ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލު ރައީސްގެ ގޮނޑި ގެއްލުނު ޝުޖާއު އަލީ، އަލުން އެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.

ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީގެ ގޮނޑި ގެއްލުނީ ދަ ޑިމޮކްރެޓްސްއިން އިންތިހާބުވުމަށްފަހު، އެމްޑީޕީއަށް ގުޅުމުންނެވެ. މިއަދު ބޭއްވި ބައި-އިލެކްޝަންގައި ވ. ތިނަދޫ ކައުންސިލު ރައީސްގެ މަގާމަށް ޝުޖާއު ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.

މި އިންތިހާބުގައި ޝުޖާއުއާ ވާދަކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީ ޓިކެޓުގައި ނުކުތް ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި ރަސްމީކޮށް ވޯޓުގެ ނަތީޖާތައް އިއުލާންކޮށްފައެއް ނުވެއެވެ.

ޝުޖާއު ގޮނޑި ކާމިޔާބުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ ވިދާޅުވެފައެވެ. އަދި ވަށަފަރު ޑަބްލިޔުޑީސީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ރިޝްމާ އާދަމަށް ވެސް ވަނީ މަރުހަބާ ވިިދާޅުވެފައެވެ.

މިއަދު ކުރިއަށްދިޔައީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަންގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަނެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3776 ފަރާތަކަށް ލިބިގެންވެއެވެ. އެގޮތުން ތިނަދޫން 185 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ވަށަފަރުން 688 އަށް މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ކުޑަފަރީން ވޯޓުލުމުގެ ހައްގު 653 މީހަކަށް ލިބުނެވެ.