ކޮޅުމަޑުލަކީ މެދުރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ބިޔަ އެއްއަތޮޅެވެ. އެ އަތޮޅަށް ވަދެނިކުމެ ވެވޭ ކަނޑުއޮޅިތަކުގެ ތެރެއިން އެންމެފުޅާ ކަނޑުއޮޅިޔަކީ އަތޮޅުގެ އެންމެ ހުޅަނގު ބިތުން ކަނޑޫދޫއާއި ހިރިލަންދޫއާ ދޭތެރޭގައިވާ ކަނޑުއޮޅިއެވެ. ފުޅާމިނަކީ ގާތްގަޑަކަށް 4.1 ކިލޯމީޓަރެވެ. މި ކަނޑުއޮޅީގެ އަނގަމައްޗަށް ވާގޮތަށް އެތެރެވަރީގައި އޮންނަ ރަށަކީ ވަންދޫއެވެ. މި ތިންރަށް އޮންނަނީ އެއްރަށް އަނެއްރަށާ ނުހަނު ގާތުގައެވެ. ކުރީޒަމާނުގައި ކޮޅުމަޑުލުގެ ވިޔަފާރިއާއި ޖުމްލަކޮށް ރާއްޖޭގެ ދެކުނުގެ ވިޔަފާރީގައި މި ތިންރަށުގެ ދައުރު ވަރަށް ބޮޑެވެ. ކޮޅުމަޑުލުގެ ރަށްރަށުގެ ތެރެއިން އެންމެ ދޮށީ ތާރީޚެއް ލިބިގެންވާ ކަމަށް ގަބޫލުކުރެވޭ ތިން ރަށަކީވެސް ކަނޑޫދޫއާއި ވަންދޫއާއި ހިރިލަންދޫއެވެ. އެކަމަށް ދަލީލުކުރާ އާސާރުތައް މި ރަށްރަށުން ވަނީ ފެނިފައެވެ. މިހާރުވެސް ބައެއް އާސާރުތައް ފެންނާން އެބަހުއްޓެވެ. ކޮޅުމަޑުލުގެ އާބާދީގެ ފެށުން ގުޅިފައިއޮތީ މި ތިންރަށާކަމަށް ގަބޫލުކުރެވޭ މައިގަޑު ސަބަބަކީ އެ ތިންރަށުގެ ލޮކޭޝަނެވެ.
ކުރީޒަމާނުގައި ބޭރުން އަންނަ އޮޑިފަހަރާއި ރާއްޖޭގެ އުތުރާއި ދެކުނުން އަންނަ އޮޑިފަހަރު ބަނދަރުކުރީ މި ތިންރަށުގެ ތެރެއިން ވަންދޫގައެވެ. ވަންދޫއަކީ ގުދުރަތީގޮތުން ވަރަށް ބިޔަ ވަރަށް ފުން ބަނދަރެއް ލިބިގެންވާ ރަށެކެވެ. ކޮޅުމަޑުލުގެ އެންމެ މުހިންމު ޓްރާންސިޓް ޕޮއިންޓަކީ ވަންދޫކަމަށް ވުމުގެ ސަބަބުން އެވޭލާ ޒަމާނުގައި ކޮޅުމަޑުލުގެ އެންމެ މުހިންމު ރަށަކީ އެއްވެސް ޝައްކެއްނެތި ވަންދޫއެވެ. ޝަމްސުއްދީނު ތިނެއްގެ ރަސްކަމުގައި ދިވެހިރާއްޖޭގައި 1911 ވަނަ އަހަރު އެންމެފުރަތަމަ ބޯހިމެނުމެއް ބޭއްވިއިރުވެސް ކޮޅުމަޑުލުގެ އެންމެ ބައިބޯ ރަށަކީ ވަންދޫއެވެ. އޭގެ 111 އަހަރު ފަހުން އެންމެފަހުން 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވަންދޫއަކީ އަތޮޅުގެ އެންމެ ބައިމަދު ދެވަނަ ރަށެވެ. ރަށަށް ނިސްބަތްވާ މީހުންގެ އަދަދު ކިރިޔާ ތިންސަތޭކައަށް އަރަނީއެވެ. ކޮޅުމަޑުލުގައި ވަންދޫއަށްވުރެ ބައިމަދު ހަމައެކަނި ރަށަކީ ގާދިއްފުށްޓެވެ. އިރެއްގައި ކޮޅުމަޑުލުގެ ހިތާއި ސިކުނޑިކަމަށް ބެލެވުނު ވަންދޫ މިއަދު އޮތީ މުޅިން އެހެން ހާލަތެއްގައެވެ.
ކޮޅުމަޑުލުގެ ޕާރލަމެންޓަރީ ދާއިރާތަކުގެ ތެރެއިން ވަންދޫ ހިމެނެނީ ކިނބިދޫ ދާއިރާގައެވެ. ކިނބިދޫއާއި ވަންދޫގެ އިތުރުން ދެން މިދާއިރާގައި ހިމެނެނީ އޮމަދޫ އާއި ހިރިލަންދޫ އާއި ކަނޑޫދޫއެވެ. މި ލިޔުމުގެ ފޯކަސްއަކީ ވަންދޫއާއި ކަނޑޫދޫއާއި ހިރިލަންދޫ ކަމަށްވާތީ އެހެން ރަށްރަށުގެ ވާހަކަ ބޭއްވީއެވެ. މިޒަމާނުގައި ދަނޑުވެރިކަމުގެ ރޮނގުން، ޚާއްސަކޮށް މިރުހުގެ ވިޔަފާރީގައި ކަނޑޫދޫއަކީ ވަރަށް މަޝްހޫރު ރަށެކެވެ. އެކަމަކު ކުރީޒަމާނުގައި ކަނޑޫދޫ މަޝްހޫރީ ވަޑާންކުރުމުގެ މަސައްކަތުގައެވެ. ހިރިލަންދޫއަކީ ކުރީޒަމާނުގައި ފަންނުވެރިކަމުގެ ރޮނގުން މަޝްހޫރު ރަށެކެވެ. މިހާރުއެއީ މަސްވެރިކަމާއި ފައިބަރު މަސައްކަތުގައި ރާއްޖޭގެ އެންމެ މުހިންމު އެއްރަށެވެ. ވަންދޫއަކީ ނެވިކަމުގެ ދާއިރާގައި ވަރަށް ފަހަކާ ހަމަޔަށްވެސް ރާއްޖޭގެ އެންމެ މަޝްހޫރު އެއްރަށެވެ. ހުރަވީ ރަސްކަމުގެ ޒަމާނުގައި ރަދުންގެ ނައުޒޯގުފަހަރުގެ މާލިމީކަން ކުރީ ވަންދޫގެ ނެވިންނެވެ. ދަތުރުކުރާ މޫސުން ނޫން މޫސުމުގައި މިދެންނެވި ނައުފަހަރު އަޅަނީވެސް ވަންދޫ ބަނދަރުގައެވެ.
ވަންދޫއާއި ހިރިލަންދޫއާއި ކަނޑޫދޫގެ އެންމެ އެވޭލާ ޒަމާނުގެ ތާރީޚުގެ ބައިތައް އޮޅުންފިލާނޭ ގޮތެއް ނެތަސް ވަންދޫގައި އެހެރަ އުސްފަސްގަނޑަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ މާކުރީގެ ތާރީޚާ ގުޅިފައިވާ ތަނެކެވެ. އެ ފަސްގަނޑުގެ އަޑީގައި ފޮރުވިފައިވަނީ ކޮންއެއްޗެއްކަން ދެނެގަތުމަށް މިހާތަނަށް މާބޮޑު މަސައްކަތެއް ކުރެވިފައިނެތަސް އެއީ ކުރީޒަމާނުގެ ބުދުފައްޅިއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. ކުޑަ ފައްޅިއެއްވެސް ނޫނެވެ. ބޮޑު ފައްޅިއެކެވެ. ކޮޅުމަޑުލުގައި ހުރިކަމަށް ގަބޫލުކުރެވޭ އެންމެ ބޮޑު ފައްޅިއެވެ. އިސްލާމް ވުމަށްފަހުގައިވެސް ވަންދޫގެ މަރުކަޒީ ދައުރު ކުޑަނުވާ ކަމަށް ބެލެވެއެވެ. މެދުރާއްޖޭގެ ރަށްރަށުގެ ތެރެއިން ސޫފިޒަމްގެ އަސަރުތައް އެންމެ ބޮޑަށް ފާޅުވާ އެއްރަށަކީވެސް ވަންދޫއެވެ. އެރަށުގައި ހުންނަ ހާޖީ އިސްމާއީލް ދޮރުވަންނާ ކަލޭފާނުގެ ޒިޔާރަތަކީ މެދުރާއްޖޭގެ ހުރިހާ އަތޮޅުތަކުން ނަދުރު ބުނެގެން ޒިޔާރަތްކުރި ތަނެކެވެ. ނަދުރުބުނުމާއި ގުޅިފައިވާ ކަންކަމުގެ ތެރެއިން ކިރުމުގެ އާދަވެސް އެންމެ ބޮޑަށް އޮތީ ވަންދޫގައެވެ.
މާލޫދު ކިޔުމުގެ ސަގާފަތްވެސް އެންމެ ފުޅާކޮށްއޮތީ ވަންދޫގައެވެ. އެއީ މެދުރާއްޖޭގެ ހުރިހާ ހިސާބެއްގެ މީހުން ވަންދޫއަށް ޖަމާވެގެން މޫސުމެއްގެ ގޮތުގައި ދެމެހެއްޓި އާދައެކެވެ. ރަށަށް އަރާ މެހުމާނުން ފެންވެރުމަށްޓަކައި ރާއްޖޭގެ އެހެން ރަށެއްގައި ގާއިމުކުރެވިފައިނުވާ ކަހަލަ ވަރުގަދަ ބިޔަ ވަޅެއް ހިޔާކުރެވިފައިވާ ހިނާގެޔަކާއެކު ވަންދޫގައި ގާއިމުކުރެވިފައިވަނީ މީގެ ސަތޭކަ އެތައް އަހަރެއް ކުރިންނެވެ. މިހެން މިދެންނެވީ މިހާރު ފެންނާން އެހެރަ ވަޅާއި ހިނާގެ އައުކުރެވިފައިވާ ތާރީޚަށް ބަލައިގެންނެވެ. ލިޔެވި ރައްކާކުރެވިފައިވާ ތާރީޚަށް ބެލީމާ ވަންދޫގެ ވާހަކަ އެންމެ އިހަށް ފެންނަނީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރުގެ ސަފުހާތަކުންނެވެ. އެ ސަފުހާތަކުން ހިރިލަންދޫގެ ތާރީޚަށްވެސް އަލިކަމެއް ލިބެއެވެ. މިދައްކަނީ މީގެ ގާތްގަޑަކަށް ހަތްސަތޭކަ އަހަރު ކުރީގެ ވާހަކައެވެ. ލިޔެވިފައިނުވާ ތާރީޚު އެއަށްވުރެ މާބޮޑަށްވެސް ދޮށިވާނެއެވެ. ކޮޅުމަޑުލުގެ އެންމެބައިބޯ ރަށުން އެންމެބައިމަދު ރަށަށް ވަންދޫ ބަދަލުވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ވަރަށް ބައިވަރު ސަބަބުތައް އެބަހުއްޓެވެ.
ކަނޑޫދޫއާއި ހިރިލަންދޫއާ ޚިލާފަށް ވަންދޫއަކީ ކުޑަކުޑަ ފަޅެއްގެ ތެރޭގައި ވަކިން އެކަހެރިކޮށް އޮންނަ ރަށެކެވެ. އެހެންވީމާ ޒަމާނަށް އަންނަމުންދިޔަ ބަދަލާއެކު ހިޖުރަކުރުން ގިނަވުމަކީ މައިގަޑު އެއްސަބަބެވެ.
ކޮންމެއަކަސް މިއަދު ވަންދޫގައި ދިރިއުޅޭ ތިންސަތޭކައެއްހައި މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީވެސް ރަށްދޫކޮށް ހިޖުރަކުރުމާއި ނުކުރުމުގެ ސުވާލެވެ. ބައެއްމީހުން ބޭނުންވާ ކަމަށް ފެންނަނީ ބޮޑު އާބާދީއެއް އޮތް ރަށަކަށް ހިޖުރަކުރުމެވެ. ދަރިންގެ މުސްތަގުބަލަށްޓަކައެވެ. ތައުލީމާއި ސިއްހަތަށްޓަކައެވެ. ރަށު ސްކޫލްގެ ބައެއް ގްރޭޑުތަކުގައި ކިޔަވާނެ ކުއްޖަކުވެސް ނުލިބޭ ވަރަށް އާބާދީ ތުނިކަމުންނެވެ. ބަދަލުވާ ރަށެއްގައި އެއަރޕޯޓެއް އޮތުމަކީ ޝަރުތެކެވެ. ދ.ކުޑަހުވަދޫއަކީ އެމީހުން ހިތްހަމަޖެހޭ ކަމަށް ބުނާ ރަށެކެވެ. އަނެއްބައެއްގެ ޚިޔާލު ފެންނަނީ ތަފާތުކޮށެވެ. ވަންދޫގެ ފަޚުރުވެރި ތާރީޚާއި ކާބަފައިން ނިސްބަތްވި ފަސްގަޑު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ހިޖުރަކުރުމަކީ އެމީހުން ޚިޔާލަށްވެސް ގެންނަން ބޭނުންވާ ކަމެއް ނޫނެވެ.
ތ. ވަންދޫ
ތ. ވަންދޫ
ތ. ވަންދޫ
ކޮމެންޓް