އަމަލިޔާތު ފަރީދޫންގެ ނަމުގައި ގަލްފުގައި ވަރަށް ބޮޑު އޮޕަރޭޝަނެއް ހިންގުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާގެ އެކި ވަސީލަތްތަކުން މިހާރު ދަނީ ރިޕޯޓް ކުރަމުންނެވެ. އަމަލިޔާތު ފަރީދޫނަކީ ކޮބައި ބާވަައެވެ. މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ގާއިމުކޮށްފައިވާ ނޭވަލް ބްލޮކޭޑް ފޫއަޅުވައިލުމަށް ނުވަތަ މުގުރައިލުމަށް އީރާނުން ރާވަމުން ގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހިމެނެނީ މުޅިންވެސް ބިޔަ ތެޔޮ ޓޭންކަރުތަކެކެވެ. ޖުމްލަ އެއްތިރީސް ޓޭންކަރެވެ. މި ޓޭންކަރުތައް ގަލްފުގެ ތެރެއިން އީރާނުގެ ޖަޒީރާއެއް ކަމަށްވާ ޚަރުގު ޖަޒީރާގެ ކައިރިޔަށް ވަނީ ޖަމާކޮށްފައެވެ. މި ޖަޒީރާއަކީ އީރާނުގެ އެންމެ ބިޔަ ތެޔޮ ޕްލެޓްފޯމްތައް ގާއިމުކުރެވިފައިވާ ރަށެވެ. އެތަނުން ލޯޑުކޮށްގެން މިހުރިހާ ޓޭންކަރުތައް ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށް ނުކުންނާނީ އޮމާނު ގަލްފަށެވެ. އެއަށްފަހު އެމެރިކާގެ ނޭވަލް އަރުމާދުތަކުގެ ކައިރިން ދެން މިސްރާބު ޖަހާނީ ޗައިނާއަށެވެ.
މިއިން އެއްވެސް ޓޭންކަރަކުން އެމެރިކާގެ އިންޒާރަކަށް، އެންގުމަކަށް ސަމާލުކަމެެއް ނުދޭނެއެވެ. އެއްފަހަރާ މިހާ ގިނަ ޓޭންކަރުތައް ހުއްޓުވައި އެޔަށް އަރައި ކަންތައްތަކެއް ހިންގުމުގެ ކެޕޭސިޓީއެއް އެމެރިކާގެ ކިބައިގައި ނުވެއެވެ. މިތަނުން ޓޭންކަރަކަށް ނުވަތަ ޓޭންކަރު ތަކަކަށް ހަމަލަދީ އެއްވެސް ބާވަތެއްގެ އުދުވާނެެއް އެމެރިކާ ސިފައިން ހިންގައިފިނަމަ އީރާނުން ދެން ރާވާފައިއޮތް ކަމަށް ބުނެވެނީ މި އޮޕަރޭޝަނުގެ ދެވަނަ ފިޔަވައްސެކެވެ. އެއީ މި އޮޕަރޭޝަނުގެ އަސްކަރީ ބައެވެ. މި އޮޕަރޭޝަނުގެ ނަން ނިސްބަތް ކުރެވެނީ އެވޭލާ ފާރިސްކަރައިގެ ރަސްކަލަކަށެވެ. ބަތޮލަކަށެވެ. ފަރީދޫނަށެވެ. އީރާނުން ގަބޫލުކުރާ ކަމަށް ބުނެވެނީ މި އޮޕަރޭޝަން ނިމޭއިރު އެމެރިކާގެ ބްލޮކޭޑް ފޫވެެއްޓި އުވިގެން ހިގައިދާނޭ ކަމަށެވެ. މި ބްލޮކޭޑަކީ އީރާނުގެ ބަނދަރުތަކަށް އުޅަނދުތައް ވަނުމާއި ނުކުތުން ހުއްޓުވުމަށް މިއަހަރުގެ އެޕްރީލް ތޭރައިން ފެށިގެން އެމެރިކާއިން ގާއިމުކޮށްފައިވާ ބްލޮކޭޑެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެންގުމަކަށެވެ.
ޓްރަމްޕުގެ އަމުރަށް މި ބްލޮކޭޑް ތަންފީޒު ކުރަނީ އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުންނެވެ. ކޮންމެއަކަސް އޮޕަރޭޝަން ފަރީދޫނަކީ އީރާނުގެ ރަސްމީ އެއްވެސް އިދާރާޔަކުން އަދިމިހާތަނަށް އިއުލާނުކޮށް ޔަގީންކޮށްދީފައިވާ އޮޕަރޭޝަނެއް ނޫނެވެ. އެކަމަކު އީރާނުގެ އިންގިލާބީ ގާޑުންނާ ގުޅުންހުރި ނޫސް އެޖެންސީތަކުންނާއި އީރާނުގެ ބައެއް އޮފިޝަލުން އަމިއްލަ ގޮތުން މިވާހަކަ ދައްކަމުން މި ޚިޔާލު ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޔަގީންވާ އެއްޗަކީ ޚަރުގު ޖަޒީރާގެ ކައިރިއަށް ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކެއް ޖަމާކޮށްފައިވާ ކަމެވެ. ހުރިހާ ޓޭންކަރުތަކެެއްގައި އީރާނުގެ ދިދަތައް ހުރީ ނަގައިފައެވެ. ރިޕޯޓުތަކުން އެނގެނީ މި ޓޭންކަރުތަކުގައި ގިނައަދަދެއްގެ އާއްމުންނާއި ނޫސްވެރިންވެސް ދަތުރުކުރާނެ ކަމެވެ. އާއްމުންނާއި ނޫސްވެރިން ގެންދަނީ މުޅި ދުނިޔެއަށް ވާނުވާ އެންގުމުގެ ގޮތުންނެވެ. އެމެރިކާއިން އަސްކަރީ އުދުވާނެއް ހިންގަން ދިމާކޮށްފިނަމަ މުޅި ދުނިޔެއަށް އެކަން އެނގޭވަރު ކުރުމަށެވެ.
ޚަރުގު ޖަޒީރާގެ ކައިރިއަށް އީރާނުގެ ޓޭންކަރުތަކުގެ ބޮޑު ފްލީޓެއް ޖަމާކޮށްފައިވާކަން ސެޓެލައިޓް ފޮޓޯތަކުންވެސް އެބައެނގެއެވެ. އަދި އެ ޓޭންކަރުތަކުގެ ޕޮޒިޝަން އަންގައިދޭ އާލާތްތައް އޮންކޮށްފައި ހުރުމުގެ ސަބަބުންވެސް އެކަން ކަށަވަރުވެއެވެ. އެކަމަކު މި ފްލީޓުގެ ދަތުރު އަދި ނުފަށައެވެ. ފެށިކަމަކަށް ނުދައްކައެވެ. ދަތުރު ފަށަން ނިންމާފައިވާ ތާރީޚުވެސް އަދިއޮތީ ވަންހަނާކޮށްފައެވެ. މިޒާތުގެ އޮޕަރޭޝަނަކަށް އީރާނުން ތައްޔާރު ވަމުންދާއިރު އެމެރިކާގެ ބަސްމަގުހުރީ ކޮންގޮތަކަށް ބާވަައެވެ. ރައީސް ޓްރަމްޕާއި ސެންޓްރަލް ކޮމާންޑުން ބުނަނީ ކީކޭބާވައެވެ. އީރާނުގެ އޮޕަރޭޝަނާމެދު ނޫސްވެރިން ސުވާލު ކުރުމުން ރައީސް ޓްރަމްޕު ބުނެފައިވަނީ އީރާނުގެ ފްލީޓުގެ ދަތުރު ކުރިއަށް ގެންދަންވީ ކަމުގައެވެ. އެހުރިހާ ޓޭންކަރުތައް ކަނޑުގެ އަޑިއަށް ފޮނުވައިލާނެ ކަމުގައެވެ. ސެންޓްރަލް ކޮމާންޑުންވެސް ބުނެފައިވަނީ މިޒާތުގެ ވާހަކައެކެވެ. ބުންޏެވެ. ބްލޮކޭޑް ފޫއަޅުވައިލަން އެއްވެސް ފުރުސަތެެއް ނުދޭނަމެވެ.
ސެންޓްރަލް ކޮމާންޑުން ބުނަނީ ބްލޮކޭޑް ހުރަސްކޮށްފައި ހަމައެންމެ އުޅަނދަކަށްވެސް ނުދެވޭނެ ކަމުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޓްރަމްޕާއި ސެންޓްރަލް ކޮމާންޑުން އެބުނާ ގޮތަށް އަމަލުކޮށްފިނަމަ އެކަމުގެ ރައްދުގައި އީރާނުން އަޅާނީ ކޮން ފިޔަވަޅުތަކެެއް ބާވަައެވެ. އޮޕަރޭޝަން ފަރީދޫންގެ ދެވަނަ ފިޔަވަހި ނުވަތަ އަސްކަރީ ފިޔަވަހީގައި ހިމެނެނީ ކޮންކޮން ކަންތަކެެއް ބާވައެވެ. މިކަމާމެދު އީރާނުގެ އަސްކަރިއްޔާއިން ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަމަކު ފަރީދޫން އޮޕަރޭޝަނުގެ ޚިޔާލު ފާޅުކޮށް އެކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ ގަލްފުގައިވާ އެމެރިކާގެ ހުރިހާ މިތުރުންގެ ތެލުގެ ކާރުޚާނާތަކަށް އީރާނުން ވަރަށް ފުޅާ ދާއިރާއެއްގައި ހަމަލަދީ ސުންނާފަތިކޮށްލާނެ ކަމުގައެވެ. ހަމައެއްވެސް ގައުމެއް އިސްތިސްނާ ކުރުމެއް ނެތިއެވެ. ސައޫދީއަރަބިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، ގަތަރު ބަހުރައިން އަދި އޮމާނުވެސް ހިމެނޭ ގޮތުންނެވެ.
އީރާނުގެ ތެޔޮ އެކްސްޕޯޓް ނުކުރެވޭ ހާލަތުގައި ގަލްފުގެ އެއްވެސް ގައުމެެއްގެ އެކްސްޕޯޓަކަށްވެސް ފުރުސަތު ނުދޭނޭ ކަމަށް އީރާނުގެ ކޮމެންޓޭޓަރުން ދަނީ ބުނަމުންނެވެ. އެކްސްޕޯޓް ކުރުމުގެ ކެޕެސިޓީ ހުއްޓަނުދޭނެ ކަމަށްވެސް ދަނީ ބުނަމުންނެވެ. އެމެރިކާގެ ބްލޮކޭޑް ތޮރުފައިލުމުގެ އޮޕަރޭޝަނެއް ބޯމަތިވަމުންދާ ކަމުގެ އެންމެ ސާފު އިޝާރާތެއް އީރާނުގެ މަތީފަންތީގެ ވެރިންގެ ތެރެއިން ދެއްވާފައިވަނީ ޚާރިޖީވަޒީރު އައްބާސް އަރާގްޗީއެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ބްލޮކޭޑް ތޮރުފައިލުން ދެންއޮތީ މާދުރުގައި ނޫންކަމަށެވެ. މިކަމުގައި އީރާނަށް ހުރަސްއަޅަން ދިމާކުރާ ގަލްފުގެ ގައުމުތަކުން ދައްކަންޖެހޭ އަގުވަރަށް ބޮޑުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ގަލްފުގެ ގައުމުތަކުގެ ތެލުގެ ކާރުޚާނާތައް ސުންނާފަތިކޮށްލުމަކީ އީރާނަށް ކުރެވިދާނެ ކަމެކެވެ. އެކަމާމެދަކު ޝައްކެެއްވެސް ނެތެވެ. އެހެންވީމާ އީރާނުގެ ޓޭންކަރު ފްލީޓަށް އެމެރިކާއިން ހުރަސްނޭޅުމަށް ކުރެވެންހުރި އެންމެހައި ކަންކަން ކުރުމަށް އެގައުމުތަކަށް ވަނީ މަޖުބޫރު ވެފައެވެ.
އިމާދު ލަތީފު
ކޮމެންޓް