ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ހއ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ބާރަށް، ފިއްލަދޫގެ އިތުރުން މާރަންދޫ އާއި ދިއްދޫ އަދި ހޯރަފުށިން ކާމިޔާބުކޮށްފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިހާރު ކުރިއަށްދަނީ އަތޮޅު ބުރުގެ މެޗުތަކެވެ. މިއަހަރު ހއ. އަތޮޅުން ޖުމުލަ 12 ޓީމު ވާދަކުރަމުންދަނީ ތިން ގްރޫޕެއްގައެވެ. ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ އިރު، އަތޮޅު ބުރުގެ ކުއާޓާ ފައިނަލަށް ދާނީ ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި، ތިން ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ، ދެ ޓީމެކެވެ.
ރޭ ހއ. އަތޮޅު ގްރޫޕް އެކެއްގައި ފުރަތަމަ މެޗުން މޮޅުވެފައި އޮތް އިހަވަންދޫ އާއި ފުރަތަމަ މެޗުން ބަލިވެފައި އޮތް ފިއްލަދޫ ވާދަކޮށް، މެޗު 4-2 އިން ކާމިޔާބު ކުރީ ފިއްލަދޫއެވެ. އެ މޮޅާއެކު ފިއްލަދުއަށް އުންމީދެއް ލިބުނު އިރު، އެ ގްރޫޕުގައި މިހާތަނަށް ދެ މޮޅު ހޯދައި، އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މާރަންދޫއެވެ. އެއީ ރޭ 3-0 އިން މުރައިދޫ ބަލިކޮށްގެނެވެ. ރޭގެ މެޗަށް ނުކުތް އިރު، މާރަންދު އޮތީ ފުރަތަމަ މެޗުގައި 3-0 އިން ފިއްލަދޫވެސް ބަލިކޮށްފައެވެ.
ފިއްލަދޫން ރޭ އިހަވަންދޫ ބަލިކުރި މެޗުގައި ފިއްލަދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ހުސާމް، އަލީ އަފްރާހުގެ އިތުރުން އާދަމް އަބްދުލް ރަހީމް އަދި އަބްދުﷲ އިހުވާނެވެ. އިހަވަންދޫން ރޭގެ މެޗުގައި ޖެހި ގޯލުވެސް ޖެހީ އިބްރާހީމް ހާމިދެވެ.
މާރަންދޫން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު، ރޭގެ މެޗުގައި ގޯލުތައް ޖެހީ މުހައްމަދު ތަހްސީނާއި މުހައްމަދު ޝާމް ހަމީދެވެ. ތަހުސީން ވަނީ ދެ ގޯލު ރޭގެ މެޗުގައި ޖަހައިފައެވެ.
ހއ. އަތޮޅުގެ ގްރޫޕް ދޭއްގެ ދެ މެޗުވެސް ރޭ ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި ބާރަށުން ވަނީ އުތީމު ކައިރިން 4-3 ގެ މޮޅެއް ހޯދައިފައެވެ. އެ ގްރޫޕުގައި ބާރަށުން ފުރަތަމަ ކުޅުނު މެޗުގައި ހޯދި ޕޮއިންޓާއެކު މިވަގުތު އެޓީމު އޮތީ އެއްވަނައިގައެވެ. އުތީމުން ފުރަތަމަ މެޗުން މޮޅުވެ، ދެވަނައިގައި އޮތް އިރު، ރޭ އެ ގްރޫޕުގައި ތުރާކުނާއި ކެލާ އެއްވަރުވީ 3-3 އިންނެވެ.
ބާރަށުން ރޭ މުބާރާތުގެ ފުރަތަމަ މޮޅު ހޯދި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ މިސްބާހާއި އަހުމަދު ފައިޒާނެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އުތީމުގެ ގޯލުތައް މެޗުގައި ޖެހީ މުހައްމަދު ނަބީލާއި ރިޝްވާން އިބްރާހީމް ރަޝީދު އަދި މުހައްމަދު ރިޝްމީއެވެ.
ތުރާކުނާއި ކެލާ އެއްވަރުވި މެޗުގައި ކެލާގެ ގޯލުތައް ޖެހީ އިސްމާއީލް އާސިފާއި އަބްދުﷲ އިހުސާމް އަދި އަހުމަދު ޝަފަގެވެ. ތުރާކުނުގެ ގޯލުތައް ޖެހީ އިސްމާއީލް ޝަފީއާއި މުހައްމަދު ސަމީހު އަދި އިބްރާހީމް ޝަރީފެވެ.
ހއ. އަތޮޅު ގްރޫޕް ތިނެއްގައި ރޭ ހޯރަފުއްޓުން ދެވަނަ މޮޅެއް ހޯދައި، ކުއާޓާ ޔަގީންކުރުމާ ގާތަށް ޖެހިލީ 3-1 އިން ވަށަފަރު ބަލިކޮށްގެންނެވެ. ހޯރަފުށިން ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި 5-2 އިން ތަކަންދޫ ބަލިކޮށްފައިވާ އިރު، ރޭގެ މެޗަށް ވަށަފަރު ނުކުތީ ފުރަތަމަ މެޗުގައި 4-1 އިން ދިއްދޫ ބަލިކޮށްފައި އޮވެގެންނެވެ.
ހޯރަފުއްޓަށް ރޭގެ މެޗުގައިވެސް ތަފާތު ދެއްކީ އަބްދުﷲ ޔާމީން (ޔާނު)އެވެ. އޭނާ މެޗުގައި ދެ ގޯލު ޖެހިއެވެ. ޔާނުގެ އިތުރުން މެޗުގައި ހޯރަފުއްޓަށް ގޯލު ޖަހައިދިނީ އާދަމް މާހިލްއެވެ. ވަށަފަރުން ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ސިނާނެވެ.
ހއ. އަތޮޅު ގްރޫޕް އެކެއްގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތް ދިއްދޫން ރޭ 6-2 އިން ތަކަންދޫ ބަލިކޮށް އުންމީދު ހޯދި އިރު، ދިއްދޫގެ ފާއިގު އަހުމަދު ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލުތައް ޖެހީ ފައިސަމް ރަޝީދާއި ޒުނާމް މުހައްމަދު ޒުހައިރު، މުހައްމަދު ވިޝާހު އަދި މުހައްމަދު ޝަނާއު ނަސީރެވެ. ތަކަންދޫން މެޗުގައި ޖެހި ގޯލުތައް ޖެހީ އަލީ އަމްޖަދާއި ޖަމްޝާދު ޖައުފަރެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ށ. އަތޮޅުގެ ކުޅުންވެސް ރޭ ފަށާފައިވާ އިރު، ށ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ ހަ ޓީމެކެވެ. އެ އަތޮޅުގެ މެޗުތައްވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، އެ އަތޮޅު ގްރޫޕް އެކެއްގައި އެންމެފަހުގެ ޗެމްޕިއަން ފޯކައިދޫން ކުޅުނު މެޗުގައި މަރޮށި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ދޭއްގައި ރޭ ފޭދޫން ފީވަށް، 2-1 އިން ބަލިކުރި އިރު، ފޭދޫގެ ގޯލުތައް ޖެހީ އަހުމަދު ފާއިން މުހައްމަދާއި މުހައްމަދު ސިރްފާނެވެ. ފީވަކުގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ޝާމިހެވެ.
ފޯކައިދޫ ކުޅުނު މެޗުގައި އެޓީމަށް ގޯލު ޖަހައިދިނީ ނަދީމް ނަވާޒާއި ހުސައިން ނަބީހް އަދި އިބްރާހީމް މުސީރެވެ. މަރޮއްޓަށް ގޯލުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު މާދިހާއި އިބްރާހީން ނިޔާޒެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް