މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި މިހާތަނަށް ވޯޓުލާފައިވަނީ 19 ޕަސެންޓް މީހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ކުރިއަށްދާ އެ އިންތިހާބުގައި 12 ޖެހުމާ ހަމައަށް 721 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓު ލެވޭ މީހުންގެ 19 ޕަސެންޓެވެ.
ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 329 އަންހެނުންނާއި 392 ފިރިހެނުންނެވެ. 3055 މީހުން ވޯޓުލާފައެއް ނުވެއެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3776 ފަރާތަކަށް ލިބިގެންވެއެވެ. އެގޮތުން ތިނަދޫން 185 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ވަށަފަރުން 688 އަށް މީހަކަށް ވޯޓު ލެވޭނެއެވެ. ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ކުޑަފަރީން ވޯޓުލުމުގެ ހައްގު ލިބެނީ 653 މީހަކަށެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން ބާއްވާ އެ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންއެވެ.
މީގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަން ވެސް ހިމެނެއެވެ.
މި ބައި އިލެކްޝަނުގައި އަތޮޅުތެރޭގައި ފަސް ވޯޓުފޮށި އަދި ގްރޭޓާ މާލެ ސަރަހައްދުގައި ފަސް ވޯޓުފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ.
ކޮމެންޓް