މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި 58،505 ފޯމުގެ މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ރަސްމީކޮށް ފަށައިފިއެވެ.
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހަމަވި އިރު، އެކަމަށް ހާއްސަކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅައިފައެވެ.
މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ.
ފޯމުތައް ހުށަހެޅި އިރު، ޕޯޓަލް ފަރުމާކޮށްފައި ވަނީ ހުށަހަޅާ ފަރާތަކީ ޝަރުތު ހަމަވާ މީހެއްކަން އެނގޭނެ ގޮތަށާއި ފޯމު ސަބްމިޓް ކުރުމުން ލިބުނު ޕޮއިންޓުގެ ތަފްސީލުތައް އެނގޭނެ ގޮތަށެވެ.
ހުށަހަޅާފައިވާ ފޯމުތަކުގައި ދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތޯ ކަށަވަރު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ފަށާފައިވާ އިރު، މި މަރުހަލާ ނިމޭނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ވެރިފިކޭޝަން މަރުހަލާގެ ތެރެއިން މާލޭގައި ދިރިއުޅުނު މުއްދަތު ކަށަވަރު ކުރުމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި ސެޓްފިކެޓްތަކުގެ ސައްހަކަން ދައުލަތުގެ އެކި އިދާރާތަކުން ލިބެން ހުރި މައުލޫމާތުތަކާ އަޅައިކިޔައިގެން ބަލާނެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ފްލެޓްތައް ބަހާލާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓު، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް ދިރިއުޅޭ ފަރާތްތަކަށް 1،500 ފްލެޓު، އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުތައް މިހާރު އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވާއިރު، މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަކީ ސަރުކާރުގެ އަމާޒެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
އަލީ ޔާމިން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް