މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގާނޫނީ ޝަހުސަކަށް އެންމެ ގިނަވަގެން ދެވޭނީ 11.2 މިލިއަން ރުފިޔާ ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ހަރަދުކުރެވޭނީ 564.7 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދު ކުރުމަށް ނުވަތަ ބޭނުން ކުރުމަށް "އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ކެންޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެ ކަމަށެވެ. އެގޮތުގެ މަތިން ކެންޑިޑޭޓަކަށް އެންމެ ގިނައިން ދެވޭނެ ފައިސާގެ އަދަދަކީ 11,295,800 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބު 2023 ގައި، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ވަކި ފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2,823,950 ރުފިޔާ. އަދި ރިޔާސީ އިންތިހާބު 2023 ގައި، އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ގާނޫނީ ޝަހުސަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11,295,800 ރުފިޔާ،" ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބު 2023 އަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާ އިރު، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިހާބާ ގުޅިގެން ހަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 (ފަސް ސަތޭކަ ފަސްދޮޅަސް ހަތަރު މިލިއަން ހަތްލައްކަ ނުވަދިހަ ހާސް) ރުފިޔާ ކަމަށެވެ.
- ބިދޭސީންނާއި ބިދޭސީ ފަރާތްކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ބައިނަލްއަގުވާމީ ޖަމާއަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ނަން ހާމަކުރުމަށް ބޭނުންނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ގާނޫނީގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
- ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި
ކެމްޕޭނަށް ލިބޭ ފައިސާ، އެ ފައިސާ ލިބުނު ގޮތާއި ފައިސާ ލިބުނު ފަރާތް އަދި ފައިސާ ލިބުނު އަދަދު، ކެންޑިޑޭޓުގެ އިންތިހާބީ އެޖެންޓު ބަލަހައްޓަންވާނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރުކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ފަރާތުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫންގެ އިތުރުން އަމިއްލަގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވާދަކުރައްވައެވެ.
ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ހަތްވަނަ ދުވަހު ހަމަވާނެއެވެ. މިހާތަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ ޔާމީނެވެ. ނަމަވެސް އީސީން ވަނީ އެ ފޯމު ބަލައިނުގަތުމަށް ނިންމައިފައެވެ. ސަބަބެއް ކަމަށް އީސީން ބުނެފައިވަނީ ޖިނާއީ މައްސަލައަކާ ގުޅިގެން ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވަމުން ދިއުމެވެ. އީސީގެ އެ ނިންމުން ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އެ ކޯޓުން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އީސީއަށް އަންގައިފައެވެ.
އީސީން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 2:30 ގައި ސުޕްރީމް ކޯޓުގައި ބާއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު