ރާއްޖެއާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބައުންޑަރީއެއް ކަނޑައެޅުމުގެ ޒަމާންވީ މައްސަލައަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ން އެޕްރީލް މަހުގެ 28 ވަނަ ދުވަހު ގޮތެއް ނިންމުމާއެކު ފެނިގެންދިޔައީ ސިޔާސީ މަޝްރަހު ބަދަލުވެގެން ދިޔަ މަންޒަރެވެ. ހަތުރުން މިތުރުންނަށްވެ އެއް ލަވައެއް ކިޔަން ފެށިއެވެ. ކުރިން އެކުގައި ފެނިދާނެކަމަށް އެއްވެސް ބައެއްގެ ހިތަށްވެސް ނާރުވާނެ "ފިކުރެއްގެ ދިރުން"ގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރުން އެއް ކޮފީ މޭޒުތަކުން ބައްދަލުކޮށް، "ގައުމީ މަސްލަހަތު" އިސްކުރީއެވެ.
އެ ކޮފީ މޭޒުތަކުން ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ވެސް ފެނިގެންދިޔައެވެ. އެ ހުރިހާ ޕާޓީތަކުން ބުނެފައިވަނީ އެއްކޮށް މަސައްކަތް ކުރަން ނިންމީ ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެ ޕާޓީތަކުގެ އިސް ބޭފުޅުން ގަބޫލުކުރާ ގޮތުގައި އިޓްލޮސްގެ ހުކުމުން ރާއްޖެއަށް ފައިދާއެއް ނުލިބުނުތާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވަނީ ގެއްލިފައެވެ. ނުވަތަ ސަރުކާރުން ވަނީ ދެކުނުގެ "މަސް ކަނޑު" ބޭރުގެ ގައުމަކަށް ވިއްކާލައިފައެވެ.
އެއީ މިހާރު "ޗާގޯސް ކޯލިޝަން" އެވެ. އެ ކޯލިޝަންގައި ކުރީގެ ތިން އެޓާނީ ޖެނެރަލުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު، އާޒިމާ ޝުކުރޫ އަދި ދިޔާނާ ސައީދު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ތިން ބޭފުޅުންނަކީވެސް ގާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. ދެން އެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
އިޓްލޮސްއިން ހުކުމް ކޮށްފައިވަނީ އިމުގެ ސަރަހައްދުގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށެވެ. މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކިދިޔައިގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ. އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެއްލެވި މި މައްސަލައިގައި އިއްވި ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.
ނަމަވެސް އެ ހުކުމް ބަލައިގަތުމަށް ޗާގޯސް ކޯލިޝަނުން ދެކޮޅު ހަދަނީ ރާއްޖޭގެ ގާނޫނުތަކަށް ރިއާޔަތް ކޮށެވެ. އެ ކޯލިޝަނުން ބުނެފައިވަނީ "ދިވެހިރާއްޖޭގެ ކަނޑު ސަރަހައްދުތަކާބެހޭ ގާނޫނު" ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާފައިވަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމަނައިގެން ކަމަށެވެ. އިޓްލޮސްގެ ހުކުމާއެކު އިގްތިސޯދީ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް އެ ކޯލިޝަނުން ތުހުމަތުކުރެއެވެ.
