މޯލްޑިވްސް ރީޕޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ދިގު ވެރިކަން ނިންމާލުމަށް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ސިޔާސީ އެކި ފިކުރުތައް އެއްވިއެވެ. 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ ވެސް ތަފާތު ސިޔާސީ ފިކުރުތަކެއް އެކީ އެކައްޗަކަށް ނުކުމެ ކުރި މަސައްކަތުންނެވެ. 2013 ވަނަ އަހަރު އުފެދުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިގެން ދިޔައީ ވެސް ތަފާތު ފިކުރުތަކެއް އެކުވެ ކުރި މަސައްކަތުގެ ނަތީޖާއިންނެވެ. ވަކިވަކި ސިޔާސީ ފިކުރުތަކެއް އެއްބައިވެ، އިންތިހާބަކުން އެއިރެއްގެ ހުންނަ ވެރިޔަކު ބަދަލުކުރުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ "ވިނިން ފޯމިއުލާ"އެވެ. މާޒީއަށް ބަލާއިރު އެ ފޯމިއުލާ ނޫން ގޮތެއް ނެތެވެ. ވެރިކަމަށް އަންނަން ކަމަށްވިޔަސް އަދި ވެރިކަން ބަދަލުކުރަން ވިޔަސް އޮތީ ހަމައެކަނި އެ ފޯމިއުލާއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު އަދިވެސް ވިނިން ފޯމިއުލާ ނެރެވޭ ގޮތެއް ވަނީ ނުވެފައެވެ. ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ. ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓުން ވާދަކުރާނެކަން އެ ޕާޓީތަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައުލޫމާތުގައިވާ ގޮތުން އެ ޕާޓީތަކުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 74،404 އެވެ. އެހެންކަމުން އެ ތިން ޕާޓީން ރިޔާސީ އިންތިހާބާ ކޯލިޝަން ހަދައި އެކުގައި ނުކުމެއްޖެނަމަ ރިޔާސީ އިންތިހާބު ކާމިޔާބުގެ ވާދަވެރިކަން ވާން ވާނެއެވެ.
އެހެން ރިޔާސީ އިންތިހާބުތަކާ ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފެންނަނީ ތަފާތު މަންޒަރެކެވެ. މުޅީން އާ މަންޒަރެކެވެ. ސަރުކާރެއް ދަމަހައްޓަން ފުރަތަމަ ފަހަރަށް ކޯލިޝަނެއް ހަދައި އެކުގައި މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ. އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީން އެކުވެ އެއްބުރުން އިންތިހާބު ކާމިޔާބުކުރަން ހުރީ އަމާޒު ހިފައިފައެވެ. އީސީގެ މައުލޫމާތުތަކަށް ބަލާއިރު އެ ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދަކީ 77،857 އެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރާނެ ކަން އިއުލާންކުރައްވައިފާ އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ ސިޔާސަތާއި ފިކުރުގައިވެސް އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެ ހުރިހާ ޕާޓީތަކުން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ކަމާއި، ޗާގޯސް މައްސަލައިގައި ސަރުކާރުން އަމަލުކުރީ ގޯސްކޮށް ކަމަށާއި މި ސަރުކާރަށް ރައްޔިތުން ބޭނުންވާ ތަރައްގިއާއި ވައުދުވި ގޮތަށް ހިޔާނާތުގެ މައްސަލަ ބަލަމުން ނުދާކަމަށް އިއްތިފާގުވެއެވެ.
އެހެންކަމަށްވާނަމަ 74،404 މެންބަރުން ހިމެނޭ ބޮޑު ކޯލިޝަނެއް ނުހެދިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުގައި، ހުރިހާ ޕާޓީތަކުން ވެސް ތިބެނީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދުގައެވެ. މާޒީގެ ތަޖުރިބާއަށް ބަލާއިރު އެއް ބުރުން އެއިން އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބުކުރެވުމަކީ ނާދިރުކަމެކެވެ.
2008 ވަނަ އަހަރަށްފަހު ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއް ދެވަނަ ބުރުން ކާމިޔާބުކޮށްފައިވަނީ ކޯލިޝަނާއެކު އެވެ. އެ ފަހަރުތަކާ މިފަހަރާ ތަފާތުވާ ގޮތް ސާފުކޮށްދެއްވަމުން ސިޔާސީ މައިދާނުގެ ކުރީގެ ތަޖުރިބާރަކު ވިދާޅުވީ މިފަހަރު އިންތިހާބުގައި ގިނަ ޕާޓީތަކެއް ވާދަކުރާއިރު ވޯޓު ބެހިގެންދާނެ ކަމަށެވެ.
"ޖުމްހޫރީ ޕާޓީއަކީ ޔަގީންކަމާއެކު އިންތިހާބު އަނބުރާލާނެ ޕާޓީއެއް، ޕީޕީއެމްއަށް ވެސް އެކަން ކުރެވިދާނެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްއެންޕީ ވާދަކުރާއިރު ގިނަ އަދަދެއްގެ ވޯޓު ބެހިގެން މިދަނީ. އެހެންވުމުން އެއިން އެއްވެސް މީހަކަށް 51 ޕަސަންޓު ލިބޭނެކަމަށް ނުބެލެވޭ. އެއާހިލާފަށް އެމްޑީއޭ އަދާލަތު އަދި ރައީސް ސޯލިހު އެކުގައި ނުކުންނައިރު އެ ޕާޓީތަކުގެ ފިކުރުގެ މީހުންގެ ވޯޓު ރައީސް ސޯލިހަށް ލިބޭނެ. ސިޔާސީ ހިސާބު ޖަހަނީ ފެންނަން ހުރި ހިސާބުތަކުން. ހިސާބުތަކުން ފެންނަ ގޮތުގައި މިހާރު އެންމެ ގިނަ އިލެކްޓެޑް މީހުން ތިބީ އެމްޑީޕީގަ. ޕީޕީއެމްގައި ތިބި ނަމަވެސް އެ ޕާޓީގެ ސްޓްރެޓެޖީއެއް ނެތް. އެހެންވުމުން އެކަމުގެ ފައިދާ ރައީސް ސޯލިހަށް އެބައޮތް. ދެން މިވާ ގޮތަކީ ކެމްޕޭން ސްޓެރެޖެޓީ. ސޯލިހު އެގެންދަވީ ވައުދުވަމުން، މަޖިލީހުގެ މެޖޯރިޓީ އެބައޮތް. އެހެންވުމުން މީހުން އެމްޑީޕީއަށް ކުރާ އިތުބާރު ބޮޑު ވެގެންދާނެ. އެ މީހުންގެ ރަށްތައް ތަރައްގީވާނެކަމުގެ އުއްމީދު އޮންނާނެ" އޭނާ ވިދާޅުވިއެވެ.
