ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވުމުން އެ މަނިކުފާނާ އެއްވެސް މައްސަލަ ޖެހިވަޑައިގެން ނޫޅުއްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވަނީ ނަޝީދާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ރައީސްގެ މަގާމުގައި އެ މަނިކުފާނު ހުންނެވުން ކަމަށާއި ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ކުރައްވަން ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،" ރައީސް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޮޑުފެންވަޅުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިވަޑައިގެން ނޫޅުއްވާ ކަމަށެވެ.
"ވެރިކަމުގައި ރައީސް ސޯލިހު ހުންނެވީމައޭ އަޅުގަނޑާ ރައީސް ސޯލިހާ މައްސަލަ ޖެހިވަޑައިގެން އުޅުއްވަނީ. ނޫން އަޅުގަނޑު އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫން މިއުޅެނީ. އަޅުގަނޑު މިއުޅެނީ ހަމަ ސައްހަ އިންތިހާބެއްގައި ބައިވެރިވެ، އެ އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށް ބައްދަލުވި ގިނަ މީހުން ބުނެފައިވާ ކަމަށެވެ.
"އަދި ކޮންމެ ބޭފުޅަކުވެސް އެބަ ވިދާޅުވޭ އަޅުގަނޑު ބުންޏަސް ނުދޭނަމޭ. އަޅުގަނޑު ދަންނަވައިފިން އެބަ ނުބުނާނެނުންހޭ އަޅުގަނޑު ކުރިމަތިލައިހޭ މިހުރީ. ރައީސް ސޯލިހަކާވެސް އަދި އެހެން ބޭފުޅުކާވެސް ރައީސް ޔާމީނާކާވެސް، ރައީސް މައުމޫނާކާ ވެސް އަޅުގަނޑަކާ މައްސަލައެއް ހަމަ އެއްގޮތަކަށް ވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ޖަލުގައި ކަމަށާއި އެއީ އެއްވެސް ބޭފުޅަކު އުފާފާޅުކުރައްވަންވީ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޔާމީން ނެތަސް އެ ކޯލިޝަނުން ރިޔާސީ އިންތިހާބެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެއީ އެ މަނިކުފާނަށްވެސް ފެންނަ އެންމެ ބުއްދިވެރި ގޮތް ކަމަށާއި އަދި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންވެސް ބޭނުންވާނީ އެގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ ހުރިހާ ޕާޓީތަކުން ތިބީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިގެން ކަމަށެވެ. ޔާމީން ނެތުމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ބޭފުޅުން ހީއްކުރަވައިގެން ތިއްބެވީ ޔާމީންގެ ސަޕޯޓަރުންގެ ވޯޓު ލިބޭނެ ކަމަށާއި ނަމަވެސް އެއީ ކުށްހީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަން އަލުން ކޯލިޝަނަށް ދަނީ ރިޔާސ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން ކަމަށެވެ. އޭގެ ކުރިން ކޯލިޝަން ހަދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ.