް އެ ނިންމުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ގޯސް ނިންމުމެކެވެ. އެ ނިންމުމަކީ ކަނޑުގެ ބޮޑުބައެއް ވިއްކާލައި، ގައުމީ މަސްލަހަތަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން ވަކާލާތު ކޮށްގެން ނިންމި ނިންމުމެއް ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.
ސިޔާސީ މަސްރަހަށް މިހާރު އަންނަމުންދާ ބަދަލުތަކާއެކު، ހީނުކުރާ އެތައް ކަމެއް ރާއްޖޭގެ ސިޔާސީ މައިދާނުން މިދަނީ ފެންނަމުންނެވެ. ޗާގޯސް މައްސަލައިގައި މިވަނީ އަނެއްކާވެސް އާ ކުޅިބައެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ހިޔާލު ތަފާތު، އެކުގައި ދުވަހަކުވެސް ފެނިގެން ނުދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް މިވަނީ އެއް ގަލަކަށް އަރައި މަޑުކޮށްލައިފައެވެ. އަނެއްކޮޅުން ޕީޕީއެމާއި އެމްއާރްއެމް އަނެއްކާ ވެސް އެއްބަސްވެވޭ މައްސަލައެއް އުފަންވެ، އެއް ތަނަކުން މިވަނީ ފެނިގެން ގޮސްފައެވެ.
ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކި ކުރި މައްސަލައިގައި ކުރީގެ އެޓާނީ ޖެނެރަލް އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ޑރ. މުހައްމަދު މުނައްވަރު އިސްނަންގަވައިގެން މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްތަނަކުން ފެނިގެންދިޔައީ ހިޔާލު ތަފާތު ފިކުރުތަކެވެ. އެއީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްއެންޕީ އަދި އެމްއާރްއެމްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.
މި ހުރިހާ ފިކުރެއްގެ ބޭފުޅުންވެސް ނުކުމެވަޑައިގެން ތިއްބެވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ވިއްކާލި" ބައި ހޯދުމަށް ކަމަށް ވިދާޅުވެއެވެ. ބަހަނާއަކަށް ވެސް ވެދާނެއެވެ. އެއް ކަމެއް ސާފެވެ. މިހާރު އޮތް ސަރުކާރު ކަމުނުދާ ކަމަށް އެ ހުރިހާ ބޭފުޅުންވެސް އިއްތިފާގުވެ އެވެ. އެހެންކަމުން "ވިއްކާލި" ސަރަހައްދު ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ނުކުތުމުން މިވަނީ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައެވެ. ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް، ހިޔާލު ތަފާތު ފަރާތްތަކެއް އެކުގައި ފެނުމުންނެވެ. ބައެއް ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ބޮޑު ކޯލިޝަނަށެވެ. މިއީ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާ ނުވަތަ ފައްކާ ކުރަމުންދާ ކޯލިޝަނެވެ. އެކަން އެގޮތަށް ގަބޫލު ކުރެވޭ ސަބަބުތައްވެސް މަދު ނޫން ކަމަށް އެ ތުހުމަތު ކުރާ މީހުން ބުނެއެވެ.
ޗާގޯސް މައްސަލައިގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެ މަނިކުފާނަކީ މި ސަރުކާރާ ދެކޮޅު ބޭފުޅެއް ކަމަށް ފާޅުގައި ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ކޯލިޝަނުން ގެންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
ފިކުރެއްގެ ދިރުމުގެ ބޭފުޅުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން އެއްކޮށް މަޖިލީހުގައިވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޗާގޯސް މައްސަލަ ފެންމަތިވެ، ނަޝީދާއި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭހެން އިދިކޮޅު ކޯލިޝަނުން ވަނީ މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވައިފައެވެ. ރައީސް ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅަކީވެސް ނަޝީދެވެ. އެހެންކަމުން އެމަނިކުފާނުވެސް މިހާރު ހިމެނިވަޑައިގަންނަވަނީ އިދިކޮޅުގައެވެ.
"ޗާގޯސް މައްސަލާގައި ހިމެނެނީ ސީދާ ރައީސް އިބޫ ސޯލިހު އިހުމާލުވުން ކަމަށާއި އެކަމުގައި އެހެން އެއްވެސް ވަޒީރެއް ނުވަތަ އެހެން މީހެއް ނުހިމެނޭ ކަމަށާއި އެހެންކަމުން އިތުބާރު ނެތް ކަމަށް ހުށަހަޅަންޏާ ހުށަހަޅަން ޖެހޭނީ، ރައީސް ސޯލިހުގެ މައްސަލަ ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވާ،" ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވެއެވެ.
އަނެއްކޮޅުން ޗާގޯސް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއް، ނަމަވެސް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވުމާ ގުޅިގެން، އެ ޕާޓީއަށްވެސް މި ސަރުކާރު މިވަނީ ގޯސްވެފައެވެ. ސަރުކާރަށް ފާޑު ކިޔުން އިތުރުވެ، ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޖޭޕީވެސް މިވަނީ ހިމެނިފައެވެ.
މި ހުރިހާ ދުވަސްވީ އިރުވެސް ގޮތެއް ނޭނގި އޮތް ޕާޓީއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމް އެވެ. އެޕާޓީން ޗާގޯސް ކޯލިޝަނާއެކު މަސައްކަތް ކުރާ ފެށުމުން، ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޕާޓީން އިސްތިއުފާދެއްވައިފައެވެ.
ދެން އޮތީ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އެވެ. އެޕާޓީން ސަރުކާރާ ދެކޮޅުކަން އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. މާ ކުރީންވެސް އިއުލާނު ކޮށްފައިވާ ކަމެކެވެ.
އެހެންކަމުން މި ހުރިހާ ފިކުރެއް އެކީގައި ރިޔާސީ އިންތިހާބުގައި ފެނިގެން ހިނގައިދާނެ ކަމަށް ދެކޭ ބަޔަކު އުޅެއެވެ. އެއީ މި ހުރިހާ ފަރާތްތަކުންވެސް ބޭނުންވާ އެއް ކަމެއް އޮތުމުންނެވެ. މި ސަރުކާރަށް ދެވަނަ ފުރުސަތެއް ނުދިނުމެވެ. އެމަސައްކަތް ވެސް މިހާރު މަޑުމަޑުން އޮތީ ފަށައިފައެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތްތައް ފެށުމަކީ ވަރުގަދަ އިންޒާރުތަކެކެވެ.
ޗާގޯސް ކޯލިޝަން ރިޔާސީ އިންތިހާބުން އެކުގައި ފެންނާނެ ކަމަށް ތުހުމަތުކުރާ ބަޔަކު އުޅުނަސް، އެއީ އެ ކޯލިޝަންގެ ވިސްނުން ނޫން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި މި ކޯލިޝަނަކީ ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލު ކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިފައިވާތީ، އެކަމުގެ ކަންބޮޑުވުން އޮތުމުން، ގައުމީ މަސްލަހަތަށްޓަކައި މަސައްކަތް ކުރުމަށް އެކުވެފައިވާ ކޯލިޝަނެކެވެ.
"އިމުގެ މައްސަލައިގައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރި ނަމަވެސް، ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުވަތަ މަޝްވަރާއެއް ކުރެވިފައެއް ނުވާނެ،" އަލީ ހުސެއިން ވިދާޅުވިއެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިގައުމު ކުރިމަތިލި އިރު، އޭރުގެ ސިޔާސީ މަސްރަހު އޮތީ އެކަކުވެސް ހީކުރި ގޮތަކަށް ނޫނެވެ. ދުވަހަކުވެސް އެކުގައި ނުފެންނާނެ ކަމަށް ގަބޫލުކުރި އެތައް ބަޔަކު ފެނިގެންދިޔައީ އެކުގައެވެ. ފެނިގެންދިޔައީ ހިޔާލުތަފާތު ފިކުރުތަކުގެ ބޭފުޅުން އެއްގަލަކަށް އަރައި ތިއްބެވި މަންޒަރެވެ.
އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު ދެ ބޭފުޅުންނަކީ ރައީސް ނަޝީދާއި ރައީސް މައުމޫނެވެ. އެ ދެބޭފުޅުންނަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިގެންދިޔައި އެންމެ ބޮޑު ދެ ހަތުރުންނެވެ. އެކުގައި ދުވަހަކުވެސް ފެނިގެންދާނެ ކަމަށް އެކަކުވެސް ގަބޫލު ކޮށްފައެއް ނުވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިމަތިލި އިރު، އެ ދެބޭފުންނަކީ "އެކައްޗެ"ކެވެ. އެއް އަޒުމަކަށް މަސައްކަތް ކުރެއްވި ދެބޭފުޅުންނެވެ.
ހަމަ އެގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަދާލަތު ޕާޓީ އާއި އެމްޑީޕީ އަދި ގާސިމްގެ ޖުމްހޫރީ ޕާޓީއަކީވެސް ހިޔާލު ތަފާތު، ތަފާތު ފިކުރުތަކުގެ ޕާޓީތަކެވެ. އެހެނަސް، އެހުރިހާ ޕާޓީއެއް އެއް ގަލަކަށް އަރައި، ރިޔާސީ އިންތިހާބަށް ތައްޔާރުވީ އެކުގައި އިންތިހާބު ކާމިޔާބު ކުރުމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު މި ހުރިހާ ފަރާތްތަކެއްގެ ވެސް އަޒުމަކަށް ވީ އެއް އަޒުމެކެވެ. އެއް ގޯލެކެވެ. އެއީ އެއިރު އޮތް ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނައުމެވެ. ރައީސް އަބްދުﷲ ޔާމީނަށް ދެވަނަ ދައުރެއް ނުދިނުމެވެ. އެ ސަރުކާރަށް އިތުރު ފުރުސަތެއް ނުދިނުމެވެ. އެކަން އެ ޕާޓީތަކުން ވަނީ ކާމިޔާބުވެސް ކޮށްފައެވެ.
އެހެންކަމުން ޗާގޯސް މައްސަލައިން އުފެދުނު މި ކޯލިޝަނަކީ ރިޔާސީ އިންތިހާބުގައި ފެނިދާނެ ޓީމެއް ކަމަށް މީހުނަށް ހީވަނީއެވެ. ފިކުރު ތަފާތުވިޔަސް، އެ ހުރިހާ ފަރާތްތަކުގެ "ގޯލް" އަކީ އެކައްޗެކެވެ. އެއީ 2018 ވަނަ އަހަރުވެސް ފެނިގެންދިޔަ މަންޒަރެވެ. ހަމަ އެ "ގޯލެ"ވެ. އެއީ މި ސަރުކާރަށް ދެވަނަ ފުރުސަތެއް ނުދިނުމެވެ. ދެވަނަ ދައުރެއް ރައީސް ސޯލިހަށް ނުދިނުމެވެ.
"2018 ވަނަ އަހަރާއި މިހާރުވެސް ފެނިގެން މިދަނީ އެއް ކަންތައްތަކެއް. އޭރުވެސް ފެނިގެން ދިޔައީ ހިޔާލު ތަފާތުވި ނަމަވެސް، އެއް އަމާޒަކަށް މަސައްކަތް ކުރި މަންޒަރު، އެއީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ނުދިނުމަށް ކުރި މަސައްކަތް. މިއަދުވެސް ފެނިގެން ހަގީގަތުގަ ހަމަ އެ މަންޒަރު. އެ ހުރިހާ ފަރާތްތަކުގެވެސް ގޯލަކީ ހަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދިނުން. އެހެންކަމުން މި ކޯލިޝަން ރިޔާސީ އިންތިހާބުގައި ފެނިގެން ނުދާނެ ކަމަށް ބުނެވޭކަށް ނެތް،" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު "ވަން" އަށް ވިދާޅުވިއެވެ.
ދެހާސް އަށާރަ ވަނަ އަހަރާއި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކަންކަން އެއްގޮތެއް ނޫނެވެ. ސަބަބުތައް އެބަހުއްޓެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކައިރިވި އިރު، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައެވެ. އަނެއް ބަޔަކު ތިބީ މަޖުބޫރުވެގެން އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ. އެހެންވެ، އެފަހަރު އެންމެނަށް އެއްބަސްވެވޭ ކެންޑިޑޭޓަކާއެކު، އެއްބުރުން އިންތިހާބު ކާމިޔާބުކުރަން ނުކުންކަން މަޖުބޫރުވީއެވެ. ރައީސް ސޯލިހަކީ ކެންޑިޑޭޓް ކަމަށް ނިންމައި، ޕާޓީތަކުން އެއް ކެނޑިޑޭޓަކާއެކު އިންތިހާބަށް ނުކުތީއެވެ.
އެހެނަސް އެފަހަރާއި މިފަހަރުގެ ތަފާތަކީ ގިނަ ކެންޑިޑޭޓުންތަކެއް ތިއްބެވުމެވެ. މިހާރު އުފެދިފައިވާ ޗާގޯސް ކޯލިޝަންގައި ހިމެނޭ ތިން ޕާޓީގެ ތެރެއިން ދެ ޕާޓީން ވަނީ އެފަރާތްތަކުގެ ކެންޑިޑޭޓުން އިއުލާންކޮށް، އިންތިހާބަށް ތައްޔާރުވާން ފަށައިފައެވެ. އެއީ ޖޭޕީ އާއި އެމްއެންޕީއެވެ. ޑރ. މުނައްވަރާއި އުމަރު ނަސީރުވެސް ވަނީ ކުރިމަތިލައްވަން ނިންމަވައިފައެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ނަމަވެސް، ހާލަތު އަދި އޮތީ އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތަކަށް ނޫނެވެ. އެހާލަތު އޮތް ނަމަވެސް އެ ޕާޓީން ގާސިމް އަދި އެހެން ކެނޑިޑޭޓެއްގެ ފަހަތަށް ނާރާނެ ކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އެ ހާލަތު ބަދަލުވުކަމީ ނެތް ކަމެއް ނޫނެވެ.
"ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީވެސް އަޅުގަނޑުމެން، އެކަން އަދިވެސް އޮތީ އެގޮތުގައި ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ވިސްނުމެއް އަދި ނެތް،" ޕީޕީއެމްގެ ނަިއބު ރައީސް ސިޔާމް ވިދާޅުވެފައިވެއެވެ.
އެހެނަސް، ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަން އޮތް މިންވަރުގެ ސަބަބުން ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ. އެއް ބުރުން އެއްވެސް ބޭފުޅަކަށް ކާމިޔާބެއް ނުކުރެއްވޭނެއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ، ވާދަ ކުރައްވަން ހުންނަވާނެ އެއް ބޭފުޅަކީ ރައީސް ސޯލިހެވެ. އަދި ދެވަނަ ބުރުގައި ދެން ހުންނަވާ ކެންޑިޑޭޓަކާ އެކު، ޗާގޯސް އިއްތިހާދު ފެނިގެން ދިއުމުގެ ޖާގާ އޮތް ކަމަށް އެބޭފުޅުން ގަބޫލުކުރައްވައެވެ.
"ހަގީގަތުގައި އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދު ރައީސް ސޯލިހަށް އެބައޮތް، އަނެއްކޮޅުން ރާއްޖޭގެ ރަށްރަށަށް އަސާސީ ގިނަ ކަންކަން ކޮށްދެއްވި ރައީސަކީ ރައީސް ސޯލިހް ކަމަށް އެރަށްތަކުގެ މީހުން ބަލައިގަނޭ. އެހެންވެ ދެވަނަ ބުރުގައި ރައީސް ސޯލިހް ހުންނަވާނެ އެކަމަށް ޝައްކެއް ނެތް. އެހެން ނަމަވެސް ދެން ހުންނަވާނެ ކެންޑިޑޭޓަކީ ކޮބައިކަން އަދި ދަންނަވަން ދަތި. އެކަމަކު މިހާރު ޗާގޯސް މައްސަލައިގައި މި އުފެދިފައިވާ ކޯލިޝަން ދެން ހުންނަ ކެނޑިޑޭޓަކާ އެކު ފެނިގެން ދިއުމުގެ ފުރުސަތު ބޮޑު. އެއީ އެ ހުރިިހާ ބޭފުޅުން ވެސް ބޭނުން ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދޭން. އަނެއްހެން ބުނާނަމަ، އެންމެންގެ ވެސް ކޮމަން އެނެމީ އަކީ ރައީސް ސޯލިހު. ސޯ އެ ކޯލިޝަން އެކުގައި ދެވަނަ ބުރުގައި ފެނުން ވަރަށް ގާތް،"
ޗާގޯސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށްބުނެ، އުފެދިފައި މިވާ "ޗާގޯސް ކޯލިޝަން" އަކީ ހަމަ އެކަނި އެ މައްސަލައަށް ވުޖޫދުވި ކޯލިޝަނެއް ކަމަށް ގަބޫލު ކުރަން އޮތީ ދަތިވެފައެވެ. މި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ފެނިގެން ދަނީ އެއް "ގޯލެ"ކެވެ. އެއީ މިހާރު އޮތް ވެރިކަން ބަދަލު ކުރުމެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކުޅިބައި އަލުން އަތުރައި، ރިޔާސީ އިންތިހާބަށް ކޯލިޝަނެއް "ފައްކާކޮށް" އެއް ކެންޑިޑޭޓެއްގެ ފަހަތުން ފެނިގެން ދިއުމަކީ ނުވާނެ ކަމަށް ބެލެވޭކަށް ނެތެވެ. ރައީސް ސޯލިހުވެސް ދުލެއް ނުދެއްވާނެ އެވެ. އެ މަނިކުފާނަކީ މައިދާނުގައި ހުންނެވި އެންމެ ދޮށި، އަދި ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އިއް ލީޑަރެވެ. "ވިނިން ފޯމިއުލާ" ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ. ސިޔާސީ މަސްރަހަށް އަދި ވަރަށް ގިނަ ބަދަލުތައް އަންނާނެ އެވެ. އޮތީ ކުޅިބަލާން ތިބުމެވެ.