މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި އާ މަސްމާރުކޭޓެއް އެޅުމަށް މާލޭ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އަމިއްލައަށް އެދިފައިވީ ނަމަވެސް، ކައުންސިލުން އެކަން ނުކޮށް އޮތްކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ސަރުކާރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއުއަށް އެ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދުނު ނަމަވެސް، އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް ކައުންސިލުން މިދިޔަ މަހުގެ 20 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ބިން ހަވާލުކުރެވެން ނެތް ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވަނީ، މާޗު 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ތަރައްގީ ކުރަން ހަވާލުކޮށްފައި ވާތީ ކަމަށާއި، ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހުގައިކަމަށްވެސް ކައުންސިލުން ބުނެފައިވާކަމަށް، މިނިސްޓްރީން ބުންޏެވެ.
"މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިން ކުންފުނީގެ ފަރާތުން ކައުންސިލަށް ވަނީ ސިޓީ ފޮނުވައިފައެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިނުވެ އެވެ" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ "ވެޓް މާކެޓް ކޮމްޕްލެކްސް" ގެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަނީ ސިޓީ ކައުންސިލުން ޕްލޭންކޮށް ޑިޒައިން ކޮށްފައިވާ ގޮތަށް ކަމަށާއި، ކައުންސިލުން މަސައްކަތް ނުކޮށް އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މަގްސަދެއް ކަމަށެވެ.މ
މާލޭ ސިޓީ ކައުންސިލުން އެ މަޝްރޫއު ކުރިން ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ، އެ އެއްބަސްވުން ބާތިލްކުރުމަކީ އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި ނުދެކޭކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުވެސް އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވީ ނަމަވެސް، މަސައްކަތް ލަސްވާ ހަމައެކަނި ސަބަބަކީ ބިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވުންކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ފަސް ފުލޯގެ އިމާރާތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދާދިފަހުން ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ހަމަޖެއްސިތާ މިހާރު ހަތަރު މަސް ވެފައިވާ ކަމަށެވެ. މަސައްކަތް ފަށަން ސަރުކާރުން ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވީ ނަމަވެސް، މަސައްކަތް ނުފެށި ލަސްވަނީ މާލޭ ސިޓީ ކައުންސިލުން ބިން ހަވާލު ނުކޮށްގެންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް