އިލެކުޓުރިކު ކަރަންޓަކީ މިއަދު އެއާއި ނުލައި ނޫޅެވޭނެ ޒަރޫރީ އެއްޗެކެވެ. އެ އެއްޗެއް ނެތިއްޖެނަމަ ހުރިހާ ކަމެއް ހުއްޓުމަކަށް އަންނާނެ އެއްޗެކެވެ. މި ދިވެހިރާއްޖޭގައި ވެސް ކަން އޮތީ މިފަދައިންނެވެ. އަމުދުން މިފަދަ ޖަޒީރާ ގައުމެއްގައި އިލެކުޓުރިކު ކަރަންޓުގެ މުހިންމުކަން ނުހަނު ބޮޑުމެއެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިލެކުޓުރިކު ކަރަންޓު ލެވުނީ މީގެ 77 އަހަރު ކުރިން 1959 ގައެވެ. ދިވެހިރާއްޖޭގެ ތަހުޒީބުގެ ކުލަބު ކަމުގައިވި "ނާދީތަމައްދުން"ގެ އިމާރާތުގައެވެ. އެއިރުގެ އިބާރާތުން ނަމަ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިލެކުޓުރިކު ކަރަންޓުގެ "ހިދާޔަތުގެ އަލިކަން" ލިބުމެވެ.

އެއިރު ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް "އެ ހިދާޔަތުގެ އަލިކަން" 1949 އިން 1959 އަށް މެދުނުކެނޑި 10 އަހަރު ލިބިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައިވެސް ޒަމާނުއްސުރެ މެންދަމުން ފެށިގެން ފަތިހާއި ދެމެދުގައި އޮތީ އަނދިރިކަމެވެ. ރޭގަނޑުގެ ބިރުވެރިކަމާއި ނާމާންކަމެވެ. އެގޮތުން މެންދަމުން ފެށިގެން ފަތިހާއި ދެމެދުގައި ފުރަމާލެ އޮތީ ޒަމާނުއްސުރެ ފުރަބަންދު ވެފައެވެ. ޒަރޫރީ ހާލަތެއް މެދުވެރިވެގެން މެނުވީ މީހުން ބޭރަށް ނުކުމެ އުޅުން މަނާވެފައެވެ. އެހެންވެ ފުރަމާލެއަށް ލަފާފުރާާވުންވެސް ފުރަމެންދަމު މަނާވެފައެވެ.

"މިތުރުން ހިތްތަކަށް ދަތިކުރަމުންދިޔަ ކަޅުރޭތައް ފިތުރަތުގެ އުސޫލުން ނިމިގެންދިޔައީ، މީގެ 67 ކުރިން އައި މިފަދަ ދުވަހެއްގައެވެ. 27 ނޮވެންބަރު 1959 ގައެވެ. ފުރަމާލޭގައި ބޮޑުއިންޖީނުގެ ހުޅުވި ފުރަމާލެއަށް ފުރަތަމަ ފަހަރަށް އަބަދު ނުވަތަ 24 ގަޑިއިރު ކަރަންޓު ކަށަވަރުވުމެވެ. ސަރުކާރުގެ އިލެކުޓުރިކު ޑިޕާޓުމަންޓު ފުރަތަމަ ފަހަރަށް އުފެދުމާއި އެކުގައެވެ.

މާލޭ ބޮޑުއިންޖީނުގެ ހުޅުވުން 24 ގަޑިއިރު ކަރަންޓު ޔަގީންވުން، 27 ނޮވެންބަރު 1959 ---

މިކަންކަމުގެ އުންމީދުގެ ސިއްރަކީ އަދި ސަބަބަކީ ކޮބައިތޯއެވެ! އެއީ ދިވެހިރާއްޖޭގެ އާ ޒުވާން ބޮޑުވަޒީރު ޞާޙިބުއްދައުލަތު އިބްރާހީމް ނާޞިރު (އެއިރުގެ އުމުރުފުޅު 33 އަހަރު) އިސްވެ ހުންނަވައި ހިންގަވާން ފެށްޓެވި ގައުމީ ތަރައްގީގެ އާ އުސްމިންތަކުގެ "އާ އިންޖީނު ހައި އިސްޕީޑުގައި" ހިނގާން ފެށުން ކަމުގައެވެ. ބޮޑު އިންޖީނުގެއާއެކު، ސަރުކާރުގެ އިލެކުޓުރިކު ޑިޕާޓުމަންޓު އުފެދުނެވެ. 1970ގެ އަހަރުތަކުގައި އެތަނުގެ ނަމަކީ ޑިޕާޓުމަންޓު އޮފް އިލެކުޓުރިސިޓީއެވެ. 1970ގެ އަހަރުތަކުގައި އެތަނުގެ ނަމަކީ މޯލްޑިވްސް އިލެކުޓުރިސިޓީ ބޯޑެވެ. 1990ގެ އަހަރުތަކުގައި އެތަން ވިޔަފާރި އުސޫލުން ހިންގާ ކުންފުންޏަކަށް ބަދަލުވެ ރަމުޒު ނަމަކީ ސްޓެލްކޯ ކަމުގައި ވިއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އެވެ.

ސަރުކާރުގެ ފަރާތުން މާލެއަތޮޅާއި އަރިއަތޮޅުގައި 1980ގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ. (އެއިގެ ކުރިން ޚާއްޞަގޮތެއްގައި ނައިފަރު ފަދަ ރަށެއްގައި ސަރުކާރުގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ދިނުމަކީ އާންމު އުސޫލުން ހިނގިކަމެއް ނޫން ކަމުގައެވެ!)

މާލޭ ބޮޑުއިންޖީނުގެ ހުޅުވުން 24 ގަޑިއިރު ކަރަންޓު ޔަގީންވުން، 27 ނޮވެންބަރު 1959 ---

ދިވެހިރާއްޖޭގެ ރަށްރަށުގައި އަމިއްލަ ގޮތުން 1980ގެ އަހަރުތަކުގައި ކަރަންޓުލާން ފެށިއެވެ. އަދި 1990ގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ ރަށްރަށުގައި އަަމިއްލަ ގޮތުން ކަރަންޓު އާންމުވިއެވެ. 2012ގައި އުފެދުނު "ފެނަކަ" މިއަހަރު އުވާލެވި މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދައުލަތުގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދަނީ ސްޓެލްކޯގެ ފަރާތުންނެވެ.

ވީމާ، ދިވެހިރާއްޖޭގައި މެދުނުކެނޑި ކަރަންޓުގެ އަލިކަން ލިބެމުންދާތާ 67 އަހަރު ފުރުނު މިވަގުތަކީ މިގޮތުންވެސް ނުހަނު ތާރީޚީ ވަގުތެކެވެ.

އެޑިޓަރުގެ ނޯޓު؛

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.