މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، އެ ބޭފުޅުންގެ ކެމްޕޭން ނިންމާލައިފިއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ޕާޓީގެ ޕާޓީތަކުގެ ޓިކެޓުގައި ނިކުންނެވި ފަސް ބޭފުޅަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ބޭފުޅެކެވެ.
ޕާޓީތަކުގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ގާސިމް އިބްރާހީމް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.
އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.
މުއިއްޒުގެ އޭނާގެ ކެމްޕޭން ނިންމާލުމަށް ކުރިއަށް ގެންދިޔައީ ހިނގާލުމެކެވެ. ޕީޕީއެމްގެ ކެމްޕެއިން އޮފީސް ކުރިމަތިން ފެށި ހިނގާލުން އަމީނީ މަގުން ކުރިއަށް ގޮސް ވަކި ހިސާބަކުން މަޖީދީ މަގަށް ނުކުތެވެ. ނިންމާލީ އާޓިފިޝަލް ބީޗަށެވެ. އެ ހިނގާލުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އެ މަނިކުފާނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާފައިވާއިރު، މުއިއްޒު އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ގޮވަމުންދިޔައެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ނިންމާލުން ކުރިއަށް ގެންދިޔައީ މާލޭ އުސް ފަސްގަނޑުގައެވެ. އެ ތަނުގައި ސަޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބު ނިމިއްޖެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މާދަމާ ރޭ ހަމަ އެތަނުގައި އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުން އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ތަނަށް އެއްވެފައި ތިބި ސަޕޯޓަރުންނާ އެކު ސެލްފީއެއް ނެންގެވުމަށްފަހު ރައީސް ވިދާޅުވީ ކެމްޕެއިންގައި އެ މަނިކުފާނު ނެންގެވި ސެލްފީގެ އަދަދަށްވެސް ވާދަވެރިންނަށް ވޯޓު ނުލިބޭނެ ކަމަށެވެ.
ގާސިމުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވީ ހިނގާލުމެކެވެ. އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުން ފެށި، އެ ހިނގާލުން މަޖީދީމަގުން ކުރިއަށް ގެންގޮސް ނިންމާލީ އާޓިފިޝަލް ބީޗަށެވެ. ކެމްޕެއިން ނިންމާލުމަށް ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ އަދި ޕީޕީއެމްވެސް ފެއިލްވެފައިވާ ކަމަށާއި ވެރިކަމަށް ގެންނަން ޖެހޭނީ އިހުލާސްތެރިޔަކު ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޖަރުމަން ފެންވަރުގެ މިލިޓަރީ ހޮސްޕިޓަލެއް ހަދައިދީ، ސަލާން ޖަހަން ނުޖެހޭ ގޮތަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ފުށިދިއްގަރު ފަޅު ހިއްކައި، ސިޓީއެއްގެ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމާލުމުގެ ހަރަކާތް ރަސްފަންނުގައި ބޭއްވި އިރު، ނާޒިމުގެ ކެމްޕެއިން ނިންމުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ފާރިސްގެ ކެމްޕެއިން ނިންމާލުމަށް މިއަދު މެންދުރުފަހު ސީހައުސްގައި ކޮފީ ބައްދަލުވުމެއް ކުރިއަށް ގެންދިޔައިރު، ފަހުން ވަނީ ހިނގާލުމެއްވެސް ކުރިއަށް ގެންދަވައިފައެވެ. އުމަރުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ކުރިއަށް ގެންދިޔައީ ޕިކަޕު ބުރެކެވެ. ޒަމީލުގެ ކެމްޕެއިން ނިންމާލުމުގެ ހަރަކާތެއް ނުފެނެއެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާއިރު، ވޯޓު ދިނުމުގެ ހައްގު 282،395 މީހުންނަށް ލިބިފައިވެއެވެ. ވޯޓު ލުން ފެށޭ ގަޑިއަކީ މާދަމާ ހެނދުނު 8:00 ޖަހާއިރެވެ. ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 4:00 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.