ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމައި، މި މަހުގެ 29 ވާ އާދީއްތަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައިގެ ހުކުމް އިއްވާނެ ތާރީހެއް ކޯޓުން މި އިއުލާނުކުރީ، މައްސަލައިގައި ދެފަރާތުން ހުށަހަޅަންޖެހޭ ހުލާސާ ބަޔާންތައް އިއްވައި ނިމުމާ ގުޅިގެންނެވެ. އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށްދިޔައީ ޔާމީންގެ ދިފާއީ ވަކީލުންގެ ހުލާސާ ބަޔާން އިއްވުމެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު، ހުކުމް އިއްވުމުގެ ޝަރީއަތް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލުކުރައްވާ ކަމަށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށެވެ.
މި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، އެހެން ހުރިހާ ފަރާތްތަކެއް މިހާރު ވަނީ މި މައްސަލައިން ސަލާމަތްވެފައެވެ. އެގޮތުން، ރިޝްވަތުގައި މެދުވެރިއަކަށްވި ކަމަށް ބުނެ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާތައް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރި ދައުވާތައް ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ދައުލަތުން ނިންމިއެވެ.
މީގެ އިތުރުން ރަށް ކުއްޔަށް ނެގި ކްލެސިކް ހޯލްޑިންގްސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ކުންފުނިން ރަށުގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލިއިރު ވެސް ރަށް އަތުލުމުގެ އެއްވެސް މަރުހަލާއެއް ހިންގާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ބިޑަކާ ނުލައި 1.55 މިލިއަން ޑޮލަރަށް ފުއްގިރި ދޫކުރީ ޔޫއޭއީގައި ރަޖިސްޓްރީކޮށްފައިވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށެވެ. ބައިނަލްއަގުވާމީ ގޮތުން ލީކުވި "ޕެންޑޯރާ ޕޭޕާސް" ގެ ލިޔުންތަކުން ހާމަވާ ގޮތުގައި، މި މުއާމަލާތުގެ އަޑީގައި ތިބީ އިންޑިއާގެ ނުފޫޒުގަދަ ދެ ވިޔަފާރިވެރިން ކަމަށްވާ ޕްރޮޕަޓީ ޑިވެލޮޕަރު އަވިނާޝް ބޮސާލޭ އަދި ލޮޖިސްޓިކްސް ވިޔަފާރިވެރިޔާ އަމިތު ކުމާރު ގާންދީއެވެ.
ދައުލަތުން ތުހުމަތުކުރަނީ މި ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ބޮޑެތި އަދަދުތަކުން ރިޝްވަތު ބަދަލުކޮށްފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް