ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ފުޓްސަލް ކުޅުންތެރިންނާއި ޒުވާނުންނަށް ކުރިމަގު ހޯދައިދިން ޕްލެޓްފޯމެއް ކަމަށާއި، އެ މުބާރާތަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 އަންނަ އަހަރު މާޗު މަހުގެ 27 ވަނަ ދުވަހު ފަށަން އިއުލާނު ކޮށްފައިވާ އިރު، މިއީ 11 ވަނަ މުބާރާތެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން ތިން މުބާރާތުގައިވެސް 120 އަށްވުރެ ގިނަ ޓީމަކުން ވާދަކުރި އިރު، އެއިން ކޮންމެ މުބާރާތެއްގައިވެސް ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ތައާރަފުވީ ހިސާބުންވެސް ވަރަށް ރަނގަޅަށް އޮގަނައިޒް ވެގެން ހިނގަމުން އަންނަ މުބާރާތެއް ކަމަށާއި މިދިޔަ ދެ އަހަރުވެސް މުބާރާތް ފެނިގެންދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
އޭގެ އިތުރުން ރާފިއު ފާހަގަކުރެއްވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ޒުވާނުންނަށް ހުނަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، ރަނގަޅު އަހުލާގާއެކު އެ ފުރުސަތުގެ ބޭނުންކުރާތަން ފެނުން އެއީ ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ގޯލްޑަންއަކީ އަޅުގަނޑުމެންގެ ޒުވާނުންގެ ހުނަރު ދައްކާލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ޑިސިޕްލިންއާއެކީގައި، ކުޅުންތެރިންނާއި ކުޅިވަރު ބަލަން ތިއްބަވާ ބޭފުޅުންވެސް ހިފަމުންދާތަން މުބާރާތުން ފެނިގެން ދިޔުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް. އެ ޑިސިޕްލިން މުބާރާތުގެ ތެރެއިން ދަސްވެގެން ދިޔުމަކީ އުންމީދުކުރާނެ ކަމެއް. އަދި ހުނަރު އެއް މުބާރާތުން އަނެއް މުބާރާތަށް އިތުރުވެގެން ދާއިރު، ގޯލްޑަންއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ޝާމިލުވާ މުބާރާތެއް،" މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ދިވެހި ފުޓްސަލް ކުޅުންތެރިންނަށް ކުރިމަގެއް ހޯދައިދިން ޕްލެޓްފޯމެއްކަން މިނިސްޓަރު ރާފިއު ފާހަގަކުރެއްވި އިރު، މުބާރާތް އިންތިޒާމުކުރާ ފަރާތަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ފުޓްސަލްއަކީ މިހާރު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ރާއްޖޭގެ ފުޓްސަލް މުބާރާތްތައް ފުޅާވެގެން ދިޔުމަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް ފަހި ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
މިހާރު ރާއްޖޭގެ ފުޓްސަލް ލީގެއް ރަސްމީކޮށް ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންވެސް މުބާރާތްތައް ފަށާފައިވާ އިރު، ރާފިއު ވިދާޅުވީ އެ މުބާރާތާއެކު އަމިއްލަ ފަރާތްތަކުން ބާއްވާ މުބާރާތްތައް ބޭއްވުން އެއީ އަބަދުވެސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމެއް ކަމަށެވެ.
"ފުޓްސަލް ދެން މިހާރު ކުރިއަށް ގޮސްފައި މިއޮތް ހިސާބުން ފުޓްބޯލް އެސޯސިއޭޝަނުން އިސް ނަންގަވައިގެން ގައުމީ ފެންވަރުގައި މުބާރާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި. އެހެން ނަމަވެސް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ފުޓްސަލްވެސް އަމިއްލަ ފަރާތްތަކުންވެސް ހަމަ މުބާރާތްތައް އެބަ ކުރިއަށް ގެންދެވޭ. އެ ގެންދިޔުމުގައި ކުޅިވަރާއި ޒުވާނުންނާ ގުޅުންހުރި ކަންކަމުގައި އަބަދުވެސް އަޅުގަނޑުމެން ސަޕޯޓް ދޭނަން. އެކަމުގައި އެކީގައި އެއްބާރުލުން ދީގެން އަބަދުވެސް ކުރިއަށްދާނެ،" ރާފިއު ވިދާޅުވިއެވެ.
އަންނަ އަހަރުގެ މުބާރާތްވެސް ޗެރިޓީ ޝީލްޑް މެޗުން ފަށަން ތާވަލު ކޮށްފައިވާ އިރު، މިހާރު ވަނީ ޓީމުތައް ބައިވެރިވުމުގެ ފުރަތަމަ މަރުހަލާއަށް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ކައުންސިލްތަކަށް މުބާރާތުގައި ބައިވެރިވާން މިހާރު ފުރުސަތު ހުޅުވާލާފައިވެއެވެ. އެ މަރުހަލާގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 18 ވަނަ ދުވަހަށެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ކޮމެންޓް