އީރާނާއި އެމެރިކާގެ ސުލްހަނާމާގެ ދެލިކޮޕީ އެކުލަވާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން ވަނީ އޭގެ ސޮފްޓް ކޮޕީގައި މިހާރު ސޮއިކުރައްވައިފައެވެ. ދުރުގައި ތިއްބަވައިގެން އިލެކްޓޯނިކް ވަސީލަތަކުންނެވެ. އެއްތަނަކަށް ހާޒިރުވެ ތިބެގެން އެންމެންގެ ކުރިމަތީގައި ހާޑްކޮޕީއެއްގައި ސޮއިކުރުމަކީ މިޒާތުގެ ކަންކަން ކުރަންޖެހޭގޮތް ކަމުގައިވާތީ ހުކުރުދުވަހު ސުވިޒަރލެންޑުގެ ޖެނީވާގައި އެކަންވެސް އޮތީ ނިންމައިފައެވެ. މިހާރު ކުޑަކޮށް ފަސްކޮށްފައެވެ. އެމެރިކާގެ ފަރާތުން ނާއިބުރައީސް ޖޭޑީ ވޭންސާއި އީރާނުގެ ފަރާތުން ޕާލަމަންޓުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލީބާފެވެ. އިލެކްޓޯނިކް ވަސީލަތް ބޭނުންކޮށްގެން ސޮފްޓް ކޮޕީގައި އީރާނުގެ ފަރާތުން ރައީސް ޑރ. ޕަޒިޝްކިޔާނު ސޮއިކުރައްވައިފައި ހާޑްކޮޕީގައި ޕާލަމަންޓްގެ ސްޕީކަރު ސޮައިކުރައްވަން ހަމަޖެހުމުގެ ސިއްރަކީ ކޮބައިބާވައެވެ. އެކަމުގެ ފަހަތުގައި ވަރަށް މުހިންމު ސަބަބެއް ނުވަތަ ސަބަބުތަކެއް ވެއެވެ. ތަހުލީލުކޮށްގެން ބަލައިލަމާބަހީއެވެ.
އީރާނުގެ އަސްކަރިއްޔާ ބެހިގެންވަނީ މައިގަޑުގޮތެެއްގައި ތިންބަޔަކަށެވެ. އެއީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް، އައިއާރުޖީސީ އާއި ބަސީޖް މިލީޝިއާ އާއި ރެގިއުލަރ ސިފައިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކާ ޚިލާފަށް އީރާނުގައި އެންމެ ބާރުގަދައީ ރެގިއުލަރ ސިފައިންނެއް ނޫނެވެ. އައިއާރުޖީސީއެވެ. މިއީ ގައުމިއްޔަތުގެ އިތުރުން ދީނީ ފިކުރުގެ މަތީގައި އުފަންކުރެވިފައިވާ ލަޝްކަރެކެވެ. އައިއާރުޖީސީއަކީ ހަމައެކަނި އެއްގަމުގެ ލަޝްކަރެއް ނޫނެވެ. ވަޔާއި ކަނޑާއި ޖައްވުގެ ގޮފިތަކެއްވެސް އެބަހުއްޓެވެ. ތައުލީމާއި ތަމްރީނާއި ކުޅިވަރާއި އިމާރާތްކުރުމުގެ ދާއިރާތަކަށް ޚާއްސަ ގޮފިތަކެއްވެސް އެބަހުއްޓެވެ. ހުރިހާގޮތަކުންވެސް އީރާނުގެ އެންމެ މުހިންމު ބަޔަކީ އައިއާރުޖީސީއެވެ. އީރާނުގެ އިންގިލާބު ދަމަހައްޓައި ދިފާއުކުރުމުގެ އިތުރުން އީރާނުގެ ތަރައްގީގެ މައިގަނޑު ތަނބަކީވެސް އައިއާރުޖީސީއެވެ. މިސަބަބާހެދި އީރާނުގެ ސިސްޓަމް ފޭލްކޮށް އީރާނު ނިކަމެތި ކުރުމަށް ފޫގަޅައިގެންއުޅޭ ފަރާތްތަކުގެ އަމާޒަކަށް އައިއާރުޖީސީ ވަނީ ހަދާފައެވެ.
އަައިއާރުޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކޮށް އެމެރިކާވެސް ހިމެނޭހެން ހުޅަނގުގެ ގާތްގަޑަކަށް ހުރިހާ ގައުމެއްގައި އައިއާރުޖީސީ ވަނީ ބްލެކްލިސްޓް ކޮށްފައެވެ. އެ ލަޝްކަރުގައި ޚިދުމަތްކުރި އަދި ކުރާ އެންމެންނާއި އެ ލަޝްކަރާއި މުއާމަލާތުކުރާ ހުރިހާ ފަރާތްތަކެއްވެސް ހިމެނޭހެންނެވެ. އެމެރިކާއިން އައިއާރުޖީސީ ރަސްމީގޮތުން ބްލެކްލިސްޓްކޮށް އެ ލަޝްކަރާ ދެކޮޅަށް ފިޔަވަޅުއެޅީ އިޒްރޭލުން އެކަމަށްއެދި މަސައްކަތްކުރާތާ އެތަކެއް އަހަރުފަހުން 2019 ގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރަތަމަ ދައުރުގައެވެ. އީރާނުގެ ޕާލަމަންޓުގެ މިހާރުގެ ސްޕީކަރު މުހައްމަދު ބާގިރު ގާލީބާފަކީ އައިއާރުޖީސީގައި ފަންސަވީސް އަހަރު ހޭދަކުރެއްވި އެ ލަޝްކަރުގެ ކުރީގެ ކޮމާންޑަރެކެވެ. ބްރިގޭޑިއަރ ޖެނެރަލެކެވެ. އޭނާ އައިއާރުޖީސީން ރިޓަޔަރ ކުރެެއްވީ ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތުމަށްޓަކައި 2005 ވަނަ އަހަރުއެވެ. ގާލީބާފަކީ އާދައިގެ ކޮމާންޑަރެއް ނޫނެވެ. އޭނާއަކީ އައިއާރުޖީސީގެ ބާނީއެކެވެ. ތަނބެކެވެ.
މުހައްމަދު ބާގިރު ގާލީބާފް އައިއާރުޖީސީއާ ގުޅިވަޑައިގެންނެވީ އުމުރުން އެންމެ ނަވާރަ އަހަރުގައި 1980 ވަނަ އަހަރުއެވެ. އީރާނާއި އިރާގު ހަގުރާމައިގެ ކުރީކޮޅުއެވެ. އެ ހަގުރާމަ ނިމުނުއިރު އޭނާއަކީ އިމާމް ރިޒާ ބްރިގޭޑާއި ފަސްވަނަ ނަސްރު ޑިވިޝަނުގެ ޗީފް ކޮމާންޑަރެވެ. އޭގެފަހުން ދެން ޚިދުމަތްކުރެެއްވީ އައިއާރުޖީސީގެ ޚާތިމުލް އަންބިޔާއު ކޮންސްޓްރަކްޝަން ހެޑްކުއާޓަރުގައެވެ. އެ ގޮފީގެ އެންމެ އިސް ކޮމާންޑަރުގެ ގޮތުގައެވެ. އޭގެފަހުން ދެން އައިއާރުޖީސީގެ އެއަރފޯހުގެ އެންމެ އިސް ކޮމާންޑަރުގެ ގޮތުގައިވެސް އަހަރުތަކެއް ހޭދަކުރެއްވިއެވެ. އައިއާރުޖީސީން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ގައުމުގެ އެތެރޭގެ ސަލާމަތާބެހޭ ލަޝްކަރުގެ ވެރިޔާގެ ގޮތުގައެވެ. މި ދެންނެވި މަގާމުތައް އަދާކުރެއްވުމާއި އައިއާރުޖީސީ ވަރުގަދަ ކުރެެއްވުމަށް ގާލީބާފް އަދާކުރެއްވި ދައުރުގެ ސަބަބުން އޭނާއަކީ ހުޅަނގުގެ ބައެއް ގައުމުތަކުން ބްލެކްލިސްޓްކޮށްފައިވާ ބޭފުޅެކެވެ. އެކަމަކު އެކި ގައުމުގައި އެކިވަރަށެވެ.
އެމެރިކާ، ކެނެޑާ، ޔޫރަޕުގެ އިއްތިހާދުގެ ގައުމުތައް، އަދި އޮސްޓްރޭލިޔާ އާއި ނިއުޒިލެންޑްވެސް ހިމެނޭހެން މުހައްމަދު ބާގިރު ގާލިބާފާ ދެކޮޅަށް އެކިކަހަލަ ފިޔަވަޅުތައް އެޅިފައިވެއެވެ. އޭނާއަކީ ޓެރަރިސްޓެއްކަމަށް ލޭބަލްކޮށްފައެވެ. އޭގެތެރޭގައި އެ ގައުމުތަކަށް އެތެރެވުން މަނާކުރުމާއި އޭނާއާ މުއާމަލާތުކުރުން ކުށަކަށް ހެދުމާއި މުދަލާއި ފައިސާ ހިފެހެއްޓުމާއި އޭނާގެ އާއިލާގެ މެންބަރުންވެސް ބްލެކްލިސްޓްކުރުން ހިމެނެއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އެކި ގައުމުތަކުގައި މިފިޔަވަޅުތައް އެޅިފައިހުރީ އެކިމިންވަރަށެވެ. މިކަންކަން މިހެންހުއްޓައި އެމެރިކާޔާއި އީރާނުގެ ސުލްހަނާމާގެ ހާޑްކޮޕީގައި އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސާއެކު އީރާނުގެ ފަރާތުން ސޮއިކުރައްވާ ބޭފުޅަކީ މުހައްމަދު ބާގިރު ގާލިބާފް ކަމަށް އީރާނުން ނިންމި ނިންމުމަކީ ވަރަށްވެސް ސްމާޓް ވަރަށްވެސް ހިކުމަތްތެރި ނިންމުމެކެވެ. ހުޅަނގުގެ ނިންމުންތަކަކީ ދެކޮޅުނުޖެހޭ ނިންމުންތަކެއްކަން މުޅިދުނިޔެއަށް ހާމަކުރުމަކީ އީރާނުގެ މަގުސަދެކެވެ.
އެއްކޮޅުން އެތިބީ އައިއާރުޖީސީ ބްލެކްލިސްޓްކޮށް އެ ލަޝްކަރާ މުއާމަލާތުކުރުން ހުއްޓާލައިގެންނެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އައިއާރުޖީސީގައި ޚިދުމަތް ކުރެއްވި ސީނިއަރ ހުރިހާ ކޮމާންޑަރުން ޓެރަރިސްޓުންނަށް ހަދައިގެންނެވެ. އެކަމަކު އެމެރިކާއިން އެދަނީ މުހައްމަދު ބާގިރު ގާލީބާފާ މުއާމަލާތު ކުރަމުންނެވެ. ދުނިޔޭގެ އެންމެންގެ ކުރިމަތީގައެވެ. މަޖުބޫރުވެގެންނެވެ. އެހެންގޮތެއް ނެތިގެންނެވެ. އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސް ވަނީ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ގާލީބާފާއި ބައްދަލުކުރައްވައި ސަލާންވެސް ކުރައްވައިފައެވެ.
މިކަންކަން މިމަގުން ހިނގީމާ ދެން އޮންނާނީ އައިއާރުޖީސީއާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތައް އުވާލަން ހުޅަނގުގެ ގައުމުތަކަށް މަޖުބޫރުވުމެވެ. ދެން ގިނަދުވަސްތަކެއްނުވެ އެކަންވެސް ކުރަންޖެހޭނެއެވެ. އެމެރިކާ ދެއްކިމަގުން ކުރިއަށްދާން ހުޅަނގުގެ އެންމެހައި ގައުމުތަކަށްވެސް މަޖުބޫރުވާނެއެވެ. އާޚިރުގައި ނާކާމިޔާބު އެވަނީ އިޒްރޭލާއި އިޒްރޭލުގެ ލޮބީއަށެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް