ޔުކްރޭނާއި ރަޝިޔާގެ މެދުގައި ކުރިއަށްދާ ހަގުރާމައިގެ ތެރެއިން މި ނޮވެމްބަރު މަހުގެ ވިހިވީ ހުކުރުދުވަހު ވަރަށް ނުރައްކާތެރި ކަމެއް ވަނީ ތަމްސީލުވެގެން ގޮސްފައެވެ. އެދުވަހު ރަޝިޔާގެ ދެ މިސައިލަކާއި ޑްރޯނެެއް ޕޮލެންޑުގެ ތެރެއަށް ވަނީ ވެއްޓިފައެވެ. ނުވަތަ ވައްޓާލައިފައެވެ. ޔުކްރޭނާއި ޕޮލެންޑުގެ ބޯޑަރާ ގާތުން ޕޮލެންޑުގެ ތެރެއަށެވެ. ވެެއްޓުނު މިސައިލްތަކަކީ ކޭއެޗް-101 މަރުކާގެ ކްރޫޒް މިސައިލެވެ. ދެން ޖެޓް އިންޖީނުއެޅި ޑްރޯނެކެވެ. މިކަން ހިނގާފައި މިއޮތީ ޔުކްރޭނާ ދެކޮޅަށް ރަޝިޔާއިން ދިން ވަރުގަދަ ހަމަލަތަކެއްގެ ތެރެއިންނެވެ. އަދި ނޭޓޯގެ ގުޅިފައިވާ ލަޝްކަރުތަކުން ޕޮލެންޑުގައި ޚާއްސަ ތަމްރީނުތަކެއްވެސް ކުރިއަށް ގެންދަނިކޮށެވެ. އެހެންވީމާ މިކަމަކީ ރަޝިޔާއިން ގަސްތުގައި ޕޮލެންޑާއި ނޭޓޯއަށް ޖެއްސުންކޮށް ބިރުދެއްކުމަށް ހިންގި އުދުވާނެއްގެ ގޮތުގައި ޕޮލެންޑުން ވަނީ ސިފަކޮށްފައެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކުގެ ނަޒަރުގައި މިއީ ޕޮލެންޑުގެ އިސްތިގުލާލަށް އަރައިގަތުމެކެވެ.

ޕޮލެންޑަކީ ނޭޓޯގެ މެންބަރު ގައުމަކަށްވާއިރު ނޭޓޯގެ ޗާޓަރުގެ ފަސްވަނަ މާއްދާގައި ބުނާ ކަންކަން ކުރުމުގެ ވަގުތު އަތުވެެއްޖެ ކަމަށްވެސް ޑޮނަލްޑް ޓަސްކް ވަނީ ބުނެފައެވެ. އޭނާގެ މި ބުނުމަށް ޔުކްރޭނުގެ ރައީސް ލޮޑޮމީރު ޒެލެންސްކީ ވަނީ ތާއީދުވެސް ކޮށްފައެވެ. ޕޮލެންޑުގެ ތެރެއަށް ގަސްތުގައިވިޔަސް އަދި އޮޅުމަކުންވިޔަސް ރަޝިޔާގެ މިސައިލެއް އަދި ޑްރޯނެއް ވަދެފައި ނުވާނެ ކަމަށް ރަޝިޔާއިން ބުނެއެވެ. ޒާތްޒާތުގެ ބަހަނާ ދައްކައިގެން ޕޮލެންޑާއި ޔުކްރޭނުން އުޅެނީ ހަގުރާމައިގެ ތެރެއަށް މުޅި ނޭޓޯ ނެރެންކަމަށްވެސް ބުނެފައިވެއެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކު އިޝާރާތް އެކުރާ ނޭޓޯގެ ފަސްވަނަ އާޓިކަލްއަކީ ކޮބައިހެއްޔެވެ. އެ އާޓިކަލްގައި ބުނަނީ ކޮންވާހަކައެއް ހެއްޔެވެ. އޭގައި ބުނަނީ ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރެއިން ގައުމަކަށް ނޭޓޯގައި ނުހިމެނޭ ގައުމަކުން އަސްކަރީ ހަމަލައެއް އަތުވެއްޖެނަމަ އެއީ މެންބަރު ހުރިހާ ގައުމަކަށްވެސް އަމާޒުވި ހަމަލައެއް ކަމަށް ބަލައިގެން އެންމެން ގުޅިގެން ރައްދުދޭން ވާނެކަމުގައެވެ.

