އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ނަން ހިމެނޭ 13 މެންބަރަކު މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެބަ ތިއްބެވިކަން ހާމަ ވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ. މި ލިސްޓުގެ ބައެއް ބައިތައް މިރޭ ވަނީ ލީކު ވެފަ އެވެ. އަދި ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުގެ ބައިތައް ޝާއިއުކުރަން ފަށާފަ އެވެ.

މި ލިސްޓުގައި ނަން ހިމެނޭ މެންބަރުންނަކީ، ދަނގެތީ ދާއިރާގެ މެންބަރު، މުހައްމަދު ނާޒިމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީން ޝަރީފު އާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އާއި ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

މި ލިސްޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި، ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް އަށް އެކި ފަހަރު މަތީން 5.9 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ލިސްޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިވަޑައިގެންފައި ވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަށެވެ. އެއީ 88.8 މިލިއަން ރުފިޔާ އެވެ. ޣައްސާން މައުމޫނަށް އެކި ފަހަރު މަތިން ދެ މިލިއަން ފަސް ލައްކަ ރުފިޔާ ދީފައިވާ ކަމަށާއި ޣައްސާންއާ އެކީ އުޅޭ "ލޯންގޭ" އަތަށް ފަސް ލައްކަ ދިން ކަމަށާއި "ލޯންގޭ"އާ ހަވާލުކޮށްގެން ދިން ފައިސާ ޣައްސާނަށް ލިބިފައިވާ ކަމަށް ބުނެ، ޣައްސާން "އޮއިއްޓޭ" އަށް މެސެޖް ކުރި ކަމަށް ވެސް މި ލިސްޓުގައި ވެއެވެ.

ލިސްޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދަށް 8.3 މިލިއަން ލިބިފައި ވެއެވެ. އެ ގޮތުން ޕާޓީ ބަދަލުކުރުމަށް 8 މިލިއަން ދިފައިވާކަމަށް އަދީބު ބުނެފައިވާ ކަމަށާއި 2015 ވަނަ އަހަރު، ސައީދު ދިރިއުޅުނު ގެކައިރިން 20 ހާސް ޔޫއެސް ޑޮލަރު ދިން ކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށް މި ލިސްޓުގައި ބުނެފައި ވެއެވެ.

ލިސްޓުގައިވާ ގޮތުން ހަސަން ލަތީފު ނަންގަވާފައިވަނީ ފަސް މިލިއަން ރުފިޔާއެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހަރަކާތްތަކަށް ހަރަދު ކުރުމަށް ފަސް މިލިއަން ރުފިޔާ ހަސަންއާ ހަވާލުކޮށްފައިވާނެ ކަމަށް އެ މައްސަލައިގައި ހިމެނޭ މުހައްމަދު އައްލާމް ލަތީފް ބުނެފައިވާ ކަމަށް ލިސްޓުގައި ބުނެފައި ވެއެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގަށް އެކި ފަހަރު މަތީން ފައިސާ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އެއީ ޖުމުލަ 4.7 މިލިއަން އެވެ. އެގޮތުން ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިންކަމަށް އަދީބު ބުނެފައިވާ ކަމަށާއި ރައީސް ޔާމިން ބުނެގެން 2 ލައްކަ ރުފިޔާ ދިން ކަމަށް އަދީބު ބުނެފައިވާ ކަމަށާއި 2 ލައްކަ ރުފިޔާ އާއި 2015 ފެބުރުއަރީ މަހު 2 ލައްކަ ރުފިޔާ އާއި، 20 މާރިޗް 2014 ގައި 3 ލައްކަ ރުފިޔާ ދީފައިވާނެ ކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށާއި ވެސްޓްޕާކް ކައިރީގައި ކަންމައްޗަކަށްވާ ގޮތަށް ހުރި ގެއަކަށްގޮސް ޕްލާސްޓިކް ބޮޑު ކޮތަޅަކަށް އަޅާފައިހުރި 3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ނާހިދު ރަޝީދު ބުނެފައިވާ ކަމަށް ވެސް މި ލިސްޓުގައި ފާހަގަކޮށްފައި ވެއެވެ.

ލިސްޓުގައި ވާ ގޮތުން ސައުދު ހުސެއިން އަށް ތުހުމަތު ކުރެވެނީ 2 މިލިއަން ރުފިޔާ އެވެ. އެ ގޮތުން ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިންކަމަށް އަދީބު ބުނެފައިވާ ކަމަށާއި 2014 ވަނަ އަހަރު ސީއެޗްއެސްއީ ފުރަގަހުން 2 ފަހަރެއްގެ މަތިން 1 މިލިއަން ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައި ވެއެވެ.

އޭދަފުށީ ދާއިރާގެ މެންބަރުގެ މައްޗަށް ތުހުމަތު އޮތީ 26.5 މިލިއަން ރުފިޔާ އެވެ. އެ ގޮތުން ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިންކަމަށް އަދީބު ބުނެފައިވާ ކަމަށާއި 20 މާޗް 2014 ގައި 2 މިލިއަން ރުފިޔާ އާއި 150 ހާސް ރުފިޔާ ދީފައިވާނެ ކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށާއި އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން އަހުމަދު ސަލީމްގެ ކުންފުންޏެއް ކަމަށްވާ ރެޑްވޭވް ޕްރައިވެޓް ލިމިޓެޑަށް 23,422,980.00 ދީފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައި ވެއެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންގެ މައްޗަށް އޮތީ ފަސް ލައްކަ ރުފިޔާގެ ތުހުމަތެކެވެ. އެގޮތުން 2014 ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ދުވަސްވަރު ހާމިދުސޭޓުމެންގޭ ކައިރިން ފަސް ލައްކަ ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށް ލިސްޓުގައި ބުނެފައިވެއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ މާޗް މަސް ތެރޭގައި ހާމިދު ސޭޓުގެ ގޭކައިރިން އެއްފަހަރާ 1 މިލިއަން ދިން ކަމަށް ލިސްޓުގައި ބަޔާންކޮށްފައި ވެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ މައްޗަށް ވެސް އޮތީ އެއް މިލިއަންގެ ތުހުމަތެވެ. އެ ގޮތުން ޝިޔާމްގެ ކެމްޕޭނަށް އެމްއެމްޕީއާރްސީގެ ފައިސާއިން ހަރަދު ކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ރިޔާސީ ކޮމިޝަނަށް ދެއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ކޮމިޝަނުގެ ލިސްޓުގައި ބުނެފައި ވަނީ އަހުމަދު ޝިޔާމްގެ "ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިންކަމަށް އަދީބު ބުނެފައިވޭ" ކަމަށެވެ. މި ތަނުގައި ބަޔާންކޮށްފައި އެވަނީ ކޮން ޔާމީނެއްގެ ވާހަކަ ކަމެއް މި ލިސްޓުން ސާފެއް ނުވެ އެވެ.

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިންގެ މައްޗަށް އޮތީ 330000 ރުފިޔާގެ ތުހުމަތެކެވެ. އެ ގޮތުން ކެމްޕޭނަށް ލާރި ދިންކަމަށް އަދީބު ބުނެފައިވާ ކަމަށާއި އަދި 3 ލައްކަ ރުފިޔާ ދިން ކަމަށް އަބްދުﷲ މުހައްމަދުގެ ފޯނުގައި ނޯޓްކޮށްފައިވާ ކަމަށާއި 30 ހާސް ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިންގެ ފޯނުގައި ނޯޓްކޮށްފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން މަޖިލީހާ ހިއްސާ ކުރި ލިސްޓުގައި ބުނެފައި ވެއެވެ.

ލިސްޓުގައި ވާ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމަށް ތުހުމަތު ކުރެވެނީ 1 މިލިއަންގެ މައްސަލަ އެވެ. އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި އަލީ އާޒިމްގެ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލަސިސް އިން، އެކި ފަހަރު މަތިން އަލީ އާޒިމް ފައިސާ ހޯދާފައިވާ ކަމާއި، ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓާ ހެޑް ހޯދާފައިވާ ކަމާއި، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަންގައި، އަދީބު އަތުން ހޯދާ ފައިސާ ބޭނުން ކޮށްގެން މެންބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ލިސްޓުގައި މެންބަރު ހުސެއިން މުހައްމަދު ލަތީފަށް ތުހުމަތު ކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާ އެވެ. އެގޮތުން ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިން ކަމަށް އަދީބު ބުނެފައިވާ ކަމަށާއި 2014 ވަނަ އަހަރު އަދި 2015 ގައި އެފްއޭއެމް ކައިރިން ޖުމުލަ 8 ލައްކަ ރުފިޔާ ދިންކަމަށް މުހައްމަދު ހުސައިން ބުނެފައިވާ ކަމަށް ލިސްޓުގައި ބުނެފައި ވެއެވެ.

މެންބަރު އިބްރާހީމް ރިޒާއަށް 1.5 މިލިއަން ލިބިފައިވާ ކަމަށް ލިސްޓުގައި ތުހުމަތު ކޮށްފައި ވެއެވެ. އެ ގޮތުން ކެމްޕެއިނަށް 1 މިލިއަން ޔާމީން ދިންކަމަށް އަދީބު ބުނެފައިވާ ކަމަށާއި 20 މާޗް 2014ގައި 3 ލައްކަ ރުފިޔާ އާއި 2015 ގައި 2 ލައްކަ ރުފިޔާ ދިން ކަމަށް ބުނެފައި ވެއެވެ.

ލިސްޓުގައި އަހުމަދު އީސާއަށް ތުހުމަތު ކުރަނީ ފަސް ލައްކަ ރުފިޔާގެ މައްސަލަ އެވެ. އެ ގޮތުން އީސައަށް 5 ލައްކަ ރުފިޔާ ދިން ކަމަށް މުހައްމަދު ހުސައިންގެ ފޯނުގައި ނޯޓުކޮށްފައިވާ ކަމަށް ލިސްޓުގައި ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.