ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ މީހުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަނާކަމެއް ނޫން ކަމަށާއި، މައްސަލައަކަށްވަނީ އެ ފައިސާގެ ބަދަލުގައި ނާޖައިޒު ފައިދާއެއް ހޯދައިދިނުމުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅުވައިގެން، ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލުމުގެ ގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ސުވާލުތަކެއް އުފައްދައިފައެވެ. އެގޮތުން އެއް މިލިއަން ޑޮލަރަކީ އެކި ގޮތްގޮތުން ލިބިފައިވާ ރުފިޔާ މާރުކުރުމަށް ހޯދި ފައިސާކަމަށް ޔާމީން ވިދާޅުވަމުން ގެންދަވާތީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވި ގޮތަކާމެދު ދައުލަތުންވަނީ ސުވާލު އުފައްދައިފައެވެ.

އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، ގެދޮރު ކުއްޔަށް ދިނުން ފަދަ ކަންކަމުން އާމްދަނީ ލިބޭ ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެ މަނިކުފާނުގެ އަތްޕުޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ސާފުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ބޭނުމުގައި ހެޔޮއެދޭ ފަރާތްތަކުން ސިޔާސީ ގޮތުން ފައިސާގެ އެހީތެރިކަން ދެ އެވެ. އެއީ ހުސް ސިޔާސީ ޕާޓީތަކަށް ޖަމާކުރަންޖެހޭ ފައިސާ ނޫން ކަމަށާއި، އެ ފަދަ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކަށް ޖަމާނުކޮށް ގޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެންގުޅުއްވި މައްސަލައިގައި ޔާމީން ވިދާޅުވީ، ސަލާމަތީ ގޮތުން ރައްކާތެރިކަން އޮތް ގެކޮޅެއްގައި ފައިސާ ބެހެއްޓުމަކީ ގާނޫނީ ގޮތުން ކުށެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ މައިގަނޑު ހެކިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުބާރާމެދު ޔާމީންގެ ވަކީލުން ވަނީ ސުވާލުތަކެއް އުފައްދައިފައެވެ.

އެގޮތުން ޔާމީންގެ އިސް ވަކީލު އަދި އެ މަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އަދީބާއި ޒިޔަތަކީ ޔާމީނާ ދެކޮޅަށް ހެކި އުފެއްދުމަށް ދައުލަތުން ބޭނުންކުރާ "މެޝިނެއް" ކަމަށެވެ. އެ ދެ މީހުންނަކީ ފާސިގުން ކަމަށާއި، އެ މީހުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ހިޔާނާތުގެ އަސްލު ކުށްވެރިން ދޫކޮށްލުމަށްފަހު ޔާމީން ސިޔާސީ ގޮތުން އެކަހެރިކުރުމަށް ދައުލަތުން މަސައްކަތް ކުރަމުންދާކަމަށް ޖަމީލް ވިދާޅުވިއެވެ.

ޔާމީން އެހެން ދިފާއީ ވަކީލެއް ކަމަށްވާ ހަމްޒާ ލަތީފު ވިދާޅުވީ އަދީބާއި ޒިޔަތު ހެކިބަސް ދިނީ ދައުލަތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލުއިތަކެއް ލިބޭ ހާލަތެއްގައި ކަމަށްވާތީ އެ ހެކިބަހުގައި އިންސާފެއް ނެތް ކަމަށެވެ.

މީގެއިތުރުން، ރިޝްވަތު ދިން ކަމަށް ބުނާ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންގޮސްފައިވުމާއި، މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިންކަމަށް ބުނި ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވެ އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމުމަކީ، ހަމައެކަނި ޔާމީނަށް އަމާޒުކޮށްގެން ދައުލަތުން ނުބައި ނިޔަތެއްގައި ކުރާ ކަމެއްކަމަށް ހަމްޒާ ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިއަދު ނިމިފައިވާއިރު، މި މައްސަލައިގެ ހުކުމް އިއްވުން މި މަހުގެ 29 ވަނަ ދުވަހު ބާއްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީވަނީ އިއުލާން ކުރައްވައިފައެވެ.

މީގެ އިތުރުން، ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި ހުކުމް ހައި ކޯޓުން ބާތިލުކުރުމާ ގުޅިގެން، އެ މައްސަލައިގެ ޝަރީއަތްވެސް މިހާރު ދަނީ ކުރިމިނަލް ކޯޓުގައި އަލުން ހިނގަމުންނެވެ.