"ނާޒިމް އަތުގައި ވިއްކާނެ ތަރައްގީއެއް ނެއް. ޔާމީން އިންތިހާބުވީ މައުމޫން ވިއްކައިގެން. ރައީސް ސޯލިހު އިންތިހާބުވީ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ވިއްކައިގެން. ރައީސް ސޯލިހަށް ވިއްކޭނީ މި ދައުރުގައި ގެނައި ތަރައްގީ. ޔާމީންގެ ވެރިކަމުގެ ކަންތައް ހިނގިގޮތާ މި ސަރުކާރު، ރައީސް ޕޯޑިއަމް ތަކުގަ އެބަ ކޮމްޕެއާ ކުރައްވާ. ރައީސް އެ ހުންނަވަނީ ހަމަ ރަށަކަށް ވަޑައިގެން ފުއްދައިދެއްވި ވާހަކަތަކުގެ ވާހައް ވިދާޅުވާން. މިހާރު ޔާމީނަށް، ގާސިމަށް އަދި ކީއްކުރަން ނާޒިމަށް އެއްޗެއް ނުވިއްކޭނެ. ރައީސްގެ އަޑު އެއަށްވުރެ ގަދަ. އެހެންކަމުން ޕާޓީތަކަށް ނިސްބަތްވާ ނުވާ މީހުންގެ ވޯޓު ވެސް މި ލިބިގެންދާނީ މި ސަރުކާރަށް"
އޭނާ ވިދާޅުވީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެން އިންތިހާބުގެ ނަތީޖާއެއް ހިޔާލަށް ގެނެވުނަސް ޕާޓީތަކަށް ނިސްބަތް ނުވާ ބޮޑު އާބާދީއެއް އޮންނަ ކަމަށެވެ. ފާއިތުވި ހުރިހާ އިންތިހާބުތަކެއް ކާމިޔާބުކުރެވިފައިވަނީ ޕާޓީ ތަކަށް ނިސްބަތްނުވާ މީހުންގެ ވޯޓާ އެކު ކަމަށެވެ. ޕާޓީތަކަށް ނިސްބަތްނުވާ އާބާދީއަށް ފޯކަސް ކޮށްގެން ކެމްޕޭން ކުރައްވަމުން ގެންދަވަނީވެސް ހަމައެކަނި ރައީސް ސޯލިހުކަމަށް އޭނާ ވިދާޅުވިއެވެ.
ދެން ތިބި ހުރިހާ ޕާޓީއެއްގެ މިހާރުގެ އަމާޒަކީ ސިޔާސީ ހަރަކާތްތަކެއް ބޭއްވުން ކަމަށާއި ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރާގޮތަށް، ގިނަ ބައެއްގެ ވޯޓު ހޯދުމުގެ ބަދަލުގައި އެ ޕާޓީތަކުން ދަނީ އެ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ވޯޓު ޔަގީންކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ލައްކައްވުރެ ގިނަ މީހުނަށް ވޯޓުލުމުގެ ހައްގު ލިބޭ. އެގޮތަށް މިކަން ކޮށްގެން ކާމިޔާބެއް ނުވާނެ. ރައީސް ސޯލިހު ބަލިކުރެވޭނެ އެންމެ ކަށަވަރު ގޮތަކީ އެ ހުރިހާ ޕާޓީއަކުން އެއް ގަލަކަށް އެރުން. ނޫނީ ރައީސް ސޯލިހު އެއްބުރުން ވިން ކުރާނެ. އޭނާ ވިދާޅުވިއެވެ.
އެމްއެންޕީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ފިކުރު އެއްގޮތް ވިޔަސް ފުރަތަމަ ބުރުގައި ވާދަކުރައްވާނެ ކަމަށެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ކޯލިޝަނެއް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ ވެސް އެއީއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ވިދާޅުވީ ފުރަތަމަ ބުރުގައި ވެސް ކޯލިޝަން ހަދަން އެ ޕާޓީ ތައްޔާރު ކަމަށާއި ނަމަވެސް ޔާމީނަށް ދީފައިވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުކަން ބަދަލު ނުވާނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމްއަކީ އެހެން ޕާޓީތަކަށްވުރެ ބޮޑު ޕާޓީއަކަށްވުމުން އެހެން އެއްވެސް ޕާޓީއެއްގަ ފަހަތަށް ނާރާނެ ކަމަށެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަނެއް ހެދިދާނެކަމަށާއި އެގޮތަށް ގަބޫލުކުރެވެނީ ސިޔާސަތަކާއި ފިކުރު އެއްގޮތްވާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސުވާލަކީ މާޒީގެ ތޔަޖުރިބާއަށް ބަލާއިރު ކޯލިޝަންގެ ވިނިން ފޯމިއުލާ ރައީސް ސޯލިހުގެ އަތްޕުޅުގައި އޮވެމެ އިންތިހާބުގެ ދެވަނަ ބުރަކަށް ހިނގައިދާނެތޯއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް