ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މުހިންމު ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގަތުމަށް ފަހުއެވެ. މި ސަރުކާރުގެ ވެރިކަމަށް ދޮޅު އަހަރެއްހާ ދުވަސްވެފައިވާއިރު ސަރުކާރާ މެދު ކަމެއް ޖަޖް ކުރާން އެކަށީގެމްވާ ޓެސްޓެއް އަދި ކޮށް ނުލެވޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކިފަރާތްތަކުން ސަރުކާރަށް ފާޑުކިޔުމަށް އެކިވާހަކަ ދައްކަމުން އަންނައިރު، މިފަހަކަށް އައިސް ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ދެމީހަކުވެގެން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެއެވެ. މި މައްސަލައިގައި ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރެއް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލީ ކަނބަލެއްގެ ފިރިކަލުންނާއި އިތުރު ފިރިހެނަކަށެވެ. އެ މައްސަލައިގައި އެ ދެމީހުންނަށް އެއްވެސް އަދަބެއް ނުލިބި ސަލާމަތްވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުލުސް އޮފީހަށް ނުފޫޒު ފޯރުވައިގެންކަމަށް ބައެއް އާންމު ރައްޔިތުންގެ އިތުރުން އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމް އިންވެސް ދަނީ ބުނަމުންނެވެ. އެ މައްސަލަ އެތައް ތަނަކުން ބަލުން އަންނަ އިރު، ކަމުގެ ހަގީގަތް އަދި ވަނީ ތިލަވާ ގޮތެއް ނުވެފަ އެވެ.

ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވައި ސަރުކާރުން ބުނެފައިވަނީ، މި ސަރުކާރުން ޖިންސި ގޯނާއާއި ފުރައްސާރައިގެ މައްސަލަތަކަށް ގެންގުޅޭނީ ޒީރޯ ޓޮރަލެންސް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނަށް ކުރާ ގޯނާއާއި ފުރައްސާރައިގެ މައްސަލަތަކުގައި ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. ޖިންސީ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތަކަށް ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ކަމަށް ބުނި ނަމަވެސް އެކަން އަމަލުން ނުދެއްކޭ ކަމަށް ބައެއް ރައްޔިތުން ބުނެއެވެ. ހާއްސަކޮށް މިފަހުން ޖިންސީ ފުރައްސާރައިގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިއިރު، އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދަނީ ބަރަވެލި ދުވެލީގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަތައް އިތުރުވަމުންދަނީ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާތީ ކަމަށާއި އެފަދަ ބައެއް މައްސަލަތަކުގެ ހަގީގަތް ސިއްރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނަމުންދާއިރު ރޭ ފެނިގެން މި ދިޔައީ، ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު ރޭ އެންގެވި ތަނެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން އިއްޔެގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާވެސް ބައްދަލުކުރެއްވިއިރު، ރައީސް އެ މުވައްޒަފުންނާއި ބައްދަލުކުރެއްވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ޖިންސީ ގޯނާކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ރައީސް ސޯލިހުއާ ބައްދަލުކޮށް، ހިއްސާކޮށްފައިވާއިރު، މުވައްޒަފުންގެ ތުހުމަތުތައް ވަރަށް ވެސް ސީރިއަސް ކަމަށް "ވަން" އަށް ވަނީ އެނގިފައެވެ. އަދި މި ބައްދަލުވުމުގައި މުވައްޒަފުން ދެއްކި ވާހަކަތައް އަޑު އެއްސެވުމަށްފަހު ރައީސް ސޯލިހަށް ކީރިތިކުރެއްވެވުނު ކަމަށްވެސް އިތުބާރު ހުރި މަސްދަރަކުން ވަނީ "ވަން"އަށް މައުލޫމާތު ލިބިފައެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތި ވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން ރޭ ބުނީ "‎‏ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެކަން މިވަގުތު ގެންދަނީ ބަލަމުން" ކަމަށެވެ. ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިިނިސްޓްރީގެ މީޑިއާ އޮފިޝަލު ނުދެއްވި އެވެ. ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްތޯ އެހުމުން އެޔަށްވެސް ޖަވާބެއް ނުދެއްވި އެވެ.

ފުލުހުންގެ މީޑިއާއިން ރޭ ބުނީ މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. "ވަން"އަށް މައުލޫމާތު ދެމުން ސަރުކާރުގެ އޮފިޝަލަކު ބުނީ، އަލީ ވަހީދާ އެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މީގެ ކުރިންވެސް އެކި ތަންތަނުގައި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަލީ ވަހީދުގެ ފުށުން އެކި ކަހަލަ ޖިންސީ ގޯނާ ކުރިމަތިވަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އޭނާއަށް އެންގެވި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.

އަލީ ވަހީދު ވަނީ، މަގާމުން އިސްތިއުފާދެއްވަމުން ވަދާއީ މެސެޖެއް ރޭ ކުރައްވައިފަ އެވެ. އެ މެސެޖުގައި އަލީ ވަހީދު ވިދާޅުވީ، ގައުމަށް ހިދުމަތް ކުރެއްވުނީތީ ފަހުރުވެރިވަޑައިގަންނަވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައިގެން އަލީ ވަހީދު، އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވުމާއެކު، ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވުން "ޖިންސީ ގޯނާ އާއި ފުރައްސާރައަށް" މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ކަން ކަށަވަރުވެގެންގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ވަކީން ހާއްސަކޮށް އަލީ ވަހީދާ މެދު ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ އިރު، ރައީސް ސޯލިހުގެ މި ނިންމެވުމަށް ޓަކައި ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ތައުރީފުކޮށް ދެއްކެވި ހިތްވަރު ފާހަގަކޮށްފަ އެވެ. މީސް މީޑިއާގައި ހުރި އާންމު ކޮމެންޓުތަކުން ދޭހަވި އެއް ކަމަކީ ރައްޔިތުން އެދެނީ މި ފަދަ ސީރިއަސް ކަންކަމުގައި ފިޔަވަޅު އެޅުން ކަމެވެ. އުނދަގޫފުޅު ނަމަވެސް، ސާބިތުވާ ވަރަށް މިފަދަ ސީރިއަސް މައްސަލަތައެއް ހުރެއްޖެ ނަމަ، އެއީ ވަޒީރެއް ވިޔަސް ފިޔަވަޅު އަޅުއްވާނެކަން ރައީސް ސޯލިހު ސާބިތުކޮށްދެއްވުމުން އިންސާފުގެ އުއްމީދު އާވެއްޖެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

މިފަދަ އެތައް ކަމެއް ތި ނޫނަސް އެބަހުރި ކަމަށާއި އެކަންކަމަށް ފިޔަވަޅު ނޭޅެނީ ކީއްވެތޯ އެއް ބަޔަކު ސުވާލު އުފައްދާ އިރު، އެހެން ބައެއް މީހުން ވަނީ އެކަންކަމަށް ސޯޝިއަލް މީޑިއާގައި ޖަވާބުވެސް ދީފަ އެވެ. ޖަވާބުދޭ މީހުން ބުނާގޮތުގައި، ޝަރުއީ ހުކުމެއް ނެތް ކޮންމެ ހާލަތެއްގައި ކޮންމެ މީހަކީވެސް ކުށެއް ނެތް މައުސޫމް މީހެއްކަން ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަމަށާއި، އެހެން ކަމުން ހުކުމަކާ ނުލައި މީހަކު މަގާމަކުން ވަކިކުރުން ފަދަ ކަމެއް މީހަކު ޝަކުވާއެއް ހުށަހަޅާ ކޮންމެ ހާލަތެއްގައި ނުުކުރެވޭނެކަން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

މި ދުވަސްވަރު މީހުންގެ އަގު ވައްޓާލަންވެސް އެކި ކަހަލަ ގޭމްތައް އެބަ ކުޅޭ، އޭނަ ލާރި ކައިފިއޭ، މިވެނި މީހަކު ތިމަންނަޔާ ބެހެފިޔޭ، މިފަދަ ކިތަންމެ ޝަކުވާއެއް އެބަ ކުރޭ، ރާވައިގެންވެސް މިކަންކަން އެބަދޭ، އެހެންވީމަ ޝަކުވާއެއް ލިބިވަޑައިގަންނަވާ ކޮންމެ ފަހަރަކު މީހުން ވަތްކެއް ނުކުރެވޭނެ. ސާބިތުކުރެވޭ މިންވަރަށް ހަރުދަނާ ހެކިވެސް ހުންނަން ޖެހޭނެ." ގާނޫނީ ވަކީލަކު އޭނާގެ ހިޔާލު ކިޔައިދިނެވެ.

ކޮންމެޔަކަސް އަލީ ވަހީދު ވަޒީރުކަމުން ވަކި ކުރުމަކީ ރައީސް ސޯލިހު އެޅުއްވި ފަސޭހަ ފިޔަވަޅެއް ކަމަކަށް ނުބެލެވެ އެވެ. އެކަމަކު އުނދަގޫ ނަމަވެސް އެއީ ހިތްވަރުފުޅު ގަދަ، އިންސާފުވެރި ނިންމެވުމެއް ކަމަށާއި ރައީސް ސޯލިހުގެ މި ނިންމެވުމަކީ ޖިންސީ ގޯނާއާއި ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމުގެ އުއްމީދު އާކޮށްދޭ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.