މިދިޔަ އަހަރު ތެރޭގައި، ފޯސްޓަރިން ނިޒާމުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 14 ކުއްޖަކަށް އާއިލާ ހޯދައިދެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާއިން ބުނެފިއެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރީ، އެ މިނިސްޓްރީ އާއި ފިޔަވަތީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅަމުންނެވެ.
ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުއްޖަކަށް ހަދައި، ދައުލަތުން ހިންގާ މަރުކަޒުތަކުގައި ބައިތިއްބައިގެން ކުދިން ބެލުން ނިމުމަކަށް ގެނައުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިން، އެފަދަ ކުދިން ބަލަން ބޭނުންވާ އާއިލާތަކާ ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމެއް އެ މިނިސްޓްރީން ގެންދަނީ ހިންގަމުންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ވެސް މި ޕްރޮގްރާމުގެ ދަށުން އާއިލާތައް ހޯދައިދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރެއެވެ.
ކޮމިޓީއަށް މިއަދު ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، ސަރުކާރުން ހިންގަމުންދާ ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދިނުމުގެ ޕްރޮގްރާމުގެ ދަށުން ވަރަށް ގިނަ ބަޔަކު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ނަގަން ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރަމުންދެއެވެ.
އެގޮތުން އެ ރިޕޯޓުގައި ހިމެނޭ، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރު ނިމުނުއިރު އެކި ހާލަތްތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި ބަލަހައްޓަމުންދިޔަ 14 ކުއްޖަކަށް ފޯސްޓަރިން ނިޒާމުގެ ދަށުން އާއިލާގެ ރައްކާތެރިކަން ހޯދައިދީފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން، އެ ކުދިންގެ އާއިލާއަށް ރުޖޫއަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ކުދިން ނިސްބަތްވާ އާއިލާތަކާއެކު ކުރެވުނު މަސައްކަތުން ޖުމްލަ 22 ކުއްޖަކު އާއިލާތަކަށް ރުޖޫއަކޮށްދީފައިވެއެވެ.
ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތިތަކަށް އަލަށް 18 ކުއްޖަކު ނަގާފައިވެއެވެ.
މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 37 ކުއްޖަކަށް ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ހޯދައިދީފައިވެއެވެ. މީގެ އިތުރުން ރަށްރަށުގައި ގާއިމުކޮށްފައިވާ އަމާން ހިޔާތަކަށް 33 ކުއްޖަކު ބަދަލުކޮށްފައިވެއެވެ.
އެ މިނިސްޓްރީން ބުނީ، ދިމާވާ ހާލަތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް މީހަކު ނުވަތަ ކުއްޖަކު ނަގަން ޖެހުނު ނަމަވެސް އަމާޒަކީ ވީހާވެސް އަވަހަށް އާއިލާއެއްގެ ރައްކާތެރިކަން އެ މީހަކަށް ނުވަތަ އެ ކުއްޖަކަށް ހޯދައިދިނުން ކަމަށެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
ކޮމެންޓް