މޯލްޑިވްސް އިމިގްރޭޝަނުން ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުމަށް މިއަދު ހެނދުނު ބޭއްވި ހަފުލާގައި އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ އަދި ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު އަހްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.މި ހަފުލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު އާއި ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ރައްޔިތުން އަދި އިމިގްރޭޝަންގެ އިސް އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފުލާގެ ތެރެއިން އެ ރަށުން ޕާސްޕޯޓުގެ ހިދުމަތް އެންމެ ފުރަތަމަ ހޯދި ދެ ފަރާތަކަށް ވަނީ ޕާސްޕޯޓު ހަވާލުކޮށްފަ އެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި ޕާސްޕޯޓު ނެގުމަށް ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި އެ އަތޮޅު އޭދަފުށީގެ އިތުރުން ދަރަވަންދޫވެސް މިހާރު ހިޔާރުކުރެވޭނެ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިމިގްރޭޝަންގެ މައިގަނޑު އެއް އަމާޒެވެ. ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައިވެސް މި ހިދުމަތް ފުޅާކުރަމުން އަންނަ އިރު، ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.