ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަނީ، ވަކި ބަޔަކަށް ފިޔަވަޅު އަޅައި، ވަކި ޕާޓީއަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދިނުމަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓިތަކުގެ ގާނޫނަށް ގެންނަން އިލެކްޝަންސް ކޮމިޝަން (އިސީ)ން ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭގޮތުން، ސިޔާސީ ޕާޓީތަކާއެކު މިއަދު ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ގާނޫނަށް އިސްލާހު ގެންނަން އީސީން ކުރާ މަސައްކަތަކީ، ވަކި ބަޔަކަށް ފިޔަވަޅުއަޅައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދިނުން ކަމަށް އެއްވެސް ފަރާތަކުން ދެކިގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ގަވާއިދުތަކާއި ގާނޫނުތަކާ އެއްގޮތަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ހިންގަން އީސީން އަބަދުވެސް ހިތްވަރުދޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގާނޫނަށް އީސީން ހުށަހަޅާފައިވާ އިސްލާހު ގެންނަން ކުރާ މަސައްކަތަކީ، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް، އެއްވެސް ފަރާތެއްގެ ސްޕޮންސާޝިޕެއް އަދި އެއްވެސް ފަރާތަކުން މިކަންކުރަން އަންގައިގެން ކުރާ ކަމެއްް ނޫން ކަމަށެވެ. އެކަމަކީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމށްވެސް ޝަރިފް ވިދާޅުވިއެވެ.

ގާނޫނަށް ގެންނަން އީސީން ކަނޑައަޅާފައިވާ އިސްލާހުތަކަށް ސިޔާސީ ޕާޓީތުކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިއަދު ކުރިއަށް ގެންދާ ބައްދަލުވުމުގައި ހުރިހާ ސިޔާސީ ޕާޓިތަކަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި އީސީގެ ކަރުދާހަށް ބައެއް އިސްލާހުތައް ސިޔާސީ ޕާޓިތަކުން އަންނަނީ ހުށަހަޅަމުންނެވެ.

ޝަރީފް ވިދާޅުވީ، ގާނޫނަށް އީސީން ހުށަހަޅަން ހިިމަނާފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތަކުގެ އަސާސީ ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތަކާއި ޕާޓީތަކަށް ސަރުކާރުން ދޭ ފައިސާގެ އެހީ ދިނުމާބެހޭ މާއްދާތަކަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ އިތުރުން ނޭނގި ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ޕާޓިއާ މެދު ފިޔަވަޅު އަޅާ ގޮތް ބަދަލުކުރަން ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ޕާޓީގެ މަގާމުތަކުގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސް ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ހިިމެނޭ ކަމަށެވެ.