ޚަބަރު

ހައްގުތައް ހޯދައި ދިނުމުގައި ސަރުކާރު ފެއިލްވެއްޖެ: ހިޔުމަން ރައިޓްސް ވޮޗް

މުހައްމަދު އިޝާން

2

އިންސާނީ ހައްގުތައް ކަށަވރުކޮށްދިނުމުގައި ދިވެހި ސަރުކާރު ފެއިލްވެފައިވާ ކަމަށް ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައި ދިނުން ފަދަ ހައްގުތައް ހޯދައި ދިނުމުގައި ދިވެހި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެޗްއާރްޑަބްލިޔު ޖަމިއްޔާއަކީ އިންސާނީ ހައްގުތަކާއި ގުޅޭ ކަންކަން ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާ އެކެވެ. އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުންނާއި އދ. އިން ވެސް އިންސާނީ ހައްގުތައް ކަށަވަރުކުރުމުގަ އާއި ގައުމުތަކުން އިންސާނީ ހައްގުތައް އިންޑެކްސް ކުރުމަށް އެންމެ ބޮޑަށް ބަރޯސާވަނީ އެ ޖަމިއްޔާއެވެ.

އެޗްއާރްޑަބްލިޔުއަކީ އދ. ގެ ރިކޮގްނިޝަން ލިބިފައިވާ ޖަމިއްޔާއެކެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް އިންސާނީ ހައްގުތަކާ ގުޅޭގޮތުން އެޗްއާރްޑަބްލިޔު ޝާއިކުކުރާ ރިޕޯޓުތަކާ ލިޔުންތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ.

އެޗްއާރްޑަބްލިޔު އިން މިއަދު ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ނެރެފައިވާ 56 ސޮފުހާގެ ރިޕޯޓްގައި މައިިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންގައި ވައުދުވެވަޑައިގެންނެވި އެއްވެސް ހައްގެއް ވެރިކަމަށް ހަތަރު އަހަރު ވާން ކައިރިވެފައިވާއިރުވެސް ފުއްދާނުދެވިފައިވާ މައްސަލައެވެ.

އެ ރިޕޯޓުގައި ބުނީ، މަދަނީ ހައްގުތަކާއި މީޑިއާގެ މިނިވަންކަމާއި މީޑިއާގެ މަސައްކަތްތަކަށް ސަރުކާރުން އިހުތިރާމް ކުރާކަން ފާހަގަވާ ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލު ހޯދުމާއި ޓެރަރިޒަމް ޖަމާއަތްތަކާއި ޖިނާއީ ކުށްތައް ހިންގާ ގްރޫޕްތަކުން ޝަރުއީ ދާއިރާ އާއި ފުލުހުންނާއި އަދި އެހެން މުއައްސަސާތަކަށް ފޯރުވާ ނުފޫޒު ހުއްޓުވުމުގައި ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށެވެ.

ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ދެމުންދާ ގެންދާ ހަމަލާތަކުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރުމުގައި ސަމާލުކަން ނުދޭ ކަމަށާއި އެފަދަ ތަހުގީގުތައް ކުރުމުގައި ދޭންޖެހޭ ވަރަށް ސަމާލުކަން ފުލުހުން ނުދެނީ ގޭންގުތަކާއި ޓެރަރިޒަމް ޖަމާއަތްތައް އަދި ސިޔާސީ ފަރާތްތަކުގެ ނުފޫޒާ ހެދިކަމަށް ރިޕޯޓުގައި ބުންޏެވެ.

އެޗްއާރްޑަބްލިޔުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި ފަރުދުންނަކީ އުނގޫފާރު ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝިމް އަލީ އާއި ބޮލްގަރު ޔާމީން ރަޝީދު އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާންއެވެ. އެ ރިޕޯޓުގައި ބުނީ، އެ މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ހޯދައިދިނުމަށް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި ގެއްލުވާލާފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރާ ރިޔާސީ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައިވާ ނުވާއިރު، އެ ތިން މަރުގެ ފަހަތުގައި ފޮރުވިފައިވާ މީހުން ހޯދުމުގައި ވެސް ފެއިލްވެފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ އުވާލެއްވި ގާނޫނަކީ އަނބުރުގެ ގާނޫނު ކަމަށްވިޔަސް، ބައެއް މީޑިއާތަކަށް ސިޔާސީ ފަރާތްތަކާއި ޓެރަރިޒަމް ޖަމާއަތްތަކުގެ ނުފޫޒު އޮންނަ ކަމަށެވެ. އަދި އަނބުރުގެ ގާނޫނު އުވާލިޔަސް، އަދިވެސް ބައެއް ނޫސްވެރިން މިނިވަންކަމާއެކު ހަބަރު ފެތުރުމަށް ޖެހިލުންވާ ކަމަށާއި އެއީ ޖަލަށްލާފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓުގައި ބުންޏެވެ.

ސުލްހަވެރި ސިޔާސީ އެއްވުންތައް ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި ކޮވިޑްގެ ބަލިމަޑުކަމުގެ ނާޖާއިޒު ފައިދާ ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށާއި އެއްވުންތައް ރޫޅާލުމުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކުރާ ކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފޯމޭޝަން ނުވަތަ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ވެސް ރައީސް ސޯލިހުގެ ވައުދުފުޅަކަށްވާއިރު އެ ވައުދު ވެސް ނުފުއްދާކަމަށް ރިޕޯޓުގައި އެޗްއާރްޑަބްލިޔުއިން ވަނީ ބުނެފައެވެ.

އެޗްއާރްޑަބްލިޔުއިން ވަނީ ރާއްޖޭގެ ޖިނާއީ އަދުލްގެ ނިޒާމް އިސްލާހުކޮށް، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖެއަށް އެހީތެރިވާ ބައިނަލްއަގުވާމީ ފަރާތްތަކުން ބާރު އެޅުމަށް ގޮވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