އީރާނަކީ ކިހައިވަރެއްގެ ބާރެެއް ބާވައެވެ؟ އެއީ އެމެރިކާޔާއި ހުޅަނގުން ސިފަކޮށްދޭ ބީދައިން ބަލިކަށިވެ ނިކަމެތިވެފައިވާ ގައުމެއް ހެއްޔެވެ؟ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުން ދަތިވެ ނޭވާހޮޅިއަށް އެޅިފައިވާ ގައުމެއް ހެއްޔެވެ؟ ނޫނެކެވެ. ހަގީގަތަކީ މިދެންނެވި ކަންކަމުގެ ދިމާއިދިކޮޅެވެ. އީރާނަކީ މިވަގުތު މެދުއިރުމަތީގައިވާ އެންމެބޮޑު އެއްބާރެވެ. އީރާނުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަން ބިނާކުރަނީ އީރާނަށް ލިބިގެންވާ އާރާއި ބާރުގެ މަތީގައެވެ. އީރާނަށް މިވަގުތު ލިބިފައިވާ ބާރާއި ހާސިލްކުރެވިފައިވާ މަގާމަކީ މިފަހުގެ ތާރީޚުގައި އަލަށް ލިބިފައިވާ މަގާމެކެވެ. ފާއިތުވި ސާޅީސް އަހަރު އެމެރިކާޔާއި އެމެރިކާގެ ބައިވެރިން ކެނޑިނޭޅި މަސައްކަތް ކޮށްފައިވަނީ އެކިގޮތްގޮތުން އީރާނު ބައްދާލައި ނިކަމެތިކޮށް ކުޑަކަކޫ މައްޗަށް ތިރިކުރުމަށެވެ. އެގައުމުގެ އެތެރޭގައި ހައިޖާނު އުފައްދައި ބައިބައިކޮށް ހަލާކޮށް ނައްތައިލުމަށެވެ. އެކަންކަމުން ނެރެވުނު ނަތީޖާއަކީ ކޮބައިހެއްޔެވެ.
މިއަދުގެ އީރާނަކީ ހުރިހައި ގޮތަކުންވެސް މާވަރުގަދަ އީރާނެކެވެ. އާރާއިބާރު ހުރި އީރާނެކެވެ. ދުނިޔޭގެ ކުރިމަތީގައި ދަރަޖަ އުފުލިގެންވާ ގައުމެކެވެ. ގިނަބަޔަކު އިހުތިރާމްކުރާ ގައުމެކެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގައެވެ. އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި އެއަށްވުރެ ވަކި ނުފޫޒުގަދަ ގައުމެއްވެސް މިވަގުތަކު ނެތެވެ. މިކަންކަން މިމަގުން ހިނގީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އީރާނު ބަލިކަށިކޮށް ނައްތައިލުމަށް އެމެރިކާ އިސްވެ އޮވެގެން އެތައްއެތައް ކަމެއް ކުރަމުން ގެންދަނިކޮށެވެ. މި މަގާމަށް އީރާނު ވާސިލްވުމުގެ ސިއްރަކީ ހިތްވަރާއި ކެރުމެވެ. އަރަބި ގައުމުތަކުގެ ތެރެއިން ހަމައެއްވެސް ބަޔަކު ނުކުރާ އަދި ކުރަންވެސް ނުކެރޭ ކަންކަން އީރާނުން ކުރުމުންނެވެ. އެއީ ކޮންކޮން ކަންތަކެއް ބާވައެވެ. އެމެރިކާގެ ބިރުދެއްކުންތަކާއި ގޯނާކުރުންތަކުގެ ކުރިމަތީގައި ކެރިގެން ނޫނެކޭ ބުނެފިއެވެ. ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ތެދުވެއްޖެެއެވެ. އީރާނުގެ އަސްކަރީ ވަސީލަތްތަކާއި އީރާނުގެ ނުފޫޒުފޯރާ ޖަމާއަތްތައް އަނިޔާއާ ދެކޮޅަށް ރުކުރުވާލައި ބޭނުންކުރަން ފަށައިފިއެވެ.
މިއީ އަރަބި އެއްވެސް ސަރުކާރަކަށް ކުރަން ކެރުނު ކަމެއް ނޫނެވެ. ކުރަން ހިތަށްއެރި ކަމެއްވެސް ނޫނެވެ. މިކަންކަމުގެ އަދަބު ލިބިދާނެތީ އަދި ލިބޭތީ އީރާނު ކަންބޮޑެއް ނުވެއެވެ. ޖެހިލުމެއް ނުވެއެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަމަލުން ކަމެއް ދައްކަން ކެރުނު އިސްލާމީ ހަމައެކަނި ގައުމަކީ އީރާނެވެ. ލުބުނާނުގެ ރައްޔިތުންގެ ހައްގުގައިވެސް އަމަލުން ކަމެއް ކުރަން ކެރުނު އިސްލާމީ ހަމައެކަނި ގައުމަކީ އީރާނެވެ. އެކަންކަމުގެ އަގު އަދާކުރުމުގެ ހިތްވަރާއި ކެރުންހުރި އިސްލާމީ ހަމައެކަނި ދައުލަތަކީވެސް އީރާނެވެ. ހަގުރާމަޔާއި ވީރާނާކަން ކުރިމަތިވިޔަސް ވަރިހަމަކޮށްފައި ހައްގުބަސް ބުނެ ހައްގުގެ މަގުން ކުރިއަށްދާން ކެރުނު އިސްލާމީ ހަމައެކަނި ގައުމަކީވެސް އީރާނެވެ. މިދިޔަ އަހަރުގެ ޖޫންމަހު އެމެރިކާޔާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ބާރަދުވަހުގެ ހަގުރާމައިގެ މަގުސަދަކީ އީރާނަށް އަދަބު ދިނުމެވެ.
މިއަހަރުގެ ފެބްރުއަރީ އަށާވީސް ވަނަ ދުވަހުން ފެށިގެން ހުސްވި ހަފުތާއާ ހަމަޔަށް އެމެރިކާއިން ކުރި ހަގުރާމައަކީވެސް މިދެންނެވި ކަންކަމުގެ ސަބަބުން އީރާނަށް އަދަބު ދިނުމުގެ ނިޔަތުގައި ހިންގި ހަގުރާމައެކެވެ. އަރަބި ގައުމުތަކުގެ ތެރެއިން މިސްރާއި ސައުދީއަރަބިޔާ އާއި އަލްޖީރިޔާއަކީ އަސްކަރީ ކެރިކުޅަދާނަކަން ހުރި ގައުމުތަކެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ކުވޭތާއި ގަތަރާއި އޮމާނާއި ސައޫދީ އަރަބިޔާގައި ހައްދެއްނެތް މިންވަރަށް ފައިސާ އެބަހުއްޓެވެ. މިދެންނެވި ބާރާއި ފައިސާޔަކީ ލުބުނާނާއި ގާޒާގެ ރައްޔިތުންގެ ކެކުޅުންތަކަށް ބަދަލު ގެނެވިދާނެ ތަކެއްޗެވެ. އެކަމަކު އެއިން ގައުމަކުން ކުރި ހަމައެއްކަމެއްވެސް ނެތެވެ. އެމެރިކާ ދެކެ ގަންނަ ބިރެެއްގެ ބޮޑުކަމުން ފަސްޖެހިފައި ތިބީއެވެ. އީރާނު ފެނުނީ ގިނިކަންޏާ ނުކުމެ އަނިޔާއާ ދެކޮޅަށް ހަރަކާތްތެރިވި ހަމައެކަނި ގައުމު ކަމުގައެވެ. އަރަބި ގައުމުތަކުގެ ރައްޔިތުންތިބީ ނިދާފައެއް ނޫނެވެ. އެއީ އެތައް ސަތޭކަ މިލިޔަން މީހުންނެވެ. އެމީހުން ނިސްބަތްވާ ސަރުކާރުތަކުން އެއްޗެއް ނުބުންޏެއް ކަމަކު އާދައިގެ ރައްޔިތުން އެތިބީ އީރާނަށް ސެލިއުޓް ކުރުމުގައެވެ.
