ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކިންގަކީ ހދ. ނައިވާދޫ ޔާމީން މުހައްމަދު (ޔާންޓެ) އެވެ. އެ މަގާމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މުބާރާތް ފެށިގެން ފައިނަލް މެޗާ ހަމައަށް ޔާންޓެ ދެއްކި ހިތްވަރު ތަފާތެވެ. ލީޑަރެވެ. ކެޕްޓަނެވެ. އަނިޔާއެއް ކުރިމަތިވި ނަމަވެސް، ޓާގެޓަށް ވާސިލުވާން ކުރި މަސައްކަތް ކާމިޔާބުކުރިއެވެ. އަތޮޅު ފައިނަލާއި ޒޯން ފައިނަލަށް ރަށަށް ނަގައިދިނީ ޗެލެންޖްތަކާއެކުގައި ނަމަވެސް، އެންމެ ފަހު ކަށިގަނޑާ ހަމައަށް ދެއްކީ ތަފާތު ރޫހެކެވެ. ރަށަށް ހުރި ލޯތްބެވެ.

"ފުޓްސަލް ފެށީ، ހުޅުމާލޭގެ ޕާކް ސްޕޯޓްސް ކްލަބުން. އެއީ ކުޑައިރުން ފެށިގެންވެސް ހުޅުމާލޭގައި އުޅެމުން ރައްޓެހިންނާއެކު ހެދި ކްލަބެއް. ޝާއްޕެމެން އެންމެންވެގެން ފުރަތަމަ ސްޓްރީޓް ފުޓުބޯޅަ މި ފެށީ. ދެން އެއާ އެއްގޮތަށް ހަމަ ގަޔާވާ ގޮތަކަށް ކުޅޭ ކުޅިވަރެއް ފުޓްސަލްއަކީ. ދެން ފުޓްސަލް އައި ހިސާބުން ފުޓްސަލްއަށް ބޮޑަށް މި ފޯކަސް ކުރީ. އެއީ މީގެ ތެރެއަށް ވަދެވުނު ގޮތަކީ،" ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކިންގަށް ހާއްސަ ކުރެވިފައިވާ މަގާމުގައި ހުރެ، "ވަން ސްޕޯޓްސް"އަށް ޔާންޓެ ކިޔައިދިނެވެ.

ޔާންޓެގެ ކިންގްގެ ތާޖު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އަޅުއްވައިދެނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޔާންޓެ ބުނީ ކުޑައިރުން ފެށިގެންވެސް އެއްކޮށް އުޅުނު ހުރިހާ އެންމެންވެގެން މުބާރާތްތަކުގައި ބައިވެރިވެ، ކާމިޔާބީތައް ލިބެން ފެށުމާއެކު ކުޅިވަރަށް ހާއްސަ ޝައުގުވެރިކަމެއް އުފެދުނު ކަމަށެވެ. އެ ހުރިހާ ކަމަކީ ޕާކުން ފެށުނު ކަންކަން ކަމަށާއި، މިއަދު ރާއްޖޭގެ ކިންގްގެ މަގާމުގައި ހުރެ އެ ކްލަބުގެ އެންމެންނަށް ހަމަ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ.

މީގެ ކުރިން ޔާންޓެ ވަނީ މާފަންނާއެކު 2018 ވަނަ އަހަރު ތަށި ނަގައިފައެވެ. އެހެންނަމަވެސް، މިއީ އޭނާއަށް ބަޔާން ނުކުރެވުނު އިހުސާސެއް ކުރެވުނު ފަހަރެކެވެ. ނައިވާދޫގެ ލޯބިވާ ސަޕޯޓަރުންގެ ޖޯޝާއި ފޯރިން، ތަށީގެ މުހިންމުކަން ފެނުނު އިރު، ޔާންޓެއަށް ލިބުނު ހިތްހަމަޖެހުމަކީވެސް އެއީއެވެ.

"މި ތަށި 2018 ގައި ނެގުނު. އެކަމަކު މި ހިތްހަމަޖެހުމެއް ނުލިބޭ. އެއީ އަމިއްލަ ރަށަށް މި ތަށި ނެގުމުން މި އިހުސާސް ކުރެވުނީ ބުނެދޭން ނޭނގޭ އިހުސާސެއް. އެއީ ފުޓްސަލްގައި މި އުޅުނީ އެންމެ ކުޑައިރުން ފެށިގެންވެސް. އެހެންވީމަ ރަށަށް ކަމެއް ކޮށްދެވެން އޮތީ މި ދާއިރާއިން. އެކަން ކޮށްދެވުމަކީ އަސްލު ބަޔާން ނުކުރެވޭހާ އުފާވާ ކަމެއް،" ޔާންޓެ ފާހަގަކުރިއެވެ.

https://www.facebook.com/reel/1224027262674517

ކިންގަށް އުންމީދެއްވެސް ޔާންޓެ ނުކުރެއެވެ. އަދި އެކަމަށް މަސައްކަތް ނުކުރީވެސް ރަށަށް ތަށި ހޯދައިދިނުން އެއީ އެންމެ ބޮޑު ޓާގެޓަކަށްވީމައެވެ. ރާއްޖޭގެ ފުޓްސަލް ކިންގަކީ އުފާވެރިކަމެއް ނަމަވެސް، ޔާންޓެ އިސްކުރީ ރަށަށް ހޯދައިދެވުނު ކާމިޔާބީގެ ވާހަކައެވެ.

"ކިންގަކަށް އުންމީދެއް ނުކުރަން. އެއީ ރަށަށް މި ތަށި ހޯދައިދޭން މަސައްކަތްކުރީ. އެ މަސައްކަތުގައި މި މަގާމު ލިބުމަކީ އުފަލެއް. ނައިވާދުއަށް އަދިވެސް އުންމީދު އެބައޮތް. އެއީ ޒުވާން ކުޅުންތެރިންނާއެކު މި މަސައްކަތް ކުރަނީ. އަބަދުވެސް އާ ކުޅުންތެރިން ނެރެގެން މިކަން އަދިވެސް ދެމެހެއްޓޭނެ،" ޔާންޓެ ފާހަގަކުރިއެވެ.

ނައިވާދޫ މޮޅުވުމާއެކު ޔާންޓެ އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ނައިވާދޫން 2025 ވަނަ އަހަރުގެ ފައިނަލުގައި ކ. ކާށިދޫ ކައިރިން ބަލިވި ބަލިވުން ހަނދާން ނައްތާލީއެވެ. ޖެހިޖެހިގެން ދެވަނަ ފައިނަލަކަށް ނުކުމެ ގއ. ދެއްވަދޫ ބަލިކުރެވުނު ވަގުތު، ޔާންޓެއަށް އެ ކުރެވުނު އިހުސާސް އޭނާގެ ފަރާތުން ފެނުނެވެ. އެ ޖަޒުބާތު އުތުރި އަރައިގެން ދިޔަތަންވެސް ފެނުނެވެ. ފުޓްސަލްގެ އެންމެ ބޮޑު ތަށި ޔާންޓެއާއި ނައިވާދުއަށްވެސް ހާއްސައެވެ. އެ ޝަރަފަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ މަތީ ޝަރަފެވެ.