ރާއްޖެއިން ބައެއް ދޫކޮށްލެވޭނީ ރައްޔިތުން މަޖިލީހުގެ ރުހުން ލިބިގެންކަމަށްވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިއްރު ސިޓީއަކުން، މަޖިލީހުގެ ރުހުންނެތި ކަނޑުގެ ބައެއް ދޫކޮށްލާފައިވާ ކަމަށްވެސް ޗާގޯސް ކޯލިޝަނުން ތުހުމަތު ކުރެއެވެ. އެއީ "ގައްދާރުވުން" ކަމަށް ކަނޑައަޅައި ޗާގޯސް ކޯލިޝަނުން މަސައްކަތް ކުރީ އިޓްލޮސްގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރެއްވި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ހިމެނޭހެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާކަމެއް ކަމަށް ބުނަމުންނެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދައި ޖަވާބުދާރިވުމަށް ވަގުތު ދީފައެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު ވަނީ އަނބުރާ ގެންގޮސްފައެވެ. އެއީ އިތުރު މެމްބަރުން ސޮއި ކުރަން ބޭނުންވެގެންކަމަށް ބުނެއެވެ. ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ދުވަހަކާ ގުޅިގެން ކޯލިޝަނުން ވާހަކައެއް ނުދައްކައެވެ. މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެހެން ކަމުން މަދުވެގެން 43 ވޯޓު ބޭނުންވާނެ އެވެ. މި ވަގުތުވެސް ރައީސް ސޯލިހު އާއެކު އެމްޑީޕީގައި މަޖިލީހުގެ 56 މެންބަރުން އެބަތިއްބެވި އެވެ.
އެހެންކަމުން ޗޯގޯސް މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވަން މިއުޅޭ ގޮތް މިފަހަރު ފެއިލްވާނެކަމަށް ބެލެވެއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް "ވަން" އަށް މިމަހުގެ ކުރީކޮޅު ވިދާޅުވީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވާނެ ކަމަށާއި އެ މައްސަލަ ހުށަހެޅުމަށްފަހު އިތުރު މެމްބަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ މައްސަލައެއްކަމަށްވުމުން އިތުރު އެހެން މެމްބަރުންގެ ތާއީދުވެސް އެ ހުށަހެޅުމަށް ލިބޭނެ ކަމަށެވެ.
އިތުރު މެމްބަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް އުޝާމް ވިދާޅުވިޔަސް އއެފަދަ އެއްވެސް މަސައްކަތެއް މާ އެދެވޭގޮތަށް ކުރިޔަށް ދިޔަ ތަނެއް ފެނިފައެއް ނުވެއެވެ.
މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ވިދާޅުވެފައިވަނީ "ކަނޑު ވިއްކާލުމުގައި" އެންމެ އިސް ދައުރެއް އަދާކުރެއްވީ ރިފްއަތު ކަމަށާއި ރައީސް ސޯލިހަށް ތާއިދުކުރައްވާ ބައެއް މެމްބަރުންވެސް އެ މައްސަލައިގައި ތިއްބެވީ އިދިކޮޅާއެކު ކަމަށެވެ. އެއީ ކޮން މެމްބަރުންނެއްކަމެއް އޭނާ ވިދާޅެއްނުވެއެވެ. އޭނާ ވިދާޅުވިގޮތުންނަމަ އެމްޑީޕީއަށް މަޖިލީހުގައި މެޖޯރިޓީ އޮތަސް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުވާނެއެވެ.
"މީ ގައުމީ މައްސަލައަކަށްވުމުން އަޅުގަނޑުމެން އެންމެން ނިންމީ ސަރުކާރު ޖަވާބުދާރީ ކުރުވަން އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން. އެންމެ ފުރަތަމަ ހުށަހަޅާނީ ބަންޑާރަ ނައިބު ރިފްއަތު. މި މައްސަލަ އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން ސަރުކާރަށްއެ އެބަހުރި. އެ ބޭފުޅުންގެ ތާއީދު ލިބޭނެ" އާދަމް ޝަރީފު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން "ވަން" އަށް މިދިޔަ ހަފުތާގައި ވިދާޅުވީ ރިފްއަތު ވަކިކުރުމުގެ މައްސަލައިގައި އިތުރު މެމްބަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް ކުރާނީ މައްސަލަ ހުށަހެޅުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ އިތުރު މެމްބަރުންގެ ތާއިދުނެތި ރިފްއަތުގެ މައްސަލަ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"މައްސަލަ ހުށަހެޅުމަށްފަހު އަޅުގަނޑުމެން މަސައްކަތް ކުރާނީ އިތުރު މެމްބަރުންގެ ތާއިދު ހޯދަން. އެ މަސައްކަތް ކުރީމާ އެނގޭނީ މެމްބަރެއްގެ ތާއީދު އެބައޮތްތޯ ނުވަތަ ނޫންތޯވެސް" އަލީ ހުސެއިން ވިދާޅުވިއެވެ.
ޗާގޯސް ކޯލިޝަނުގެ ވިސްނުން މިހެން ހުއްޓަސް، އެމްޑީޕީގެ ސާފު މެޖޯރިޓީ އޮތް މަޖިލީހަކުން ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ފާސްވިޔަ ނުދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރިފްއަތު ވަކިކުރުމާ ދެކޮޅަށް ތްރީ ލައިން ވިޕެއް ނެރުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަން ކާމިޔާބު ވިޔަ ނުދޭނެ ކަމަށްވެސް އެމްޑީޕީން ވަނީ ސާފުކޮށް ބުނެފައެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް ވިދާޅުވެފައިވަނީ އިދިކޮޅުން ހުށަހަޅައިފައިވާ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވިޔަ ނުދިނުމަށް ތުރީ ލައިން ވިޕެއް ނެރުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެންނާ ހަމައަށް ނޯޓިސް އަންނަ ދުވަހުން ފެށިގެން ތުރީ ލައިން ވިޕެއް ނެރުމަށް މަޝްވަރާކޮށް އެކަން ކުރާނަން. ތުރީ ލައިން ވިޕެއް ނެރެނީ ސީދާ މިވެނި ދުވަހެއްގައޭ ދަންނަވާކަމަށް ނޭނގެ އެއީ އަދި އަޅުގަނޑުމެންނަށް މައްސަލައިގެ ނޯޓިސް ނުލިބޭތީ. ވިޕް ލައިން ނެރޭ ދުވަހަކު އެކަންވެސް އަންގާނަން" އަސްލަމް ވިދާޅުވިއެވެ.
ރިފްއަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ގާނޫނުގައި ބުނާ 14 ދުވަހުގެ ނޯޓިސް މިހާރު ވަނީ އޭނައަށް ދީފައެވެ. އެހެންކަމުން އެ 14 ދުވަސް ހަމަވުމުގެ ކުރިން އެމްޑީޕީން ތުރީ ލައިން ވިޕެއް ނެރޭނެކަމަށް ބެލެވެއެވެ. ވިޕް ލައިނާ ހިލާފުވުމަކީ ޕާޓީން ފިޔަވަޅު އަޅާ ކަމަކަށްވެފައި ވިޕް ލައިނާ ހިލާފުވި ބައެއް މެމްބަރުންނަށް މީގެ ކުރިން ފިޔަވަޅު އަޅާފައިވާތީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް އެމްޑީޕީގެ އިތުރު މެމްބަރުންތަކެއް ތާއިދު ކުރުމުގެ ފުރުސަތަކީ ވަރަށް ހަނި ފުރުސަތަކެވެ.
ތުރީ ލައިން ވިޕް ނެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް ސޯލިހު ވެސް ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕާ ބައްދަލުކުރައްވައިފައެވެ.
އެހެންކަމުން އެޓާނީ ޖެނެރަލްގެ މަގާމުން ރިފްއަތު ވަކިކޮށްގެން ޗޯގޯސް މައްސަލައިގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް ޗޯގޯސް ކޯލިޝަނުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް ނުބެލެވެއެވެ. ރިފްއަތުގެ މައްސަލައިގެ އިތުރުން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނެކަމަށް ބެލެވޭނެ ހަމައެއްވެސް ނެތެވެ. ރައީސް ސޯލިހުގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ވައްދާނެ ކަމަށް ބުނާއިރެ، އެމްޑީޕީގައި މިހާރު އެ އޮތް ސާފު މެޖޯރިޓީއާއެކު އެއީވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.