ގޯލްޑަން ފުޓްސަލް ޗެލެންޖް

ކޮނޑޭ ބަދަލު ހިފައިފި، ތިމަރަފުއްޓާއި ދުވާފަރު އަދި ކުޑަހުވަދުއަށްވެސް ބޮޑު މޮޅެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ޒޯން ބުރުގައި ރޭ ކުޅުނު މެޗުތައް ރ. ދުވާފަރާއި، ދ. ކުޑަހުވަދޫގެ އިތުރުން ތ. ތިމަރަފުއްޓާއި ގއ. ކޮނޑޭ އަދި މާލެގަންއިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު ރޭ ކުޅެފައިވާ އިރު، ރޭ ކުޅެފައި ވަނީ ޒޯން ފަހެއްގެ ދެ މެޗާއި، ޒޯން ހަތެއްގެ މެޗެއްގެ އިތުރުން ޒޯން ހައެއްގެ ދެ މެޗު އަދި ޒޯން ދޭއްގެ މެޗެކެވެ.

ޒޯން ދޭއްގައި ޖުމުލަ ތިން ޓީމު ވާދަކުރާ އިރު، ރޭ ކުޅުނީ ރ. ދުވާފަރާއި އެންމެފަހުގެ ރަނަރަޕް ޓީމު ބ. އޭދަފުށި ވާދަކުރި މެޗެވެ. އެ މެޗު ވަރުގަދަ ކުޅުމަކާއެކު ދުވާފަރުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވިދާލީ އަތޮޅު ބުރުގައިވެސް އެޓީމުން ވިދާލި މުހައްމަދު ޖުމާނެވެ. ޖުމާން ވަނީ ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން ދެވަނަ ގޯލު ޖަހަން އެހީތެރިވެދީފައެވެ. ދެވަނަ ގޯލު ޖެހީ ޖުމާން ނަގައިދިން ބޯޅައަކުން މުހައްމަދު އިސާމް ބޮލުންނެވެ. ދުވާފަރުން ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކުގައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އީސާއެވެ.

ޒޯން ހައެއްގެ ކުޅުން ރޭ ފަށާފައިވާ އިރު، އެ ޒޯނުގައި ހިމެނެނީ ހަތަރު ޓީމެވެ. އެ ހަތަރު ޓީމުވެސް ރޭ ކުޅެފައިވެއެވެ. އެ ޒޯނުގައި ކުޅުނު ފުރަތަމަ މެޗުގައި ލ. ގަމާއި ގދ. ވާދޫ ބައްދަލުކުރި އިރު، އެ މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ދެން އެ ޒޯނުގައި ކުޅުނީ ގއ. އަތޮޅުގެ ފައިނަލް މެޗުގައިވެސް ކުޅުނު ދެ ޓީމެވެ.

ގއ. އަތޮޅުގެ ފައިނަލުގައި މާމެންދޫން ޕެނަލްޓީގައި ކޮނޑޭ ބަލިކޮށްފައި އޮތް ނަމަވެސް، ރޭގެ މެޗަށް ނުކުމެ ކޮނޑޭން ވަނީ އެ ނަތީޖާއަށް ބަދަލުހިފައި، 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ. ކޮނޑޭގެ ގޯލުތައް ޖަހައިދިނީ ޝިފާޒް އާދިލް (ތުއްތު) އާއި އަބްދުﷲ މޫމިން އަހުމަދެވެ. މާމެންދޫގެ ގޯލު ޖެހީ ޝަމްވީލް އަހުމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮނޑޭގެ ޝިނާޒް މުހައްމަދެވެ.

ޒޯން ހަތަރެއްގައިވެސް ހަތަރު ޓީމު ވާދަކުރާ އިރު، ރޭ އެ ޒޯނުގެ ދެ މެޗު ކުޅެފައިވެއެވެ. ފުރަތަމަ މެޗުގައި ތ. އަތޮޅުގެ ފައިނަލް ކުޅުނު ތިމަރަފުއްޓާއި އޮމަދޫ ވާދަކުރި އިރު، އެ މެޗު އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

ތިމަރަފުށިން އެންމެ ފުރަތަމަ ލީޑު ނެގީ އިބްރާހިމް ހަމްދާން (މެސީ) ޖެހި ގޯލުންނެވެ. އޮމަދޫގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު ޔާޒީ ޖެހި ގޯލުން އެ ޓީމުން އެއްވަރުކޮށްފައިވަނިކޮށް، ތިމަރަފުށިން އަލުން ލީޑު ނެގީ އޮމަދޫގެ މުހައްމަދު ސާމީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށިން އިތުރު ތިން ގޯލު ޖެހިއެވެ. އެ ގޯލުތައް ޖަހައިދިނީ އަލީ ޝިފާއު (ރޮނާ) އާއި އިސްމާއިލް މުނީޒް އަދި އިބްރާހިމް އަސްވަދު (ގަބޭ) އެވެ.

ދެވަނަ ހާފުގައި ތިމަރަފުށިން ޖެހި ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެސީއެވެ.

ޒޯން ހަތަރެއްގައި ރޭ ކުޅުނު އަނެއް މެޗުގައި ފ. ބިލެއްދޫ އަތުން ދ. ކުޑަހުވަދޫ މޮޅުވީ 5-1 އިންނެވެ. މެޗުގައި ކުޑަހުވަދޫގެ ޖުމައިލް ޖަލީލް ހެޓްރިކެއް ހެދި އިރު، މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަނެއް ދެ ގޯލު ޖެހީ ހާރޫން އިބްރާހިމް (ހާންޑޯ) އާއި އަބްދުލް މުގުސިތުއެވެ. ބިލެއްދޫގެ ހަމައެކަނި ގޯލު ޖެހީ މުނީފް އަބްދުﷲ ނަސީރެވެ.

ޒޯން ހަތެއްގައި ދެ ޓީމަކުން ވާދަކުރާ އިރު، ރޭ ވަނީ ދެ ޓީމުގެ ފުރަތަމަ މެޗު ކުޅެފައެވެ. އެ މެޗުގައި މާލެގަން އިން ފޭދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި މާލެގަން ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ނާޒިހު ނަޖްމީ އާއި އަހުމަދު ރާއީ ލަތީފް އަދި މުހައްމަދު ވިޝާހު އިބްރާހިމެވެ. ފޭދޫ ޓީމުން ވެސް ރަނގަޅަށް ކުޅެ، ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރި މެޗުގައި އެ ޓީމުން ގޯލުތައް ޖަހައިދިނީ ހަސަން ސާމިއު ސައީދާއި ހަސަން އަޒްވާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާލެގަން ޓީމުގެ އަޖްމަލް އަހުމަދެވެ.

ޖުމުލަ 91 ޓީމާއެކު ފެށި މުބާރާތުގެ ޒޯން ބުރުގައި ޓީމުތައް ވާދަކުރާނީ އަށް ޒޯނަކަށެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދާނެއެވެ. ޒޯން ބުރުގެ މެޗުތައް ރޭ ފަށާފައިވާ އިރު، ނިމޭނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސްއެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، ގޯލްޑް ޕާޓްނަރުންނަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. ކޮކާ ކޯލާއަކީ ބެވަރެޖް ޕާޓްނާވެސް މެއެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. މުބާރާތުގެ ޒޯން ބުރުގެ ހަ މެޗު މިރޭވެސް އޮންނާނެއެވެ.

މިރޭ އޮންނާނެ މެޗުތައް

20:15 އއ. މަތިވެރި - ޅ. ހިންނަވަރު (ޒޯން 3)
20:15 ހއ. ހޯރަފުށި - ހދ. ވައިކަރަދޫ (ޒޯން 1/ ގްރޫޕް އޭ)

21:15 ކ. ކާށިދޫ - ކ. ގާފަރު (ޒޯން 3)
21:15 ހދ. ނައިވައިދޫ - ހއ. އިހަވަންދޫ (ޒޯން 1/ ގްރޫޕް ބީ)

22:15 މާފަންނު - ވިލިމާލެ (ޒޯން 8)
22:15 ހުޅުމާލެ - ހެންވޭރު (ޒޯން 8)