ބުރިޖެއް އަޅަން މަސައްކަތްކޮށް ބުރިޖެއް ނޭޅުނު ސަރުކާރެއް ފެނިއްޖެކަމަށް ވިދާޅުވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކައްދައްކަވަމުން މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވަރާ އެއްގޮތަށް ހިތަދޫއާއި މީދޫގެ ދެމެދުގައި ބުރިޖު އަޅައިދެއްވާނެ ކަމަށެވެ.

"ރާއްޖޭގައި ބުރިޖު އެޅުމުގެ މަޝްރޫއުތަކުގެ ތަފާތު މިހާތަނަށް ފެނިފައިވާނެ. ބުރިޖެއް އެޅުނުތަނާއި، އަޅަން އުޅެ ނޭޅުނުތަން ފެނިފަވާނެ. އެހެންވީމާ ރައްޔިތުން ހިޔާރުކުރަންވީ ބުރިޖު އެޅި ފަރާތްތޯ، އަޅަން އުޅެ ނޭޅުނު ފަރާތްތޯ ދެން ތިމަންނަމެން ގައުމު ހަވާލުކުރާނީ،" މުއިއްޒު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ. މުއިއްޒު އެ މަގާމުގައި ހުންނަވައިގެން ވަނީ ރާއްޖޭގައި ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ނިންމައިފައެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ހަދައިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު، މިހާރުގެ ނަމުން ނަމަ ސިނަމާލެ ބުރިޖެވެ.

ޔާމީން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ފަސް އަހަރުގެ ތެރޭގައި އެ ބުރިޖު މަސައްކަތް ނިންމައި، ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ. ބުރިޖުގެ މަސައްކަތް އެއްކޮށް ނިމި ހުޅުވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ބުރިޖަކީ ޗައިނާގެ، ޗައިނާ ހާބާ އިންޖީނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ އެންމެ ބޮޑެތި އުމްރާނީ މަޝްރޫއުތަކުގެ ތެރޭގައި ތިލަމާލެ ބުރިޖު ހިމެނެއެވެ. ތިލަމާލެ ބުރިޖަކީ މާލެ، ވިލިމާލެ އަދި ގުޅިފަޅު ގުޅުވާލުމަށް ހަދަމުންދާ ބުރިޖެކެވެ. އެ ބުރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ، އެފްކޮންސް ކުންފުންޏާއެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެންކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ.

އެފްކޮންސް އިން ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބުރިޖުގެ ފުރަތަމަ ފިޔަވަހި ނިންމައި، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބުރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް އަދި ބުރިޖުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައެއް ނުވެއެވެ. އެފްކޮންސްއިން މިހާރު ކުރަމުންދާ މަސައްކަތަކީ ބުރިޖުގެ ތަނބުތައް މޫދަށް ގެންބުގެ މަސައްކަތެވެ.

ބުރިޖުގެ ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ފުރިހަމަ ކުރެވޭނެ ކަމަށާއި ބުރިޖުގެ ހުރިހާ މަސައްކަތެއް 2024 ގެ ނޮވެންބަރު މަހަށް ފުރިހަމަ ކުރެވޭނެ ކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ.