ރިޕޯޓް

ކޮމަންޑޫ ދާއިރާގެ ބޮޑު ބައި އިލެކްޝަން: 2023 ރިޔާސީ އިންތިހާބުގެ ފުރަތަމަ ޓެސްޓު!

އަލީ އަފާފް ރަމީޒު

1

ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް މިހާރު އިވެމުންދަނީ އެއް އަޑެކެވެ. އެއީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވާހަކަތަކެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި މީގެ ކުރިން ފުރުއްވަމުން ގެންދެވީ ހުސެއިން ވަހީދެވެ. ހުސެއިން ވަހީދު ވަނީ މިދިޔަ ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ އަވަހާރަވެފައެވެ. ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާގެ ގޮނޑި މިވަނީ ހުސްވެފައެވެ.

މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މުޅި ގައުމުހެން އަންނަނީ ތައްޔާރުވަމުންނެވެ. ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން އަބްދުލް ހަންނާނު އިދުރީސްއެވެ.

ކޮމަންޑޫ ދައިރާގެ ބައި އިލެކްޝަން އިއުލާން ކުރެވިގެން ދިއުން ވެގެންދިޔައީ ފަހުގެ ތާރީހުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކޮށްލި ކަމަށެވެ. އެގޮތުން އެމްޑީޕީ އާއި ވާދަވެރި ޕީޕީއެމްގެ އިތުރުން އެމްއެންޕީގެ "ފޯކަސް" މުޅީންހެން މި ގޮނޑިއަށް ބަދަލުކޮށްލިއެވެ. ކުރެވެންހުރި ހުރިހާ ކަމެއް ކޮށްގެން ނަމަވެސް މި ގޮނޑި ހާސިލުކުރުމަށް މިވަނީ އަޒުމަކަށްވެފައެވެ.

މީގެ ކުރިން ނުދެކޭ ވަރަށް އެދާއިރާގެ ރައްޔިތުން އަންނަނީ ތަރައްގީގެ މަޝްރޫއުތައް ދެކެމުންނެވެ. އަޑު ނާހާ ވަރަށް އެދާއިރާގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެދާއިރާއަށް މީގެ ކުރިން ނުލިބޭ އެތައް "އެޓެންޝަން" އެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް އެންމެންގެވެސް އޮތީ އެންމެ ސުވާލެކެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ؟

ސަރުކާރުން މިވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް "ފޫގަޅާ" ލައިފައެވެ. އެ ދާއިރާއަށް އެތައް މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް މަޝްރޫއަކީ ދަށުކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅައިލުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގައި މިވަނީ އެ މަޝްރޫއުގެ މަސައްކަތް ފެށިފައެވެ.

މީގެ އިތުރުން އެދާއިރާގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި މަގުހެދުމުގެ މަސައްކަތްތަކުގެ އިތުރުން ދަނޑުތައް ހެދުމުގެ މަސައްކަތްވެސް ކުއްލިއަކަށް ފަށައިގެން އަންނަނީ ކުރިއަށެވެ. އަދި އެވެސް އެންމެ ހަލުވި ސްޕީޑްގައެވެ.

މަޝްރޫއުތަކާ ހިސާބުން ނިމުނީއެއް ނޫނެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ޓީމަށް ނަޒަރު ހިންގާލުން މުހިންމެވެ. އެމްޑީޕީގެ ބިޔަ ޓީމަކުން އަންނަނީ މުޅި ދާއިރާ "ކުޑަކުރަމުން"ނެވެ. ރައީސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ބޮޑު ޓީމެއް އެކުލަވާލައި އެ ދާއިރާއަށް ވަޑައިގެން ކެމްޕެއިންގެ ކަންކަން ކުރިޔަށް އެބަ ގެންދަވައެވެ. އެންމެ ފަހަރަކު ނޫނެވެ. ވޯޓް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ހުރިހާ ގޮތަކުން ކުރަމުންނެވެ. އެންމެ "ތަންފުކެއް"ވެސް ދޫނުދީއެވެ. މިފަހަރުގެ ކެމްޕެއިން ޓީމް ވަރަށްވެސް ތަފާތެވެ.

މިފަހަރުގެ ކެމްޕެއިން ޓީމުގައި ކޯލިޝަން ހިމެނިގެން ދިއުމަކީ އެންމެ ތަފާތު ވެގެންދާ އެއް ސަބަބެވެ. ރައީސް ސޯލިހުގެ އެދިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީންވެސް މިވަނީ ސަރުކާރަށް މިގޮނޑި ހޯދައިދިނުމަށް އަތުކުރި އޮޅާލައިފައެވެ.

އެގޮތުން އެންމެ ފުރަތަމަ ކެމްޕެއިނަށް ވަޑައިގެންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސް ވަނީ އެމްޑީޕީގެ ޓީމާއެކު ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެން ވޯޓް ހޯދުމަށް މަސައްކަތް ކުރައްވައިފައެވެ. ނައިބު ރައީސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިންނާވެސް އެކުގައެވެ.

ނައިބު ރައީސަށްފަހު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް އަންނަނީ އެޕާޓީގެ އިސް ބޭފުޅުންނާއެކު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. ގާސިމް ވަނީ އެމްޑީޕީން ބޭއްވި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ސަރުކާރަށް މި ގޮނޑި އެހާ މުހިންމުވާ ސަބަބުތައްވެސް ވަރަށް ބޮޑަށް ވިދާޅުވެދެއްވައިފައެވެ.

ގާސިމްގެ އިތުރުން އަދާލަތު ޕާޓީގެ އިސްވެރިންވެސް އަންނަނީ މިފަހުން އެދާއިރާއަށް ވަޑައިގެން ރާޝިދުއަށް ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އަދާލަތުގެ އިސްވެރިންނާއެކު ވަޑައިގެން ރާޝިދަށް ވޯޓް ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައެވެ. އިމްރާން އަންނަނީ އެމްޑީޕީގެ ކެމްޕެއިން ޓީމާއެކު ހުރިހާ ރަށަކަށް ވަޑައިގެން ރާޝިދުއަށް ވޯޓް ހޯއްދެވުމަށް އެރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަމުންނެވެ.

އެމްޑީޕީން ބުނާ ގޮތުން އެޕާޓީއަށް މި ގޮނޑި މުހިންމު ވަނީ ކީއްވެ؟

ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ވަރަށްވެސް މުހިންމުކަން ކެމްޕެއިން ޓީމުންވެސް އެނގެއެވެ. ނަމަވެސް ސަރުކާރަށް މި ގޮނޑި މިހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ؟ މި ގޮނޑި ލިބުމުން ސަރުކާރަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

އެމްޑީޕީގެ އިސްވެރިން ބުނާ ގޮތުގައި މި ގޮނޑި ސަރުކާރަށް ލިބިއްޖެ ނަމަ މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. އެގޮތުން ސަރުކާރުން ހުށަހަޅާ ބިލްތައް ފާސް ކުރުމަށް ފަސޭހަކަތަކެއް ލިބި، ސަރުކާރުން އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރެވިގެންދާނެއެވެ.

ރައީސް ސޯލިހުވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިންމީ އެ ދާއިރާގެ ތަރައްގީއަށް ކަމަށާއި ވެރިކަންކުރާ ޕާޓީއެއްގެ މެންބަރުން ތިބުމުން ތަރައްގީގެ މަޝްރޫއުތައްް ކުރިއަށް ގެންދަން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އިލާހީ ގާނޫނާ އެއްގޮތަށް ކަންތައްތައް ނިމި، ހުސައިން ވަހީދު އަަޅުގަނޑުމެންނާ ވަކިވެ އެ ދިޔައީ. އެހެންނަމަވެސް ތިޔަ ބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރީ ފިކުރެއް. އެ ފިކުރު އެބައޮތް. އެ ވިސްނުން އެބަ އޮތް. އެކަން ދަމަހައްޓަން ޖެހޭނެ، އެކަން އެގޮތުގައި ބޭއްވުމަކީ މި ދާއިރާގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް އަވަސްވެ، ފުރިހަމަވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެގޮނޑި އެމްޑީޕީއަށް މުހިންމުވާ އަނެއް ސަބަބަކީ ބޭރުގައުމުތަކުގެ އިތުބާރު ސަރުކާރަށް ހޯދުމެވެ. މި ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރަށް އަދިވެސް ރައްޔިތުންގެ އިތުބާރު އޮތްކަން ބޭރުގެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. އަދި އެކަމުން ރައްޔިތުންނަށް އޮތީ ފައިދާ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.

"މިގޮނޑި ކާމިޔާބުވެގެން ދިއުމަކީ ބޭރުގެ ގައުމުތަކުން އެހީތަކާއި މަދަދު ލިބުމުގައި ވަރަށް ވެސް ކުލަ ގަދަކޮށް ދިވެހި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއާ ދެމެދުގައި އޮންނަންވީ ގާތްކަން އިތުރު ވެގެންދާނެ ކަމެއް،" ގާސިމް ވިދާޅުވެފައިވެއެވެ.

އިދިކޮޅު، ޕީޕީއެމަށް މިގޮނޑި އަދި މާ މުހިންމު؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރުމާއެކު ޕީޕީއެމުންވެސް އަވަސްވެގަތީ އެދާއިރާއަށް ކެންޑިޑޭޓެއް ނެރުމަށެވެ. އެގޮތުން ފަތުހީ ކުރިއަށްނެރެ، ޕީޕީއެމުންވެސް މިވަނީ ވަރުގަދަ ކެމްޕެއިނެއް ފަށައިފައެވެ. އެގޮތުން ޕީޕީއެމްގެ އިސްވެރީން އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ފަތުހީއަށް ވޯޓް ހޯދުމަށް އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ވަޑައިގެން ކެމްޕެއިން ކުރައްވައިފައެވެ.

ޕީޕީއެމުން ބުނާ ގޮތުގައި އެ ގޮނޑި އެޕާޓީއަށް އެހާ މުހިންމު ވަނީ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށެވެ. އަދި ސަރުކާރުން ގައުމު ވިއްކާލުމަށް ކުރަމުންދާ ކަންކަން ހުއްޓުވުމަކީވެސް އެ ގޮނޑި ލިބިގެންވާން ހުރި ކަންކަން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށްވެސް އެ ގޮނޑި ޕީޕީއެމަށް މުހިންމު ކަމަށް އެމީހުން ބުނެއެވެ.

އެޕާޓީއަށް ގޮނޑި މުހިންމުވާ އަނެއް ސަބަބު ވަރަށްވެސް ސާފެވެ. އެއީ މަޖިލީހުގައި އެޕާޓީގެ ބާރު ގަދަ ކުރުމެވެ. އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުން އަޑު އުފުލުމަށް ފަސޭހަވުމެވެ. ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް އަޑު އުފުލައި އެކަންކަން ހުއްޓުވުމަށްޓަކައި ޕީޕީއެމަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިންމު ކަމަށް އިދިކޮޅު ލީޑަރު ޔާމީން ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުގައި މިހާތަނަށް ތިބެއްޖެދޯ 65 މެންބަރުން، މި ގޮނޑި (ކޮމަންޑޫ ދާއިރާގެ) ލިބުނީމާ އަނެއްކާވެސް މިވަނީ 65. އެހެންވީމަ ގޮނޑީގެ އަދަދު ގިނައިން ލިބިގެންނެއް ސަރުކާރަށް ވަކި ކުރެވޭނެ އިތުރު ކަމެއް އޮންނާނެ ކަމަކަށް ރައްޔިތުންނަށް މިދިޔަ ތިން އަހަރު ގަބޫލެއް ނުކުރޭ. އޭގެ ބަދަލުގައި މަޖިލީހުގައި އިދިކޮޅުގައި ތިބި ބަޔަކަށް މިތިބީ އަޅުގަނޑުމެން. އަޅުގަނޑުމެންނަށް މި ގޮނޑި ލިބުނީމާ ލިބޭ ފައިދާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުންނަށް އަޑު އުފުލޭނެ. ދާއިރާގެ އަޑު އުފުލޭނެ. ހާއްސަކޮށް ސަރުކާރުން މި ކުރާ ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް އަޑު އުފުލޭނެ،" ޔާމީން ވިދާޅުވެފައިވެއެވެ.

އެމްއެންޕީއަށް ގޮނޑި މުހިންމު ވަނީ ކީއްވެ؟

މިދިޔަ އަހަރު ވުޖޫދުވެގެން އައި އެމްއެންޕީންވެސް މިވަނީ ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެފައެވެ. އެގޮތުން ޕާޓީ ޓިކެޓްގައި ހަންނާނު ނެރެ، ކެމްޕެއިން އަންނަނީ ވަރަށްވެސް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވާ ބޮޑު ޓީމެއް އެދާއިރާގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައިވެއެވެ.

އެމްއެންޕީއަށް މި ގޮނޑި މުހިންމުވާ ދެ ސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް ފިޔަވައި އެހެން ގޮތެއް ހޯދައިދިނުމެވެ. އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް "ޗޮއިސް" ނޫންކަން އަންގައިދިނުމެވެ.

"އެމްއެންޕީގެ އަމާޒު ވަރަށް ސާފު. އަނެއް ދެ ކެންޑިޑޭޓް ބަލިކޮށް އިންތިހާބު ކާމިޔާބުކުރުން. ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރުން. ހައްގުމިންވަރު ހޯދައިދިނުމަށް ވަކާލާތުކުރުން. އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުން،" ރިޔާޒް ވިދާޅުވެފައިވެއެވެ.

ދެވަނަ ކަމަކީ މަޖިލީހުގައި އެޕާޓީގެ ބާރު ގަދަކުރުމެވެ. މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެންބަރުންނެވެ. އެހެންކަމުން މި ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް އެޕާޓީ ވުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް އެޕާޓީގެ އިސް ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

އަސްލު މި ގޮނޑި މިހާ މުހިންމު ވަނީ ކީއްވެ؟

ކޮމަންޑޫ ދާއިރާގެ ގޮނޑި ތިން ޕާޓީއަށްވެސް އަސްލު މުހިންމުވާ ވަރަށް ބޮޑު ސަބަބެއް އެބައޮތެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި އިންތިހާބަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ "ޓްރެއިލާ" އެވެ. މި އިންތިހާބަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ޓެސްޓެވެ.

ރައްޔިތުން މަޖިލީހަށް ބަލައިލާއިރު، 89 ގޮނޑީގެ ތެރެއިން 64 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ލިބިފައި ވަނީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށެވެ. 64 މެންބަރުންނާ އެކު ސަރުކާރުން މިހާރުވެސް ބޭނުން ބިލެއް ފާސް ކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައްވެސް ފަސޭހަ ކަމާއެކު ހިންގޭނެއެވެ. ނަމަވެސް 65 ވަނަ ގޮނޑިން ސަރުކާރަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟

މި ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރަށް ރައްޔިތުންގެ ތާއީދު އަދިވެސް އޮތްކަން ސާފުކޮށްދެވޭނެއެވެ. 2023 ވަނަ ރިޔާސީ އިންތިހާބުގައި ކޯލިޝަނަށް ރައްޔިތުންގެ ތާއީދު އޮތްކަމުގެ ކަށަވަރުކަން ލިބިދޭ ގޮނޑިއަށް މި ގޮނޑި މިއޮތީ ވެފައެވެ.

"ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ރައްޔިތުން ބޭނުންވާ މިސްރާބު ސާފުވުމަށް މުހިންމު އިންތިހާބެއް. ރައްޔިތުން ބޭނުންވަނީ ހުދުމުހުތާރުކަންތޯ ނުވަތަ ހަލާލު މަސައްކަތްކޮށްގެން ހަރަދުބަރަދު ބެލެހެއްޓޭ ދިރިއުޅުމެއްތޯ ސާފުވާން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ވިސްނުމަކީވެސް އެއީއެވެ. އެގޮތުން ކޮމަންޑޫ ދާއިރާ އިން މާދަމާގެ ބައި އިލެކްޝަނުގައި އިއްވާނީ ދިވެހި ރައްޔިތުންގެ ބަސް ކަމަށާއި ވޯޓުން ދައްކައިދޭނީ މުޅި ރާއްޖޭގެ ރައްޔިތުން ތިބި ގޮތުގެ މިސްރާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

"މި މަހުގެ ފަސް ވަނަ ދުވަހު ލާ ވޯޓަކީ ހަމައެކަނި އުސްތާޒު މޫސާ ފަތުހީ ހޮވަން ލާ ވޯޓެއް ނޫން. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިޔާ 2023 ގައި ގާނޫނީ ގޮތުން އެހެން ސަރުކާރެއް ގެނައުމަށްޓަކައި ކުރާ މަސައްކަތުގައި އަޅާ ބިންގާ. އެ ބިންގާ އަޅާނީ މި ދާއިރާ އިން އަޅުގަނޑުމެން،" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާންކޮށްފައިވާ ޕީއެންސީގެ ވެސް މިސްރާބަކީ އެއީއެވެ. އެމްޑީޕީ އާއި ޕީޕީއެމް ނޫން ގޮތެއް ހޯދައިދީ، އެޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަން ރައްޔިތުންނަށާއި އެހެން ޕާޓީތަކަށް ދައްކައިދިނުމެވެ.

ދެން އޮތީ ބޮޑު ސުވާލު: ގޮނޑި ލިބޭނީ ކޮންބަޔަކަށް؟

ދެން އޮތް އެންމެ ބޮޑު ސުވާލަކީ އިންތިހާބު ކާމިޔާބު ކުރާނީ ކޮން ޕާޓީއަކުން ހެއްޔެވެ؟ އެންމެ ފަހުން މި ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. އެޕާޓީން މިގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީން ނުކުތް ކެންޑިޑޭޓް ބަލި ކުރުމަށްފަހުއެވެ. އެގޮތުން އެފަހަރު ވޯޓް ލުމުގެ ހައްގު ލިބިގެންވާ 3217 މީހުންގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ 1553 ވޯޓެވެ.

އެހެންކަމުން މިފަހަރުވެސް އެމްޑީޕީން އަލުން ގޮނޑި ކާމިޔާބު ކުރުން ގާތެވެ. ސަބަބުތަކުގެ ތެރޭގައި އަވަހާރަވި ހުސެއިން ވަހީދަށް އެދާއިރާގެ ރައްޔިތުންގެ އޮތް ލޯތްބަކީ އޭގެ އެއް ސަބަބު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެމްޑީޕީގެ މެޖޯރިޓީ މި ދާއިރާގައި ކުރީން އޮތްކަން އެނގޭން އޮތުމަކީ އެގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

"އަވަހާރަވި ހުސެއިން ވަހީދަކީ އެދާއިރާގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ބޭފުޅެއް. އަދި އެދާއިރާއަކީ އެމްޑީޕީގެ ދާއިރާއެއް. އެކަން ކުރީގެ ނަތީޖާއިންވެސް ސާފު. އެހެންވީމަ ހަމަ ގާތީ އެމްޑީޕީން މި ގޮނޑި ކާމިޔާބު ކުރުން،" ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅަކު ވިދާޅުވެފައިވެއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ކުރީން އެގޮނޑި ލިބިފައިވަނީ އިދިކޮޅު ޕީޕީއެމުން އެދާއިރާއަށް ކުރިމަތިލާފައި ނުވާތީއެވެ. އަދި އެދާއިރާއަކީ ޕީޕީއެމްގެ ސަޕޯޓަރުން ގިނަ ދާއިރާއެއް ކަމަށާއި ވަކީން ހާއްސަކޮށް ސަރުކާރާމެދު ހިތްހަމަ ނުޖެހި ކުރިން އެމްޑީޕީއަށް ވޯޓް ދިން މީހުންވެސް މިފަހަރު ޕީޕީއެމަށް ވޯޓް ދޭނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.

ދެން އޮތީ އެމްޑީޕީ އާއި ޕީޕީއެމާ މެދު ހިތް ހަމަ ނުޖެހޭ މީހުން ގިނަ ކަމަށް ބުނާ ސަބަބެވެ. އެދާއިރާގައި ގިނައީ އެ ދެޕާޓީ ނޫން ގޮތެއް ބޭނުންވެފައި ތިބި މީހުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން އެމްއެންޕީން އެގޮނޑި ކާމިޔާބު ކުރުމަކީ ވެގެންދާނެ ގޮތް ކަމަށް ގަބޫލު ކުރާ ބަޔަކުވެސް އެބަ ތިއްބެވެ.

ކޮންމެއަކަސް މާދަމާއަކީ ވަރަށް ބޮޑު އިމްތިހާނެކެވެ. މުޅި ރާއްޖެ އިންތިޒާރު ކުރާ ބޮޑު ދުވަހެކެވެ. ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހު ހަލަބޮލި ކޮށްލާނެ ދުވަހެވެ. ކޮމަންޑޫ ދާއިރާގެ އިންތިހާބުން ސަރުކާރުގެ ބާރު އޮތްކަން ދައްކައިލެވޭނެ ހެއްޔެވެ؟ ނޫނީ ކޯލިޝަން ލަދު ގަންނަވާލާނެ ދުވަހަކަށްވާނެ ހެއްޔެވެ؟ ޕީޕީއެމަށް އޮތް ސަޕޯޓް އަލުން ދައްކައިލެވޭނެ ހެއްޔެވެ؟ ނޫނީ އަލަށް އުފެއްދި އެމްއެންޕީގެ ބާރު ހުރިވަރު ދެއްކޭނެ ހެއްޔެވެ؟ ހުރިހާ ސުވާލެއްގެ ޖަވާބުވެސް މާދަމާގެ އިންތިހާބުން ލިބިގެންދާނެއެވެ. އެންމެން ތިބީ އެކަމަށް ކެތް މަދުވެފައެވެ. މިއީ 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ޓެސްޓެވެ.