ފްރާންސާއި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީގެ ކަނާތު ބެކް އަދި މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ރޭޕުގެ މައްސަލައެއްގައި ކޯޓަށް ހާޒިރުވުން ލާޒިމުކުރާ އަމުރެއް ފްރާންސްގެ ކޯޓަކުން ހުސްވި ހަފުތާގައި ވަނީ ނެރެފަައެވެ. މި އަމުރުގައި ސަރިޔަތް ފަށާނެ ވަކި ތާރީޚެއް ނުބުނެއެވެ. ބުނެފައިވަނީ ސަރިޔަތެއް ހިންގަން ނިންމައިފިކަމަށާއި ސަރިޔަތަށް އޭނާ ހާޒިރުވާން ޖެހޭނޭ ކަމުގައެވެ. މި ނިންމުން އައީ ވޯލްޑްކަޕްގައި މޮރޮކޯއާއި ބްރެޒިލް ކުޅުނު މެޗަށް ފަހުގައެވެ. ސްކޮޓްލެންޑާ ދެކޮޅަށް ކުޅެން މޮރޮކޯ ތައްޔާރުވަމުން ދަނިކޮށެވެ. އެ ދެމެޗުގައިވެސް ހަކީމީ ވަނީ ކުޅެފައެވެ. އުމުރުން 27 އަހަރުވީ ހަކީމީއަކީ މިވަގުތު ސިންގަލްކޮށް ހުރި ޒުވާނެކެވެ. އެކަމަކު އޭނާއަކީ ދެކުދިންގެ ބައްޕައެކެވެ. ހަކީމީއާ ދެކޮޅަށް ރޭޕްގެ ދައުވާ ކުރަނީ އުމުރުން ސައުވީސް އަހަރުގެ ފަރަންސޭސި އަންހެނެކެވެ. އޭނާ ބުނަނީ މިހާދިސާ ހިގާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ޕެރިހުގައި ހުންނަ ހަކީމީގެ އެޕާޓްމަންޓުގައި ކަމަށެވެ.
އެ އަންހެންމީހާ ބުނަނީ ހަކީމީއާއި އޭނާ ބައްދަލުވީ އިންސްޓަގްރާމް މެދުވެރިކޮށް ދެކެވުނު ވާހަކަތަކަށްފަހު ކަމުގައެވެ. ގެއަށް އައުމަށް ދައުވަތުދީގެން ގެންގޮސް އޭނާއާ ބެހެން އުޅުނީ ކަމަށާއި އޭނާގެ ހުއްދަނެތި ހަށިގަޑުގައި އަތްލައި ބޮސްދޭންވެސް އުޅުނު ކަމުގައެވެ. އެކިގޮތްގޮތަށް މަސައްކަތްކޮށްގެން ސަލާމަތްވެގެން ނުކުމެ ރައްޓެއްސެއްގެ އެހީތެރިކަން އެންމެފަހުން ހޯދީކަމަށްވެސް އަންހެންމީހާ ބުނެއެވެ. މި މައްސަލައިގައި ހަކީމީ ބުނަނީ އަންހެންމީހާއަކީ އޭނާގެ މަޝްހޫރުކަމުގެ ފައިދާ ނަގައިގެން ގިނައަދަދެއްގެ ފައިސާ ފޭރެން އުޅޭ މީހެއް ކަމުގައެވެ. މިއީ ކަނޑައެޅިގެން އޭނާ އިންކާރުކުރާ ތުހުމަތެއް ކަމަށްވެސް ހަކީމީ ބުނެއެވެ. ސަރިޔަތް ފެށުމަކީ އޭނާގެ އަބުރު ރައްކާތެރިކޮށް ކަމުގެ ހަގީގަތް މީހުންނަށް އޮޅުންފިލައި އިންސާފު ގާއިމުވާނޭ ކަމެއްކަމަށާއި އެކަމަށް މަރުހަބާ ކިޔާކަމަށްވެސް ހަކީމީ ބުނެއެވެ. ހަކީމީގެ ދިފާއުގައި އޭނާ ވަނީ ކުޅަދާނަ ވަކީލުންގެ ޓީމެއްވެސް ނަގައިފައެވެ. އެމީހުން އަންނަނީ ސަރިޔަތަށް ތައްޔާރުވަމުންނެވެ.
