ހދ. ނައިވާދޫން ހޯދީ ފުޓްސަލްގައި ރާއްޖޭގެ އެންމެ ބޮޑު ކާމިޔާބީއެވެ. ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަމެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލަށް ނުކުމެ، އެ ޓީމުން ސާބިތުކޮށްދިނީ އެތައް ވާހަކައެކެވެ. ކުރަން އުނދަގޫ ކަމެއް ނަމަވެސް އެކަމާ ކުރިމަތިލައި، ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދީ ރަށަށް އުފަން، ޓީމަށް އިންތިހާއަށް ލޯބިހުރި ކޯޗަކާއެކުގައެވެ. ފުޓްސަލްގައި ފާހަގަކޮށްލެވޭ ނަމެވެ. މުހައްމަދު ނާޝިދު އަހުމަދު ނަސީމް (ނާއްޓެ)އެވެ.
އަމިއްލަ ރަށުގެ ބެޖު މަތީގައި ތަރި ޖަހާލި ޓީމުގެ ހުންގާނުގައި ހުރުމަކީ ނާއްޓެއަށް ތަފާތު އިހުސާސެއް ކުރެވުނު ކަމެކެވެ. ކެރިއަރުގައި އެންމެ އުފާވެސްވި ވަގުތެވެ. ބަޔާން ކުރަންވެސް ދަތިވިއެވެ.
"މިއީ ބަޔާންކުރަންވެސް އުނދަގޫ އިހުސާސްތަކެއް. އެންމެ ޅައުމުރު ނައިވާދުއަށް ކުޅެން ފެށީއްސުރެ އެންމެ ބޭނުންވި ކަންތައް މިއީ. ގޯލްޑަންގެ ތަށި ރަށަށް ހޯދައިދިނުން. ނަސީބަކުން ކުޅުންތެރިއެއްގެ ގޮތުގައި އެ ނުލިބި އޮތް ކާމިޔާބީ، ކޯޗެއްގެ ގޮތުގައި މި ހޯދުނީ. އެހެންވިޔަސް ކޯޗަކަށްވުރެ ބޮޑަށް ކުޅުންތެރިއެއްގެ އިހުސާސް މި ކުރެވުނީ ހަމަ،" ނާއްޓެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ތަށްޓާއެކު ނާއްޓެއަށް އާވީ އެތައް ހަނދާންތަކެއްކަން އޭނާގެ ވާހަކައިން ފާހަގަވިއެވެ. ރަށް ތަމްސީލުކުރުމުގައި ޖާޒީ އަޅައިގެން އެ ކުރި މަސައްކަތެވެ. އެ މަސައްކަތް އޭރު ކާމިޔާބުނުވެ އޮތް ނަމަވެސް، މިއަދާ ހަމައަށް ކުރި ދަތުރުގައި ހޯދުނު ރަން މެޑަލް ހާއްސަވީވެސް އެ ހަނދާންތަކާއެކުގައެވެ.
"މިއީ ފުޓްސަލްއާއި ފުޓުބޯޅައިގެ ކެރިއަރުގައިވެސް ލިބުނު އެންމެ ބޮޑޫ ކާމިޔާބީ. ދެން ފައިނަލަށް ނުކުތްއިރުވެސް ޔަގީންކަމެއް އޮތް ނަތީޖާ ނެރެވޭނެ ކަމަށް. އެއީ ސަޕޯޓަރުން އެ ދޭ އިތުބާރާވެސް އެކު، ވަރަށް ބޮޑު އުންމީދެއް އޮތް ފައިނަލަށްވެސް،" ނާއްޓެ ބުންޏެވެ.
ނައިވާދުއަކީ މިހާރު ރާއްޖޭގެ އެއްވަނަ: ދެމި އޮތުމަކީ އުންމީދު
"އަސްލު މިއީ ނައިވާދޫގެ ފުޓްސަލް ތާރީހުގައިވެސް ބޮޑު ކާމިޔާބީއެއް. މީގެ ކުރިން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ ނައިވާދުއަކީ ބޮޑު ތިލަދުންމަތީގެ ނަމެކެވޭ، އެހެން އެކަން އޮތް އޮތުން މިހާރު ބަދަލުވެފައި މިވަނީ، ނައިވާދޫއަކީ ރާއްޖޭގެ އެއްވަނަ މިވަގުތު،" ފަހުރުވެރި ކަމާއެކު ނާއްޓެ ފާހަގަކުރިއެވެ.
ކާމިޔާބީއާއެކު ނިންމާލުމަކީ ކުޅިވަރަށް ލޯބިކުރާ އެއްވެސް ޓީމެއްގެ އުސޫލަކަށް ނުވާނެތާއެވެ. ނާއްޓެގެ ނަޒަރުގައިވެސް އެކަން އެހެން ވެގެން ނުވާނެއެވެ. ނާއްޓެ ގަބޫލުކުރާ ގޮތުގައި ނައިވާދޫން ދެން ވިސްނަންވީ ކުރިއަށެވެ. އެހެން ހަރުފަތަކަށް ދާށެވެ. އެ ވިސްނުމާއެކު މަސައްކަތް ކޮށް، އެކަން ހާސިލްކުރެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.
"އުންމީދަކީ ނައިވާދޫ މި ލެވެލްގައި ކުރިއަށް ތަނުގައިވެސް ދެމި އޮތުން. ވަރަށް ބޮޑެތި ޕްލޭންތައްވެސް އެކަމަށް އެބަހުރި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުވެސް ބައިވެރިވެގެން ވަރަށް ކަންކަން ރަނގަޅުކުރާތަން ފެންނާނެ. ފެސިލިޓީގެ ގޮތުން ބެލިޔަސް ކުރިއަށް ދާން ވިސްނަން. އެއީ އުންމީދަކީ އިރާދަކުރެއްވިއްޔާ ނައިވާދޫ ރަށު ލެވެލްގައި އިންޑޯއެއްގައި މުބާރާތް ކުޅުން،" ނާއްޓެ ބުންޏެވެ.
ކުޅުންތެރިއެއްގެ ހަނދާންތަކުގެ ތެރެއިން ކޯޗެއްގެ ގޮތުގައި ރަން މެޑަލް އަޅާލި ނާއްޓެގެ ވިސްނުން ހުރީ ދުރުރާސްތާ ޕްލޭނަކަށެވެ. ފުޓްސަލްއަށް ގެންނަން ބޭނުންވާ ބަދަލާ ދިމާލަށެވެ. އެ ބަދަލަށް ހޭނުން އެއީ މަޑުމަޑުން ކުރަން ޖެހިފައި އޮތް ކަމަށެވެ. ވަސީލަތްތަކަށް އަމިއްލައަށް ރަށްރަށުންވެސް ކުރާ މަސައްކަތުން އެ އިންގިލާބީ ބަދަލަށް ފެށުން އެކަށީގެންވެއެވެ.
މުޙައްމަދު ޝަމްޢޫން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް