ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި، އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމެންޓެއް ބަލައިފާސްކޮށް، އެ ޝިޕްމެންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕު ފޮރުވާފައި ހުއްޓާ ފެނުނުކަމަށް ކަސްޓަމުން ބުންޏެވެ.

"މިގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެނެވިފައި" ކަސްޓަމުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ކަސްޓަމުން ބުންޏެވެ.