ފަރަންސޭސި ފުލުހުންގެ ތަހުގީގަކަށްފަހު ފަރަންސޭސި ކޯޓެއްގައި ސަރިޔަތް ހިންގަން ހަމަޖެހުނީ މި ހާދިސާއެއް ހިނގީ ފަރަންސޭސިވިލާތުގައި ކަމަށް ބުނާތީއެވެ. ހަކީމީ ޕެރިހުގައި ދިރިއުޅެނީ ޕެރިހުގެ ކުލަބަކަށް ކުޅެން ޖެހުމުންނެވެ. އޭނާއަކީ ސްޕޭނާއި މޮރޮކޯގެ ރައްޔިތެކެވެ. އުފަންވީ ސްޕޭނުގެ މެޑްރިޑްގައެވެ. ބޮޑުވީވެސް އެތަނުގައެވެ. އެގޮތުން ސްޕޭނުގެ ރައްޔިތަކަށްވަނީއެވެ. މޮރޮކޯގެ ރައްޔިތަކަށްވަނީ އޭނާގެ މައިންބަފައިންނަކީ މޮރޮކޯގެ މީހުންކަމަށްވާތީއެވެ. ސްޕޭނަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނިކޮށް އެފުރުސަތު ދޫކޮށްފައި މޮރޮކޯ ތަމްސީލުކުރަން ނިންމީ މޮރޮކޯ ދެކެ މާބޮޑަށް ލޯބިވާތީއެވެ. މީގެކުރިންވެސް އަންހެނަކު ވަނީ ގެވެށި އަނިޔާގެ ތުހުމަތުކޮށް ހަކީމީގެ ފައިސާގެ ދެބައިކުޅަ އެއްބައި ދަމައިގަތުމަށް މަސައްކަތް ކޮށްފައެވެ. އެ މަސައްކަތް ކުރީ އޭނާގެ ކުރީގެ އަންހެނުންނެވެ. އެކަން ކާމިޔާބު ނުވީ ހަކީމީގެ ހުރިހާ ފައިސާޔަކާއި މުދަލާއި ގެދޮރު އޭނާގެ މަންމަގެ ނަންމަތީގައި ހުރުމުންނެވެ. ހަކީމީގެ ނަމުގައި ލޯލާރިއެއްވެސް ނެތުމުންނެވެ.
އިންގްލެންޑުގެ އާސެނަލްއާއި ސްޕޭނުގެ ވިޔަރެއާލްގެ ކުރީގެ މިޑްފީލްޑަރު ގާނާގެ ތޯމަސް ޕާޓޭގެ މައްޗަށްވެސް ރޭޕުގެ ދައުވާޔާއި ޖިންސީ ގޯނާގެ ދައުވާތަކެއް ވަނީ އުފުލިފައެވެ. އެންމެ ދައުވާއެއް ނޫނެވެ. ޖުމްލަ 8 ދައުވާއެއް އުފުލިފައިވެއެވެ. އޭނާގެ މައްޗަށް މި ތުހުމަތުތައް ކުރަނީ ހަތަރު އަންހެނެކެވެ. އެމީހުން ބުނަނީ ތޯމަސް ޕާޓޭ އެމީހުންނާ ބެހުނީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދުގައި ކަމަށެވެ. މިކަންކަން ހިނގާފައިވާ ކަމަށް ބުނަނީ ލަންޑަނުގައެވެ. އެއީ އާސެނަލްއަށް އޭނާ ކުޅުނު ދުވަސްވަރެވެ. އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގި ދިގު ތަހުގީގުތަކަށްފަހު އެކަށީގެންވާ ހެކިހުރި ކަމަށް ފެންނާތީ މި މައްސަލަ ވަނީ ކޯޓަށްވެސް ވައްދައިފައެވެ. ކުރިން ހަމަޖެހިފައިއޮތީ މިއަހަރުގެ ނޮވެމްބަރު ސައްބީހުގައި ސަރިޔަތް ފަށާގޮތަށެވެ. އެކަމަކު މިހާރު އޭނާގެ ސަރިޔަތްވަނީ އަންނަ އަހަރުގެ ޖޫން އަށަކަށް ލަސްކޮށްފައެވެ. ސަރިޔަތުން ހުކުމެއް އިއްވަންދެން އޭނާހުރީ މިނިވަންކޮށްފައެވެ.
ކުލަބަަށް ކުޅުމާއި ގައުމީ ޓީމަށް ކުޅުންވެސް ހުއްދައެވެ. މި ތުހުމަތުތަކާ ގުޅިގެން މިވަގުތު ތޯމަސް ޕާޓޭ އެހެރީ ކުޅޭނެ ކުލަބެއްވެސް ނުލިބިފައެވެ. އޭނާ އެންމެފަހުން ކުޅުނު ވިޔަރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހުސްވި 2025 ވަނަ އަހަރު ނިމުމުން އެކުލަބުންވެސް ކޮންޓްރެކްޓް އާކުރާކަށް ބޭނުމެއް ނުވިއެވެ. އައު އެހެން ކުލަބަކުންވެސް އޭނާއާމެދު ޝައުގުވެރިއެއް ނުވިއެވެ. ކުޅުން ދަށްވެގެނަކުން ނޫނެވެ. ރޭޕްގެ ތުހުމަތު ކުރެވޭ މީހަކަށްވާތީއެވެ. ކުޅޭނެ ކުލަބެއްނެތި ފްރީ އެޖެންޓެއްގެ ގޮތުގައި ހުއްޓަސް މިއަހަރުގެ ވޯލްޑްކަޕުގައި ކުޅޭ ގާނާގެ ސްކޮޑަށް އޭނާ ވަނީ ނަގައިފައެވެ. އޭނާއަކީ ޓީމުގެ ވައިސް ކެޕްޓަނެވެ. ޕާޓޭގެ މައްޗަށް އުފުލިފައިވާ ދައުވާތަކާ ގުޅިގެން ކެނެޑާއިން ވަނީ އޭނާ އެގައުމަށް އެތެރެވުމުގެ ވިސާދޭން ދެކޮޅު ހަދައިފައެވެ. ވޯލްޑްކަޕުގައި ގާނާގެ ފުރަތަމަ މެޗަކީ ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު ކުޅުނީ ކެނެޑާގެ ޓޮރޮންޓޯގައެވެ. އެހެންވީމާ ޕާޓޭއަށް އެ މެޗުވަނީ ގެއްލިފައެވެ.
ޕާޓޭ ނެތި ކުޅުނު މެޗުގައި ގާނާއަށް ކުރިހޯދުނީ އެކެއް ސުމެއްގެ ހަނި ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގައި ގާނާއަށް ބާކީއޮތް ދެމެޗު ކުޅެންޖެހެނީ އެމެރިކާގައެވެ. އެމެރިކާއިން ވަނީ ޕާޓޭއަށް ވިސާދީފައެވެ. އެހެންވީމާ އެ މެޗުތަކުގައި އޭނާ ކުޅޭނެއެވެ. އުމުރުން 33 އަހަރުގެ ތޯމަސް ޕާޓޭއާ ދެކޮޅަށް ރޭޕުގެ ތުހުމަތު ކުރެވި ދައުވާތަކެއް އުފުލިފައިވިޔަސް އެއީ ތެދެއްކަމަށް ގާނާގެ ރައްޔިތުން ގަބޫލެއް ނުކުރެއެވެ. މިފަހަރުގެ ވޯލްޑްކަޕަށް ގާނާ ކޮލިފައިކޮށްދީ ނައިޖީރިއާ ކަޓުވައިލުމުގައި ޕާޓޭ އަދާކުރި ދައުރު ފާހަގަކޮށް ގާނާގައި އޭނާ ނިސްބަތްވާ މަންޔާ ކްރޯބޯ ގަބީލާގެ ރަމްޒީ ރަސްގެފާނު ނޭނޭ ސަކީޓޭ ދެވަނަ ވަނީ އެގަބީލާގެ ސަރުދާރެއްގެ ލަގަބުވެސް ޕާޓޭއަށް ދީފައެވެ. އެއީ ގާނާގެ އިރުމަތީ ބިތުގެ ސަރަހައްދެއްގައި ދިރިއުޅޭ ގަބީލާއެކެވެ. ތޯމަސް ޕާޓޭގެ ލޯބިވެރިޔަކީ މޮރޮކޯގެ އަންހެން ކުއްޖެކެވެ. އޭނާއަށްޓަކައި 2022 ވަނަ އަހަރު ތޯމަސް ޕާޓޭވަނީ ކްރިސްޓިއަން ދީން ދޫކޮށް އިސްލާމްދީން އިޚުތިޔާރުކޮށްފައެވެ. އިސްލާމްވުމަށްފަހު އޭނާގެ ނަމަކީ ޔައުގޫބެވެ. އެކަމަކު ގާނޫނީ އަދި ޕްރޮފެޝަނަލް ކެރިއަރުގެ ކަންކަމުގައި ތޯމަސްގެ ނަން ބޭނުންކުރެއެވެ.
އިމާދު ލަތީފު
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް