އެވިޑް ކޮލެޖުގައި ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއްގައި އެ ކޮލެޖު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ބުނެފިއެވެ.

އެމްކިޔުއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީ ލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށެވެ.

"ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން މި އޮތޯރިޓީގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންކަމުން، މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ވާނީ ޖޫރިމަނާކުރެވިފައެވެ." އެމްކިޔުއޭއިން ބުންޏެވެ.

އެމްކިޔުއޭގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެމްކިޔުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މަނާކަމަކަށް ވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވާކަމަށް އެމްކިޔުއޭއިން ބުންޏެވެ.

އެއާއެކު ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް އެމްކިޔުއޭއިން ބުންޏެވެ.

އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެމްކިޔުއޭއިން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި، ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކުރާކަމަށް އެމްކިޔުއޭއިން ބުންޏެވެ.