ޕޮލެންޑަކީ ނޭޓޯގެ މެންބަރު ބައްތިރީސް ގައުމުގެ ތެރެއިން ގައުމެކެވެ. ރަޝިޔާއަކީ ނޭޓޯގެ މެންބަރެެއް ނޫނެވެ. އެހެންވީމާ ޕޮލެންޑުގެ ބޮޑުވަޒީރު އެބުނަނީ ނޭޓޯގެ ބައްތިރީސް ގައުމު ގުޅިގެން އެންމެން އެއްފަހަރާ ރަޝިޔާއާ ދެކޮޅަށް ހަގުރާމަ ކުރުމުގެ ވަގުތު އައީކަމުގައެވެ. މިއީ ވަރަށްވެސް ނުރައްކާތެރި ވާހަކައެކެވެ. އެގޮތަށް އަމަލުކޮށްފިނަމަ އެފެށުނީ ތިންވަނަ ބޮޑު ހަގުރާމައެވެ. ނޭޓޯ ޖަމާއަތް 1949 ވަނަ އަހަރު ވުޖޫދުވިފަހުން އާޓިކަލް ފަހެެއް އެކްޓިވޭޓްކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 11 ސެޕްޓެމްބަރު 2001 ގައި އެމެރިކާގެ ނިއުޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަމާޒުވި ހަމަލަޔާ ގުޅިގެން އެމެރިކާގެ އެދުމަކަށެވެ. ކޮންމެއަކަސް ނޮވެމްބަރު ވިހިވަނަ ދުވަހު ޕޮލެންޑަށް އަމާޒުވި ހަމަލަޔަކީވެސް އެފަދަ ހަމަލައެެއްކަމަށް ބަލައިގެން ނޭޓޯއިން ފިޔަވަޅުތަކެއް އަޅައިދިނުމަށް ޕޮލެންޑުން ވަނީ އެދިފައެވެ. އަދިވެސް އިތުރު އެތައްކަމެއް ކޮށްދިނުމަށް ވަނީ އެދިފައެވެ. އެއީ ކޮންކޮން ކަންތަކެއް ބާވައެވެ.

މިހަމަލާތަކާ ގުޅިގެން ޕޮލެންޑުގެ އެދުމަކަށް ނޭޓޯގެ ކައުންސިލް ބައްދަލުވުމެއް ބެލްޖިއަމްގެ ވެރިރަށް ބްރަޒެލްސްގައި ނޮވެމްބަރު ތޭވީސްވީ ހޯމަދުވަހު ވަނީ ބާއްވައިފައެވެ. ނޯތު އެޓްލާންޓިކް ކައުންސިލް ނުވަތަ އެން.އޭ.ސީއަކީ ނޭޓޯގެ ސިޔާސީ ގޮތްޕެވެ. ހުރިހާ ސިޔާސީ ނިންމުމެއް ނިންމާ ފަރާތެވެ. މި ކައުންސިލްގައި ހިމެނެނީ ނޭޓޯގެ ބައްތިރީސް މެންބަރު ގައުމުގެ ފަރާތުން އެ ޖަމާއަތަށް ކަނޑައަޅާފައި ތިބޭ ދާއިމީ ސަފީރުންނެވެ. މި ކައުންސިލުގެ ނިންމުންތައް ނިންމަނީ ހުރިހާ ގައުމެއްގެ ވޯޓުންނެވެ. އެއްވެސް ގައުމެއްގެ ދެކޮޅު ހެދުމެެއް ނެތިއެވެ. މިއީ ނޭޓޯގެ މުއާހަދާގެ ނުވަވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާފައިވާ ދާއިމީ ކައުންސިލެކެވެ. ރަޝިޔާގެ ހަމަލަޔާ ގުޅިގެން މި ކައުންސިލުން ނިންމި ނިންމުމަކީ ކޮބައިހެއްޔެވެ. އެފަރާތުން ނިންމާފައިވަނީ ޕޮލެންޑުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ ގޮތުން އެކަމާބެހޭ ޚާއްސަ މަތިންދާބޯޓުތަކެއް ފޮނުވުމަށެވެ.

މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ފަރާތަކީ އެވަގުތަކު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަ މީހެކެވެ. މިވަގުތު އެމަގާމުގައި ހުރީ ހޮލެންޑުގެ މާކް ރޫޓާއެވެ. އޭނާއަކީ ހޮލެންޑުގެ ކުރީގެ ބޮޑުވަޒީރެވެ. އޭނާވަނީ އަމިއްލަ ގޮތުންނާއި ރަސްމީ ހައިސިއްޔަތުންވެސް ރަޝިޔާގެ ހަމަލަ ކުށްވެރިކޮށްފައެވެ. މިއީ ބަލައިނުގަނެވޭނެ ނުރައްކާތެރި އުދުވާނެއް ކަމަށް ބުނެފަައެވެ. ޕޮލެންޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ނޭޓޯއިން ކުރާނެ ކަމަށްވެސް މާކް ރޫޓާ ވަނީ ބުނެފައެވެ. ހަގީގަތުގައި ޕޮލެންޑުން އެދުނީ މިއަށްވުރެވެސް ހަރުކަށި އިތުރު ފިޔަވަޅުތައް ނޭޓޯއިން އަޅައިދިނުމަށެވެ. އޭގެތެރޭގައި ޔުކްރޭނާއި ޕޮލެންޑު ގުޅޭ އިމާއި ގާތުން ޔުކްރޭނުގެ ތެރޭގައި އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރުންވެސް ހިމެނެއެވެ. އަދި ޕޮލެންޑާ ހަމަޔަށް ހަމަލަތައް އައުމުގެ ކުރިން ޔުކްރޭނުގެ ތެރޭގައި ނުވަތަ ބިލަރޫސްގެ ތެރޭގައި ރަޝިޔާގެ މިސައިލްތަކާއި ޑްރޯން ވައްޓައިލުންވެސް ހިމެނެއެވެ.

އެކަމަކު ޕޮލެންޑުން އެދުނު ހުރިހާ ކަމަކަށް ނޯތު އެޓްލާންޓިކް ކައުންސިލުގެ ރުހުމެއް ނުލިބުނެވެ. ކަމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ޕޮލެންޑާއި ރަޝިޔާގެ ބޯޑަރެެއްވެސް އޮވެއެވެ. އެއީ ރަޝިޔާއާ ވަކިން އޮންނަ ރޫސީންގެ ސަރަހައްދެއް ކަމަށްވާ ކަލިނިންގްރާޑާއި ޕޮލެންޑް ގުޅޭ ބޯޑަރެވެ. ޕޮލެންޑުގެ ތެރެއަށް ރޫސީންގެ ޑްރޯނާއި މިސައިލް ވަންނަނީ އެތަނަކުން ނޫނެވެ. ބިލަރޫސް އާއި ޔުކްރޭނުގެ ތެރެއިންނެވެ. މިތަނުން ބިލަރޫސްއަކީ ރަޝިޔާގެ ބައިވެރިއެކެވެ. މިތުރެކެވެ. އެތަނުގައި ރަޝިޔާގެ ނިއުކުލިއަރ ހަތިޔާރުވެސް އެބަހުއްޓެވެ. ނޭޓޯގެ ޗާޓަރުގެ ފަސްވަނަ މާއްދާ އެކްޓިވޭޓްކޮށްގެން ރަޝިޔާއާ ދެކޮޅަށް މުޅި ނޭޓޯ ނެރުމަށް ޕޮލެންޑު ބޭނުންވިޔަސް އެއީ ނޯތު އެޓްލާންޓިކް ކައުންސިލަށް ފަސޭހަ ނިންމުމަކަށް ނުވާނެއެވެ. އަދި އެއީ މެންބަރު ހުރިހާ ގައުމަކުން ރުހޭ ބަސް ދޭނެ ކަމެއްވެސް ނޫނެވެ. ދެވެންެއޮތް ކަމެއްވެސް ނޫނެވެ.