ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނޫން އެހެން ކެންޑިޑޭޓުން ބޭނުންވަނީ ދެ ވަނަ ބުރެއްގައި ބަޔަކާ އެކު ކޯލިޝަން ހަދައިގެން އަމިއްލަ ފައިދާތަކެއް ހޯދަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ފެހެންދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މުއިއްޒު ފިޔަވައި ދެން ކުރިމަތިލައްވައިގެން ތިއްބެވި ކެންޑިޑޭޓުންގެ މާބޮޑު ސިޔާސަތުތަކެއް ނެތް ކަމަށެވެ. އަދި އެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވަނީ ވޯޓު ބައިބައިކޮށް ދެ ވަނަ ބުރަކަށް އިންތިހާބު ގެންދަން ކަމަށް ވިދާޅުވިއެވެ.

"ބޭނުންވަނީ އަމިއްލަ ފައިދާއެއް އޭގެން ނެރުން. އެކަކަށް ނުވަތަ ދެއަކަށް އަންނަ ބަޔަކާއެކު ކޯލިޝަނެއް ހަދައިގެން ސަރުކާރުގެ ތެރެއިން ވަޒީފާކޮޅެއް ހޯދުން. ނޫނީ ތިމާ ބޭނުންވާ އެހެން މަގުސަދެއް ހާސިލުކުރުން. އެހެން އެއްވެސް ބޭނުމެއް ނެތް އެ ބޭފުޅުންގެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ މުއިއްޒު ހުށަހަޅުއްވަމުން ގެންދަވާ ކަންތައްތަކަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އިދިކޮޅުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ބުނެ އިއުލާނު ކުރަނީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން އިއުލާނުކޮށްފައިވާ ކަންތައް ކަމަށް ވިދާޅުވިއެވެ.

"ރޭގައި ވިދާޅުވި ތިމަންނާގެ ސަރުކާރެއްގައި ރަށްރަށުގެ އަސާސީ ހިދުމަތްތައް ބަރާބަރަށް ފުރިހަމަކޮށްދޭނަމޭ. ބަލަ މިއޮތް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ. ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ (މުއިއްޒަކީ). ނުކުމެވަޑައިގެން އެ ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދޭނޭ. ބަލަ ނުފެނޭތޯ މި ރަށްރަށުގައި ފެނާއި ނަރުދަމާ ނެތްތަނެއް ކުރިއަކުން. ކަރަންޓުގެ ހިދުމަތް ނުލިބިގެން މީހުންގެ ޓީވީތަކާއި އައިސް އަލަމާރިތަކާއި އެއާ ކޮންޑިޝަންތައް ފުނޑުފުނޑުވެގެން ދިޔަ ތަނެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ގުޅިފަޅުން މި ސަރުކާރުން ދީފައިވާ ގޯތިތަކުގައި ގެ އިމާރާތް ކޮށްދޭނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދަށްވެސް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މުއިއްޒަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ގުޅިފަޅުން ދިން ގޯތިތަކާއި ފްލެޓްތައް އަތުލައި، އެ ފަޅު ހިއްކި ކުންފުންޏަށް ފައިސާ ވެސް ނުދޭން ނިންމި ބޭފުޅެއް ކަމަށެވެ. އަދި އެ ހުރިހާ ބަދަލެއް ދޭން ޖެހުނީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.