ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ 11 ވަނަ އެޑިޝަން، އަންނަ އަހަރު މާޗު މަހު 27 ވަނަ ދުވަހު ފަށަން ތާވަލުކޮށް، އިއުލާނު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން ތިން މުބާރާތުގައިވެސް 120 އަށްވުރެ ގިނަ ޓީމަކުން ވާދަކުރި އިރު، ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މެޗު އޭގެން ކޮންމެ މުބާރާތެއްގައި ވެސް ކުޅެފައިވެއެވެ.
އަހަރެއް އަހަރަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފޯރިގަދަވެ، މިދިޔަ އަހަރުގެ މުބާރާތްވެސް ވެގެން ދިޔައީ ތަފާތު އިންގިލާބީ ބަދަލުތަކާއެކު ކާމިޔާބީތައް ހޯދި މުބާރާތަކަށެވެ. ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށްވެސް ވަދެފައިވާ އިރު، އަބަދުވެސް ފެނިގެންދާ އަތޮޅާއި ރަށު ފޯރި މުބާރާތުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތަށްވީ އިރު، އެ މުބާރާތުގެ އޮންލައިން ޕްލެޓްފޯމުތަކަށް ރެކޯޑު އަދަދަކަށް ވިއުސްވެސް ލިބިފައިވެއެވެ.
މިއަހަރުގެ މުބާރާތްވެސް ޗެރިޓީ ޝީލްޑް މެޗުން ފަށަން ތާވަލު ކޮށްފައިވާ އިރު، މިހާރު ވަނީ ޓީމުތައް ބައިވެރިވުމުގެ ފުރަތަމަ މަރުހަލާއަށް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ކައުންސިލްތަކަށް މުބާރާތުގައި ބައިވެރިވާން މިހާރު ފުރުސަތު ހުޅުވާލާފައިވެއެވެ. އެ މަރުހަލާގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 18 ވަނަ ދުވަހަށެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވީޑިއޯ ސަޕޯޓް (ވީއެސް) ބޭނުންކޮށް، ރާއްޖޭގެ ތާރީހު ލިޔެލިއެވެ. އަދި އިތުރު ގަވާއިދު ތަކަށްވެސް ބަދަލު ގެނެސް، މުބާރާތް އިތުރަށް ހަރުދަނާ ކޮށްފައިވެއެވެ.
އެގޮތުން ކުޅުންތެރިން އުފަން ރަށަށް ކުޅެ، އަތޮޅާއި ރަށު ފުޓްސަލްގެ ފޯރިގަދަ ކުރުމަކީ މުބާރާތުގެ މައިގަނޑު މަގުސަދު ކަމަށްވީ ހިނދު، ކުޅުންތެރިން އުފަން ރަށް ދޫކޮށް އެހެން ރަށްރަށަށް ކުޅުން ހުއްޓުވަން މިފަހަރު ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ވިދާޅުވީ މިފަހަރުގެ މުބާރާތްވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށާއި، މުބާރާތް ފުރިހަމަކަމާއެކު ބެލުންތެރިންނަށް ގެނެސްދޭން ގޯލްޑަންއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން އަބަދުވެސް ދޭނެ ކަމަށް ރިލުވާން ފާހަގަކުރައްވާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ކޮމެންޓް