އެމެރިކާގައި ނޮވެމްބަރު ތިންވަނަ ދުވަހު ބޭއްވި މިޑްޓާރމް އިލެކްޝަނުގެ ނަތީޖާ އެންމެނަށްވެސް މިހާރު ވަރަށް ސާފެވެ. ގާނޫނުހަދާ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓުގެ ޖުމްލަ ސަތޭކަ ގޮނޑީގެ ތެރެއިން 56 ގޮނޑި އިދިކޮޅު ޑިމޮކްރެޓުންނަށް ވަނީ ލިބިފައެވެ. ރައީސް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސައިޒު ވަނީ 44 ގޮނޑިއަށް ތިރިވެފައެވެ. ގާނޫނުހަދާ މަޖިލީހުގެ ތިރީގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޖުމްލަ 435 ގޮނޑީގެ ތެރެއިން އިދިކޮޅު ޑިމޮކްރެޓުން ވަނީ 259 ގޮނޑި ނަގައިފައެވެ. ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސައިޒް ވަނީ އެތަނުގައި 173 ގޮނޑިއަށް ކުޑަވެފައެވެ. އެ ގޭގެ އަޣުލަބިއްޔަތަކީ 218 ގޮނޑިއެވެ. އެއަދަދު ފަހަނަޅައި ޑިމޮކްރެޓުން އެތިބީ މާމައްޗަށްވެސް އަރައިފައެވެ. އަދިވެސް ނަތީޖާ ސާފުނުވާ ތިން ގޮނޑިއެއްވެއެވެ. އެ ތިންގޮނޑީގެ ނަތީޖާ ނެރުމަށްޓަކައި އަންނަ ޑިސެމްބަރުމަހުގެ ބާރަވަނަ ދުވަހު އަނެއްކާވެސް ވޯޓުލުމެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދެންނެވި ތިންގޮނޑި ކޮންމެ ކޮޅަކަށް ދިޔައަސް ޑިމޮކްރެޓުންގެ މެޖޯރިޓީއަކަށް ބަދަލެއް ނާންނާނެއެވެ. މިއީ ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ޑިމޮކްރެޓުންނަށް ގާނޫނުހަދާ މަޖިލީހުގައި ލިބުނު އެންމެ ބޮޑު މެޖޯރިޓީއެވެ. މިހާބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް ލިބުނީ އެމީހުންގެ ވައުދުނާމާގެ ސަބަބުންނެވެ. އެ ވައުދުނާމާގެ ތެރޭގައި ރައީސް ޓްރަމްޕުގެ ސަބަބުން ބޮއްސުންލައިގެން ގޮސްފައިވާ ވަރަށް ގިނަކަންކަން ހަމަޔަކަށް އެޅުވުން ހިމެނެއެވެ. މީގެތެރެއިން ބައެއް ކަންކަން ކުރުމަށް ވައުދުވެފައިވަނީ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައެވެ. އޭގެތެރޭގައި އީރާނު ހަގުރާމައަށް ނިމުން ގެނައުންވެސް ހިމެނެއެވެ. ކޮންމެއަކަސް މަޖިލީހުގެ ދެގޭގެ އައު ދައުރު ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެހާތަނަށް މިދެގޭގެ ކޮންޓްރޯލް އޮންނާނީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ އަތުގައެވެ. އެހެންވީމާ ޓްރަމްޕަށް މަޖިލީހުގެ ދެގޭގެ މައްޗަށްވެސް ކުޑަކުޑަ ދުވަސްކޮޅަކަށް އަދިވެސް ބާރު ފޯރުވޭނެއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މިދައުރުގެ އެންމެފަހު ޖަލްސާ ބާއްވާނީ ޑިސެމްބަރު ސަތާރައިގައެވެ. ސެނެޓުގެ އެންމެފަހު ޖަލްސާ ބާއްވާނީ ޑިސެމްބަރު އަށާރައިގައެވެ. އެހެންވީމާ ޓްރަމްޕުގެ ލެޖިސްލޭޓިވް އެޖެންޑާގެ ކަންކަމާއިގެން އުޅެން ދެންއޮތީ ބާކީ އެންމެ ތިން ހަފުތާގެ މުއްދަތެކެވެ. މިފަހަރުގެ މިޑްޓާރމް އިލެކްޝަނުގެ ނަތީޖާއިން އެމެރިކާގެ ސަރުކާރު އެއޮތީ ދެބައިވެފައެވެ. ގާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް އިދިކޮޅު ޑިމޮކްރެޓުންނަށެވެ. ރިޔާސީ ކިއްލާ ވައިޓްހައުސް ޓްރަމްޕާއި އޭނާގެ ރިޕަބްލިކަނުންނަށެވެ. ޓްރަމްޕުގެ ރިޔާސީ ދައުރު ހަމަވާނީ 2029 ވަނަ އަހަރުގެ ޖެނުއަރީ ވިހީގައެވެ. އެހިސާބަށްދާން އަދިވެސް ދެއަހަރާއި ކުޑަދުވަސްކޮޅެއް އެބައޮތެވެ. އެހެންވީމާ މިހިސާބުން އުފެދޭ ސުވާލަކީ އީރާނުގެ ހަގުރާމަޔަށް ދެންވާނީ ކިހިނެއްބާވައެވެ. ޓްރަމްޕަށް އެ ހަގުރާމަ ކުރިއަށް ގެންދެވިދާނެ ބާވައެވެ. ޖަވާބަކީ ނޫނެކޭއެވެ. ގާނޫނުހަދާ މަޖިލީހުގެ ރުހުމާނުލައި ހަގުރާމައެއް ނުކުރެވޭނެއެވެ. އެ ހަގުރާމަޔަށް ޚަރަދެއްވެސް ނުކުރެވޭނެއެވެ.
އެހެންވީމާ ހަގުރާމަ ހުއްޓައިލުން ނޫން އެހެންގޮތެެއް ޓްރަމްޕަކަށް ނެތެވެ. އެކަމަކު ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ހުވައިކޮށް އައު ދައުރު ފެށުމާ ދޭތެރޭ ކުޑަދުވަސްކޮޅެއް އަދި އެބައޮތެވެ. އެ މުއްދަތުގެ ތެރޭގައި ރައީސް ޓްރަމްޕު ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އެކުރާ ކަމެއްގެ ސަބަބުން ހަގުރާމައިގެ ހުޅުގަޑު އަނެއްކާވެސް ފަޅައިގެން ހިގައިދާނެއެވެ. އިޒްރޭލުގެ ބޮޑުވަޒީރުކަމުގައި އަދިވެސް އެހެރީ ބެންޖަމިން ނަތަންޔާހޫއެވެ. އޭނާވެސް އެގެންދަނީ މަގާމުގައި އެންމެފަހުގެ ދުވަސްތައް ގުނަމުންނެވެ. ވެރިކަމުން ފޭބުމުގެ ކުރިން އީރާނަށް ބޮނޑިއެއް ދޭން ނަތަންޔާހޫ އެބަބޭނުންވެއެވެ. މިކަމަށްޓަކައި އެމެރިކާގެ ބައިވެރިވުމަށް އެދި އޭނާ ގެންދަނީ ޓްރަމްޕުގެ ކައިރީގައި ކެނޑިނޭޅި އާދޭސް ކުރަމުންނެވެ. ނަތަންޔާހޫ ކިތަންމެ އާދޭހެއް ކުރިޔަސް އެމެރިކާގެ ރައްޔިތުންގެ ވިސްނުން ހުރިނެތްގޮތަށް ރިއާޔަތް ކުރަން ޓްރަމްޕަށް މަޖުބޫރެވެ. މިޑްޓާރމް އިލެކްޝަން އޭނާއަށް ގެއްލުނީވެސް މިހަގުރާމަޔަކާ ހެދިއެވެ.
ޓްރަމްޕަށް ލޮޓި ލިބެމުން އެދަނީ މުޅިންވެސް ނަތަންޔާހޫގެ ސަބަބުންނެވެ. އެކަން ޓްރަމްޕަށްވެސް މޭރުން ވެއްޖެއެވެ. މިޑްޓާރމް އިލެކްޝަނަށްފަހު މި ހަގުރާމަޔާމެދު އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތް ބެލުމަށް އެންމެފަހުން މިހަފުތާގައި ކުރެވުނު ސާރވޭތަކުންވެސް އެނގުނީ ރައްޔިތުން ތިބީ ހަނގުރާމަ ހުއްޓައިލުމަށް ބޭނުންވެގެން ކަމެވެ. ހަނގުރާމަ ހުއްޓައިލެވެން އޮތީ އީރާނުގެ ޝަރުތުތައް ގަބޫލުކޮށް ރުހިގެން ކަމަށްވަނީވިއްޔާ އެކަމަށްވެސް އެމެރިކާގެ ގިނަބަޔަކު ތިބީ އޯކޭ ދީގެންނެވެ. މިހިރީ ޓްރަމްޕަށް ވިސްނައި ފިކުރުކުރާން މަޖުބޫރު ކަންކަމެވެ. އޭނާގެ ސިޔާސީ ކުރިމަގެެއް ނެތަސް ރިޕަބްލިކަން ޕާޓީގެ ކުރިމަގާ ދޭތެރޭ ވިސްނަން އެބަޖެހެއެވެ. އެމެރިކާގައި އައު ރައީސަކު ހޮވުމަށްޓަކައި ދެން އިންތިޚާބު އޮންނާނީ 2028 ވަނަ އަހަރުގެ ނޮވެމްބަރު ހަތެެއްގައެވެ. އެ އިންތިޚާބުގައި ޓްރަމްޕު ވާދައެއް ނުކުރާނެއެވެ. ނުކުރެވޭނެއެވެ. އެކަމަކު ރިޕަބްލިކަން ޕާޓީން ކެންޑިޑޭޓަކު ނެރޭނެއެވެ. ޓިކެޓް ދޭނެއެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށްޓަކައި ޓްރަމްޕުގެ ނާއިބުރައީސް ޖޭޑީ ވޭންސާއި އޭނާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯވެސް އެގެންދަނީ މަރުފަލި ޖަހަމުންނެވެ. ރިޕަބްލިކަން ޕާޓީގެ ޓިކެޓް ލިބުމާއި އަދި އިންތިޚާބު ކާމިޔާބުވުން ގުޅިފައިއޮތީ ޓްރަމްޕާ ދުރަށް ޖެހުނުވަރަކާއެވެ. އެހެންވީމާ އީރާނު ފުނޑައިލުމަށް ޓްރަމްޕު ކިތަންމެ ވަރަކަށް ބޭނުންވިއަސް އޭނާގެ ރިޕަބްލިކަން ޕާޓީގެ ތެރެއިން އެކަމަށް އެއްބާރުލުން ދިނުމުގެ ރޫހު ދެން ވަރަށްވެސް ކުޑަވާނެއެވެ. މަތީގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު އީރާނު ހަގުރާމަ ކުރިއަށް ގެންދަން ޓްރަމްޕު މިހާރު ބޭނުމެއް ނުވާނެއެވެ. ރިޕަބްލިކަނުންވެސް ބޭނުމެއް ނުވާނެއެވެ. އެހަކަތައެއްވެސް ނެތެވެ. މީގެ ކުރިން ވިއެޓްނާމު ހަގުރާމަ ހުއްޓުވި ގޮތަށް ގާނޫނުހަދާ މަޖިލީހުން އީރާނު ހަގުރާމަވެސް ހުއްޓުވާނެކަން ކަށަވަރެވެ. ހަގުރާމައަށް ފައިސާ ނުދީ ހިފަހައްޓައިގެންނެވެ. އެހެންވީމާ ހަގުރާމަ މިހާރުވެސް އެއޮތީ ކޮޅެއްގައި ޖެހި ނިމިފައެވެ.
ސިނާން އަލީ
ކޮމެންޓް