ފުޓްސަލްގައި ދިވެހި ރާއްޖެ ހޯދާ ކާމިޔާބީތަކާއި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާދާރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމަށް ރާއްޖޭގެ ނައިބު ރައީސް، އަލް އުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވީ، މިއަހަރުގެ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވަން ވަޑައިގެން، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ގޯލްޑަން ފުޓްސަލް މުބާރާތް 10 ވަރަކަށް އަހަރު ފާއިތުވެގެން ދިޔައިރު، މިއީ ވަރަށް ހިތްވަރާއެކުގައި ކެރިގެން ބޮޑެތި ޗެލެންޖްތަކަކާވެސް ކުރިމަތިލައިގެން ކާމިޔާބުކުރަމުންދާ މުބާރާތެއް. މިހިސާބަށް އައިއިރުގައި އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހާސިލްވެފައި. އެއީ ގައުމީ ޓީމުން އިންޓަނޭޝަނަލް ކާމިޔާބީއެއް ހޯދައި، މިހިސާބުގެ ހުރިހާ ގައުމެއް ބަލިކޮށް ރާއްޖެއަށް ތަށި ގެނެސްދީފި. އެއީ މިހަލަ މުބާރާތްތަކުން ހޯދުނު ކާމިޔާބީއެއް. އެންމެ ފާހަގަކޮށްލެވޭ ބޮޑު މުބާރާތަކީ މި މުބާރާތް. މި މުބާރާތުން ކުޅުންތެރިން އުފެދި، ވަރަށް ވާދަވެރިކޮށް ފޯރިއާއެކު ކުރިއަށް މިދަނީ،" ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އެއާއެކު ނައިބު ރައީސް ވިދާޅުވީ ގޯލްޑަންއިން ގައުމުގެ އިޖުތިމާއީ ފޭރާމަށް ހެޔޮ ބަދަލެއް ގެނެސްދޭ ކަމަށާއި، އެއީ މުބާރާތުގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.
"އިޖުތިމާއީ ފޭރާންވެސް މި މުބާރާތްތަކުން ރަނގަޅުވެއްޖެ. ނުކިއްސަރު ގޮތަށް މަސައްކަތް ކުރާ ބަޔަކު ކޮންމެ ތަނެއްގައިވެސް ތިބޭ އިރު، މި މުބާރާތް ވެފައި ވަނީ އެ ކަންކަމާ ޒުވާނުން ދުރުކޮށްދޭ ކަމަކަށް. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ އުފާކުރަންވީ ކަންކަން،" ނައިބު ރައީސް ވިދާޅުވިއެވެ.
އެއާއެކު ނައިބު ރައީސް ވިދާޅުވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާއާއި ޓީމުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވަން ބޭނުންވާ ކަމަށާއި، ފުޓްސަލް ކުޅުންތެރިންގެ އެދުމާ އެއްގޮތަށް އިންޑޯގެ މަސައްކަތް އަވަސްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ އަމިއްލަ ފަރާތަކުން، އޭގައި ރިލުވާންގެ ނަންވެސް ހަމަ ފާހަގަކޮށްލަން ބޭނުންވޭ. ރިލުވާންގެ ބުރަ މަސައްކަތުން ދިވެހި ކުދިންނަށް ހޯދައިދޭ ފުރުސަތަށް ރިލުވާނާއި ޓީމަށް ޝުކުރު އަދާކުރަން. މިއުފާވެރިކަން ލިބޭ ހިނދު، އަޅުގަނޑު ޔަގީންކޮށްދެނީ ރައީސް ޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފުޓްސަލް އިންޑޯއެއްވެސް އަވަސް ވެގެންދާނެ ކަމަށް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ތަކުރާރުކޮށް ވިދާޅުވީ ގޯލްޑަންއަކީ ރާއްޖޭން ހޯދި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށާއި، މުބާރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ޝާމިލްވުން އެއީ ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދިވެހީންނަށް ފުޓްސަލްއަކީ ފާހަގަތި ކުޅިވަރަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ގޯލްޑަންއަކީވެސް އުންމީދީ މުބާރާތެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ފާހަގަކުރެއްވިއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް