އެއްވެސް ހަކަތައެއް ބުންވަރެއް ނެތި ފަސް އަހަރު ވަންދެން މަގުމަތީގައި މަދު އަދަދެއްގެ މީހުން އެއްވެގެން ސިޔާސީ މަސައްކަތެއް ކުރި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެކަމުގެ ފާޑުކިޔުންތައް އަމާޒުވިއެވެ. މަގުމަތީ ހަރަކާތުގައި މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެމްޑީޕީ އަދި އެ ޕާޓީގެ ފަރާތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ ހުއްޓުމެއް ނެތް ފާޑު ކިޔުން އަމާޒުވިއެވެ. އެއިރު ވެސް ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ބުނަމުންދިޔައީ އެ މީހުންގެ އަޑަކީ މުޅި ރާއްޖޭގެ އަޑު ކަމަށާއި އެ މީހުން ގޮވާލަމުން އެ ދަނީ ދިވެހި ހުރިހާ ރައްޔިތުންގެ ބޭނުންވާ ކަންކަން ކަމަށެވެ. ފަސް އަހަރު ވަންދެން ކޮންމެ ރެޔަކު ހަރަކާތް ހިންގިއިރު، ބައެއް ރޭރޭ 100 މީހުންވެސް ހަމަނުވެ އެ ހިންގި ސިޔާސީ ހަރަކާތުގެ ސަބަބުން، އެ ވާހަކަތައް އެއިރަކު ގަބޫލެއް ނުކުރެވެއެވެ. އެކަމަކު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން އެނގިގެން ދިޔައީ ޕީޕީއެމް/ޕީއެންސީ އިއްވަމުން ދިޔައީ ރައްޔިތުންގެ އަޑު ކަމަވެ. ރައްޔިތުން އެ ވަނީ އެ މީހުންގެ ބަސް އިއްވައިފައެވެ. އެމީހުންގެ އަޑު އިއްވައިފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ އިންތިހާބުގެ 45.26 ޕަސަންޓު ކާމިޔާބު ކުރައްވައިފައެވެ. އެއީ 101,394 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ އިންތިހާބުގެ 85,698 ވޯޓެވެ. އެއީ 38.25 ޕަސަންޓެވެ. ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒަށް ވަނީ 53 ޕަސެންޓާއެކު 126،850 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46 ޕަސެންޓެވެ. އެއީ 108،696 ވޯޓެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ނުވަނީސް ޕީޕީއެމް/ޕީއެންސީން ވަނީ ސިޔާސީ ހަރަކާތް ފަށައިފައެވެ. އެ ސިޔާސީ މަސައްކަތުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް" ކެމްޕޭނެއް ފަށައިފައެވެ. އެ ހަރަކާތް އެ މަނިކުފާނު ވަނީ މުޅި ރާއްޖޭގައި ކުރިއަށް ގެންދަވައިފައެވެ. އެ މަނިކުފާނު ވަނީ ރަށްރަށަށް ވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަވައިފައެވެ. މާލޭގައި ކޮންމެ ދުވަހަކު އެ ހަރަކާތް ކުރިއަށް ގެންދިޔައެވެ. "އިންޑިއާ އައުޓް" ހަރަކާތުގައި މީހުން މަދުވި ނަމަވެސް އެ ހަރަކާތުގެ ނަމާއި މަގުސަދު ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ސާފުވެފައެވެ. އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް ބުރޫ އަރެއް ކަމަށާއި އިންޑިއާގެ ބީޖޭޕީ ސަރުކާރުން، އެ ގައުމުގެ މުސްލިމް ރައްޔިތުންނާ ދެކޮޅުވެރިވެ، ލާއިންސާނީ އަނިޔާތައް ދެމުންގެންދާ ވާހަކައެވެ. ވިކުނީ އެވާހަކަތަކެވެ.
ސަރުކާރުގެ ފަރާތުން ވަނީ އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. ރައީސް ސޯލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ވެސް ސަރުކާރުގެ އިސް ބައެއް ވެރީން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރެއްވީ "އިންޑިއާ އައުޓް" ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައެވެ. އިދިކޮޅުން ވެރިކަމަށް އަންނަން ކުރާކަމެއްގެ ގޮތުގައެވެ. އެކަމަކު "އިންޑިއާ އައުޓް" އަކީ ޔާމީން ވަރަށް ވިސްނުންތެރިކަމާއެކު ކުޅުއްވި މޮޅު ކުޅިއެކެވެ. "އިންޑިއާ އައުޓް" ހަރަކާތް ސީދާ އަމާޒު ވާނީ ރާއްޖޭގެ ފޮރިން ޕޮލިސީއަށެވެ. މި ސަރުކާރުން އިންޑިއާއެކު، ސިއްރު އެއްބަސްވުންތައް ހަދައި މިނިވަންކަމަށް ބުރޫ އަރުވާލާފައިވާ ކަމަށާއި ރާއްޖޭގެ މިނިވަންކަން އިންޑިއާއަށް ދީފައިވާކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި އެ ސިއްރު އެއްބަސްވުންތައް ހާމަކުރައްވަން ޔާމީން ގޮވާލެއްވިޔަސް ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ.
އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރިއެވެ. ނަމަވެސް އެއްބަސްވުންތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާނުކޮށް، އެއްބަސްވުންތައް ސިއްރުކުރިއެވެ. އެއްބަސްވުންތައް އާންމުކޮށްފިނަމަ ރާއްޖެއާއި އިންޑިއާ ދެމެދުގައިވާ ގާތް ގުޅުމަށް ބުރޫ އަރާނެތީ، ސަރުކާރަށް މަޖުބޫރުވީ އެއްބަސްވުންތައް ސިއްރު ކުރުމަށެވެ. ނަތީޖާއަކަށް ވީ ރާއްޖޭގެ މިނިވަންކަން އިންޑިއާއަށް ވިއްކާލައިފައިވާ ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގިނަ ބަޔަކު ބޭނުންވީއެވެ. ޔާމީންގެ ބޭނުމަކީ އެއީކަމަށް ވެދާނެއެވެ. އެއީ އެފަދަ އެއްބަސްވުންތައް ހާމަނުކުރެވޭނެކަން އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނާނެތީއެވެ. ޔާމީންގެ އަމާޒު ހާސިލުވީ އެވެ.
މުއިއްޒު އޭނާގެ ކެމްޕޭނުގައި ވެސް އެންމެ އިސްކަމެއް ދެއްވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލުވައި، މިނިވަންކަން ދިފާއުކުރައްވާނެކަމުގެ ވާހަކަތަކަށެވެ. މި ސަރުކާރުން އެއްބަސްވުތައް ސިއްރު ކުރަނީ، އެއްބަސްވުންތަކުގައި ގޯހެއް އުޅޭތީ ކަމަށް މުއިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ އިންޑިއާއެކު ހަދައިފައިވާ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށެވެ. ނަތީޖާއަކަށްވީ ގައުމުގެ މިނިވަންކަމާއީ އިންޑިއާ ސިފައިން ބޭލުމަށް ގިނަބަޔަކު ބޭނުންވާތީ މުއިއްޒަށް ވޯޓު ދިނުމެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ރައީސް ސޯލިހު ވެސް ވަނީ އެކަން ގަބޫލުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީން ކުރި ތުހުމަތުތަކަށް އެކަށީގެންވާ ރައްދު ނުދެވުމަކީ އިންތިހާބުން ދަށް ނަތީޖާއެއް ލިބުނު ސަބަބެއް ކަމަށެވެ. އަދި އެއްބަސްވުންތައް ސިއްރު ކުރުމަކީ ވެސް ހިތްހަމަޖެހޭ ނަތީޖާއެއް ނުލިބުނު ސަބަބެއްކަމަށް ރައީސް ސޯލިހު ވިދާޅުވެފައިއެވެ.
ޕީޕީއެމްގެ ފުރަތަމަ ވެރިކަން، 2013 ވަނަ އަހަރުން 2018 ވަނަ އަހަރަކީ، ރާއްޖޭގައި އެންމެ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ފަސް އަހަރެވެ. ޔާމީންގެ ސަރުކާރުން، ޗައިނާއާއެކު ބޭއްވި ގާތް ގުޅުމުގެ ތެރެއިން އެ ގައުމުން ވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައެވެ. އެ ފައިސާއިން ޔާމީންގެ ސަރުކާރުގައި ވަނީ ސިނަމާލެ ބުރިޖު، ދަރުމަވަންތަ ހޮސްޕިޓަލް، ރިންގް ރޯޑް، ހުޅުމާލެ ފޭސް ދޭއް ހިއްކައި ހިޔާ މަޝްރޫއު އަދި ވިނަރެސް މަޝްރޫއުގެ މަސައްކަތް ފަށައިފައެވެ. މިއީ ކުރިން ރާއްޖެ ނުދެކޭފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެވެ.
އެ ހުރިހާ މަޝްރޫއެއް ކުރިއަށްދިޔައިރު މުއިއްޒަކީ ހައުސިން މިނިސްޓަރެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ހިޔާ ފުލެޓާއި ވިނަރެސް ފިޔަވައި، ދެން ހުރި ހުރިހާ މަޝްރޫއެއް ފަސް އަހަރުގެ ތެރޭގައި ވަނީ ނިންމައިފައެވެ. މި ސަރުކާރުން އިންޑިއާއެކު ބާއްވާ ގާތް ގުޅުމުގެ ތެރެއިން ވަނީ ގިނަ އަދަދެއްގެ ލޯނު ނަގައި ބިޔަ މަޝްރޫއުތަކެއް ފަށައިފައެވެ. ނަމަވެސް ފަސް އަހަރު ނިމެން ކައިރިވިއިރު އެއިން ބޮޑު މަޝްރޫއެއް ނިމިފައި ނުވުމަކީ ސަރުކާރަށް ފާޑު ކިޔުން އަމާޒުވި ކަމެކެވެ. ތަރައްގީގެ ސްޕީޑުގައި ޔާމީންގެ ސަރުކާރާ، ރައީސް ސޯލިހުގެ ސަރުކާރާ އަޅައިކިޔަން ފެށުނެވެ. އެ ދޭތެރެއިން އަދި ސަރުކާރުން ވަނީ އިންޑިއާއިން ނެގި ލޯނުތަކުގެ އިންޓްރެސްޓު ރޭޓު ސިއްރުކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވިއިރު ރައީސް ސޯލިހުގެ ސަރުކާރަށް ކާމިޔާބުކަމާއެކު ނިންމާލެވުނު ބިޔަ ބޮޑު މަޝްރޫއެއް ނެތެވެ. ތިލަމާލެ ބުރިޖު ހުޅުވައި ބޭނުންކުރާނެ ފަށާނެކަމަށް ތަފާތު ތާރީހުތަކެއް ސަރުކާރުން ދިނެވެ. އެކަމަކު އަދި އެތަނުގެ މަސައްކަތް ނުނިމެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެން މުއިއްޒު ވަނީ ޔާމީންގެ ފަސް އަހަރާ މި ސަރުކާރުގެ ފަސް އަހަރުގެ އުމްރާނީ ތަރައްގީގެ ތަފާތު ކިޔައިދެއްވައިފައެވެ. މި ސަރުކާރުގެ ހިންގުން ގޯސްކަމަށް ތަކުރާރުކޮށް ވިދާޅުވެފައިއެވެ. އޭނާގެ ހައުސިން މިނިސްޓަރު ކަމުގެ ދަށުން ބޮޑެތި މަޝްރޫއުތަކެއް ނިންމިކަން ރައްޔިތުންނަށް ވިސްނައިދެއްވިއެވެ. ސަރުކާރުގެ ސްޕީޑު ލަސްވަނީ ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުންކަން ރައްޔިތުންނަށް ވިއްކެވިއެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ މުއިއްޒުއަކީ ހިންގުތެރި ބޭފުޅެއްކަމަށް މީހުން ގަބޫލުކުރުމެވެ. މުއިއްޒުގެ ސަރުކާރެއްގައި ރާއްޖެއަށް އުމްރާނީ ގޮތުން އަދި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މީހުން އުއްމީދުކުރީއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ނުވިއްކުނު، އެ މަނިކުފާނުގެ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް، މުއިއްޒު މި ރިޔާސީ އިންތިހާބަށް ވިއްކެވީއެވެ.
ޔާމީންގެ ސަރުކާރުގެ އެންމެ އަގުބޮޑު އަދި އެންމެ ބޮޑެތި މަޝްރޫއުތަކުގެ ސިޔާސީ ފައިދާ މުއިއްޒަށް ލިބިވަޑައިގެންނެވީއެވެ. ސަބަބުވެސް އެބަ އޮތެވެ. ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު، އެންމެ ބިޔަ މަޝްރޫއުތައް ހިންގެވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ މުއިއްޒު އެވެ. ފޯކަލް މިނިސްޓަރަކީ މުއިއްޒު އެވެ. ޔާމީންގެ ސަރުކާރުން ރާއްޖޭގެ މަލަމަތި ބަދަލުކޮށްލި ބިޔަ މަޝްރޫއުތައް ހިންގީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ޑރ. މުއިއްޒުގެ މިޒާޖާއި ކަންކަމުގައި ގެންގުޅުއްވި ސިޔާސަތުތައްވެސް ގިނަ ބަޔަކަށް ކަމުދިޔައެވެ. ސިޔާސީ ގޮތުން މީހުނަށް ރައްދު ނުދިނުމާއި ބަދަލު ނުހިފާނެ ކަމާއި އަނިޔާވެރިކަން ފަދަ ކަންކަން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ. އެއްވެސް ޕޯޑިއަމެއްގައި މީހަކަށް ހުތުރު ގޮތަކަށް ރައްދެއް ނުދެއްވަ އެވެ. ވަޒީފާއިން މީހުން ކަނޑާނެ ކަމާއި މިސަރުކާރުން ދޫކުރި ފުލެޓާއި ގޯތިވެސް އަތުލާނެ ކަމަށް މީހުން ބުނާން ފެށުމުން މުއިއްޒު އެކަމަށް ވެސް ދެއްވީ ތަފާތު ޖަވާބެކެވެ. ވިދާޅުވީ އެއްވެސް މީހަކު ވަޒީފާއިން ނުކަނޑާނެ ކަމަށެވެ. ފުލެޓާއި ގޯތި ވެސް އަތު ނުލާނެ ކަމަށެވެ. އޭގެ ބަދަލުގައި ގޯތި ލިބުނު މީހުނަށާއި ފުލެޓު ލިބުނު މީހުންނަށް އިތުރު ފަހި ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. މުއިއްޒުގެ މަޑުމައިތިރިކަމާއި ކެމްޕޭނުގައި ގެންގުޅުއްވި ސިޔާސަތު ގިނަ ބަޔަކަށް ކަމުދިޔައެވެ. ކުރިމަތިކުރުވި ކޮންމެ ސުވާލަކަށް ގެންދެވީ ޖަވާބުދެއްވަމުންނެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ކުދި ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީކޮށްފައެވެ. ފެނާއީ ނަރުދަމާ، ބަނދަރު ތަރައްގީކުރުން، މަގުތައް ހެދުން، ސްޕޯޓްސް ފެސިލިޓީސް، ސިއްހީ ސެންޓަރު ތަރައްގީ ކުރުން އަދި ސްކޫލަށް ބޭނުންވާ ކްލާސް ރޫމުތަކުގެ މަސައްކަތް ރައީސް ސޯލިހު ވަނީ މި ފަސް އަހަރުގެ ތެރޭގައި ގިނަ ރަށްރަށުގައި ފަށައިފައެވެ. އެ މަނިކުފާނު ރައްޔިތުންނަށްޓަކައި ކޮށްދެއްވި އެކަންކަން ބަލައިގަންނާނެ ކަމުގެ އުއްމީދުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން އަދި ރައީސް ސޯލިހު ނުކުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަމާ އެކު އެވެ. ރައީސް ސޯލިހު އަދި އެ މަނިކުފާނާއެކު ކޯލިޝަން ހަދައިގެން ތިއްބެވި ބޭފުޅުން ވެސް ހީކުރެއްވީ އެގޮތަށެވެ.
އެ ކޮންފިޑެންސްގައި އެމްޑީޕީން ވަނީ އެ ޕާޓީން ޒަމާނުއްސުރެ ކެމްޕޭން ކުރަމުން ދިޔަ ގޮތް މުޅީން ބަދަލުކޮށްފައެވެ. ވޯޓުލާން ތިބި މީހުންނަށް ފޯނުން ގުޅައި ވާހަކަ ދެއްކި އަދަދު މަދު ކަމަށް މީހުން ބުނެއެވެ. ރަށްރަށަށް ކެމްޕޭނަށް ވަޑައިގެން، އެ ރަށްރަށުގައި ޑޯޓުޑޯ ހަރަކާތެއް ނުހިންގައެވެ. ބަނދަރުމަތީގައި ޖަލްސާއެއް ބޭއްވުމަށްފަހު ފުރައިގެން ދިޔައީއެވެ. އެމްޑީޕީގެ ލީޑާޝިޕާ، ސޯޝަލް މީޑިއާގެ ގުޅުން ކުޑަވިއެވެ. އެހުރިހާ ކަމެއް އެގޮތަށް ހުރިއިރު ޕީޕީއެމް/ޕީއެންސީން ސަރުކާރާ ގުޅޭގޮތުން އަމާޒުކޮށް ދެއްކެވި ވާހަކަތަކައް ވެސް ރައްދު ނުދެވުނެވެ. އެކަމުގެ ސަބަބުން، ސަރުކާރާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެމްޑީޕީން ރިޔާސީ ކެމްޕޭނުގައި ގެންގުޅުނު ސިޔާސަތުތައް މީހުނަށް ކަމަކު ނުދިޔަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއީ މިނިސްޓަރުންގެ ޕޯޑިއަމްތަކަށް އަރާވަޑައިގެން އިދިކޮޅަށް ފާޑު ކިޔުމުގެ ބޭނުމުގައި ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން، ރައީސް ސޯލިހަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެމްޑީޕީން ވަނީ އެކަންކަން ރަނގަޅުކޮށްފައެވެ. ނަމަވެސް އެއިރު ވަނީ މާބޮޑަށް ލަސްވެފައެވެ. ރައްޔިތުން ވަނީ ބަސް ބުނެފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް