ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ޗެމްޕިއަން ހދ. ނައިވާދޫން ތަށްޓާއެކު ރަށަށް ދިޔުމުން، ރަށުގެ ރައްޔިތުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ނައިވާދޫން ތަށްޓާއެކު ރަށަށް ދިޔައީ އިއްޔެއެވެ. އެޓީމުން ގޯލްޑަންގެ ތަށްޓާއެކު ރަށަށް ދިޔައީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށްޓާވެސް އެކުގައެވެ. އެޓީމުގައި ގައުމީ ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންކަން ހޯދި ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ އަހުމަދު ހަމީދު (އަންމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން އިބްރާހީމް ނާޖިހު (ހޭޓް)އެވެ.

ކުޅުންތެރިން ރަށަށް ގޮސް ސަޕޯޓަރުންނާއެކު އުފާފާޅުކޮށްފައިވާ އިރު، ފައިސާ ފަތިވެސް އަޅުވާފައިވެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ފައިނަލުގައި ފަހަތުން އަރައި ގއ. ދެއްވަދޫ ބަލިކޮށް، ހދ. ނައިވާދޫން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މެޗުގައި ނައިވާދޫން ދެއްވަދޫ ބަލިކުރީ 9-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ކިންގަކަށް ހޮވުނީ ނައިވާދޫގެ ކެޕްޓަން ޔާމީން މުހައްމަދު (ޔާންޓެ) އެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ޔާންޓެއާއެކު ނައިވާދޫގެ އަންމަޑޭވެސް ހިމެނިފައިވާ އިރު، މިފަހަރުވެެސް ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވުނީ ނައިވާދުއެވެ. މިއީ ނައިވާދޫން ގޯލްޑަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.