އިސްލާމީ ދުނިޔެއަށް ބަލައިލާއިރު ތުރުކީވިލާތާއި ޕާކިސްތާނާއި ބަންގްލަދޭޝާއި އިންޑޮނީޝިޔާއާއި މެލޭޝިއާގެ ރައްޔިތުންވެސް އެތިބީ އީރާނަށް ސެލިއުޓް ކުރުމުގައެވެ. ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުންވެސް ޝުއޫރުތައް ބަންޑުންވަމުންދާތީ އިވެނީ އަދި ފެންނަނީ އީރާނާ އެއްކޮޅަށެވެ. އެއީ ކީއްވެގެން ހެއްޔެވެ. އިސްލާމީ ދުނިޔޭގެ ކުދިބޮޑު އެންމެހައި ގައުމުތަކުގެ ރައްޔިތުން ތިބީ ވާނުވާ ބެލުމުގައެވެ. މިސްރުން ކަމެއް ކުރިތަނެއް، ސައޫދީ އާއި އެމިރޭޓްސް އިން ކަމެއްކުރިތަން އެމީހުން ނުދެކެއެވެ. އެހެނެއް ނޫނެވެ. އީރާނުން ކުރިކަންތައް ފެނުނެވެ. އީރާނުންވީ ގުރުބާނީތައް ފެނުނެވެ. އެހެންވީމާ އެމީހުންގެ ލޯތްބާއި ރުހުން އީރާނަށް ލިބުނީއެވެ. ދެންއޮތީ އަދި މާމުހިންމު ކަމެކެވެ. އިސްލާމީ ދުނިޔޭގެ ހުންގާނު މިހައިތަނަށް އޮތީ ސުންނީ ގައުމުތަކުގެ އަތްމަތީގައެވެ. މިސްރާއި ސައޫދީ އަރަބިޔާ ކަހަލަ ގައުމުތަކުގެ އަތްމަތީގައެވެ.
ބަސްބުނެ ހަރަކާތްތެރިވާންވީ ދަނޑިވަޅުގައި މިދެންނެވި ގައުމުތަކަށް އެކަން ނުކުރެވުނީމާ އިސްލާމީ ދުނިޔޭގެ ހުންގާނު އެލިބުނީ އީރާނަށެވެ. ޝީއީންނަށް އަޣުލަބިއްޔަތު ލިބިފައިވާ އީރާނަށެވެ. މިއީ މިއަދު އެންމެންވެސް ގަބޫލުކުރަން ޖެހިފައިއޮތް ހަގީގަތެކެވެ. އިސްލާމީ ދުނިޔޭގެ ސަރުކާރުތަކުން އަދި ކޮންމެ އެއްޗެއް ބުނިކަމުގައިވިޔަސް އެތަންތާގެ ރައްޔިތުން އެތިބީ މިހަގީގަތް ގަބޫލުކޮށްގެންވެ. އިސްލާމުންނަށްޓަކައި އަމިއްލަ ފުރާނަ ގުރުބާންކުރަން ކެރޭ ބަޔަކު ތިބީ ޝީއީ އީރާނުގައިކަން އެމީހުން ގަބޫލުކޮށްފިއެވެ.
ފަލަސްތީނުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ލުބުނާނުގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ތެދުވެ އަމިއްލަ މޭ އައްޑަނަޔަކަށް ހަދަން ކެރުނު ހަމައެކަނި ދައުލަތަކީ އީރާނުކަމަށް ވުމުން ދެން އިސްލާމީ ދުނިޔޭގެ ކަންކަން އީރާނާ ނުލައި ނުނިންމޭނެއެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ މެދުއިރުމައްޗާއި އިސްލާމީ ދުނިޔެއަށް އައި ބޮޑުވެގެންވާ ބަދަލެކެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް