އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ބައްދަލުވުން އިރާގުގެ ވެރިރަށް ބަޣުދާދުގައި މި އޮކްޓޫބަރު ސަތާރައިން އަށާރައަށް ވަނީ ބޭއްވިފައެވެ. މިފަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ މަޝްވަރާޔާއި ދެނެގަތުމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ސުލްހައަށް މުހިންމު ތަނބުތަކެކެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ އިރާގުންނެވެ. އޭގެ ކުރިން ރިޔާސަތު ބެލެހެއްޓީ ތުރުކީވިލާތުންނެވެ. މި ސަމިޓުގެ އެޖެންޑާގައި ހިމެނުނު މުހިންމު ކަންކަމަކީ ގާޒާޔާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރި ހުރަސްތައް ނައްތާލުމާއި އީރާނު، ލުބުނާނު، ޔަމަން އަދި ސީރިޔާ ފަދަ ތަންތަނުގައި ހިގަމުންދާ ހަގުރާމަތަކާއި ދުނިޔޭގެ ސުލްހައެވެ. އިގްތިސާދީގޮތުން އެއްބާރުލުންދީ އެހީތެރިވުމާއި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރުމާއި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ވާހަކަތަކެވެ.

މި ސެޝަނަށް ހުށައެޅުނު އެންމެ މުހިންމު އެއް ހުށައެޅުމަކީ އޯއައިސީގެ މެންބަރު ގައުމުތައް ރެއިލްވޭ ނެޓްވާކަކުންނާއި ޓްރާންސްޕޯޓް ކޮރިޑޯތަކުން އަދި ޑިޖިޓަލް ކޮމިނިކޭޝަން ޕޭމަންޓް ޕްލެޓްފޯމްތަކުން ގުޅައިލުމުގެ ހުށަައެޅުމެކެވެ. މިއީ އިރާގުގެ ހުށައެޅުމެކެވެ. މި ސެޝަންގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ވާލިދު ޝައިޚު އަހުމަދާއި މެންބަރު ގައުމުތަކުގެ ޚާރިޖީވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ވާލިދަކީ މޮރިޓޭނިއާގެ ކުރީގެ ޚާރިޖީވަޒީރެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޔަމަނަށް ކަނޑައެޅިފައި ހުންނަ ޚާއްސަ މަންދޫބުގެ މަގާމުވެސް އޭނާ ފުރުއްވިއެވެ. އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިޚާބު ކުރެވުނީ މީގެ ދެމަހެއްހައި ދުވަސް ކުރިން ސައޫދީއަރަބިޔާގެ ޖިއްދާގައި ބޭއްވުނު އޯއައިސީގެ ޚާރިޖީވަޒީރުންގެ އިމަޖެންސީ ކުއްލި ބައްދަލުވުމުގައެވެ. މި ސެޝަންގައި އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރާގްޗީއާއި ތުރުކީވިލާތުގެ ޚާރިޖީވަޒީރު ހަކާން ފިދާންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައްބާސް އަރާގްޗީ ވަނީ މި ސެޝަނުގައި ވަރަށް މުހިންމު ތަގުރީރެއް ކުރައްވައިފައެވެ. އެ ތަގުރީރުގައި އީރާނާއި އެމެރިކާގެ ހަގުރާމަ ހުއްޓާލުމަށް އީރާނު އެއްބަސްވާނެ ގޮތްތަކާއި ކުރެވެމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކާއި ޔަމަނާއި ލުބުނާނުގެ ހަގުރާމައަށް ނިމުން ގެނައުމުގެ ވާހަކަތައް ބަޔާން ކުރެެއްވިއެވެ. އީރާނުގެ ސިޔާސަތު ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވިއެވެ. އޯއައިސީގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނެނީ އިސްލާމީ ދުނިޔޭގެ 57 ގައުމަކެވެ. ދެންތިބީ އޮބްޒާރވަރ ދަރަޖައިގެ ފަސް ގައުމެކެވެ. އެއީ ރަޝިޔާ، ތައިލެންޑް، ބޮސްނިޔާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި އުތުރު ސައިޕްރަސްއެވެ. މިއީ ތުރުކީވިލާތް ނޫން ގައުމަކުން ގަބޫލުކުރާ ދައުލަތެެއް ނޫނެވެ. އޯއައިސީ އުފެދުނީ 1969 ވަނަ އަހަރުއެވެ. މި ޖަމާއަތުގެ ހެޑްކުއާޓަރު ހުންނަނީ ސައޫދީއަރަބިޔާގެ ޖިއްދާގައެވެ. އޯއައިސީގެ ފުރިހަމަ މެންބަރުންގެ ގޮތުގައި ހިމެނޭ 57 ގައުމުގެ ތެރޭގައި މުސްލިމުންނަށް އަޣުލަބިއްޔަތު ލިބިފައިނުވާ ދިހަ ގައުމެއްވެސް ވެއެވެ.

އެއީ ކްރިސްޓިއަނުންނަށް އަޣުލަބިއްޔަތު އޮންނަ އެފްރިކާގެ 8 ގައުމަކާއި ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ދެ ގައުމެކެވެ. އެ ދެގައުމަކީ ސުރިނަމާއި ގަޔާނާއެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަނީ އިންޑިޔާގައެވެ. އެތާގައި ދުއިސައްތަ މިލިޔަނަށްވުރެ ގިނަ މުސްލިމުން އުޅެއެވެ. އެކަމަކު އިންޑިޔާއަކީ އޯއައިސީގެ ފުރިހަމަ މެންބަރެއް ނޫނެވެ. އަދި އޮބްޒާރވަރ ދަރަޖަ ލިބިފައިވާ ގައުމެއްވެސް ނޫނެވެ. މީގެ މާނަޔަކީ އޯއައިސީގައި ބައިވެރިވުމުގެ ޝައުގުވެރިކަން އިންޑިޔާގެ ކިބައިގައި ނެތުމެއް ނޫނެވެ. އޯއައިސީގައި އެއްވެސް ހައިސިއްޔަތަކުން އިންޑިޔާ ބައިވެރި ކުރުމަށް ޕާކިސްތާން ނުރުހެއެވެ. އޯއައިސީ އުފެދިގެން މޮރޮކޯގެ ވެރިރަށް ރަބާތުގައި 1969 ވަނަ އަހަރު ބޭއްވުނު އެންމެ ފުރަތަމަ ސަމިޓުގައި ބައިވެރިވުމަށް އިންޑިޔާއަށް ދައުވަތު ދެވުނެވެ. އަދި އިންޑިޔާއިން ވަފުދެއްވެސް ފޮނުވިއެވެ. އެކަމަކު ޕާކިސްތާނުގެ ދެކޮޅުހެދުންތައް ބޮޑުވުމުން އިންޑިޔާގެ ވަފުދު އަނބުރާ ފޮނުވައިލީއެވެ.

ޕާކިސްތާނުން ދެކޮޅުހެދި ކަމަށްވިޔަސް އިންޑިޔާ ވަނީ އެއްފަހަރަކު އޯއައިސީގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމެއްގައި ބައިވެރިވެފައެވެ. އެއީ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުން ބޭއްވުނީ 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައެވެ. އެމިރޭޓްސްއަކީ އިންޑިޔާގެ ވަރަށް ގާތް މިތުރަކަށްވުމާއެކު އިންޑިޔާއިން އެފަހަރު ބައިވެރިވީ ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައެވެ. މި ބައްދަލުވުމުގައި އިންޑިޔާ ތަމްސީލު ކުރެެއްވީ ޚާރިޖީވަޒީރު ސުޝްމާ ސުވަރާޖެވެ. އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުމަކީ ކޮންމެ އަހަރަކު އެއްފަހަރު އޮންނަ ބައްދަލުވުމެކެވެ. ހުސްވި އަހަރު މި ބައްދަލުވުން ބޭއްވުނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ. މިއީ އޯއައިސީގެ ޗާޓަރުގެ ދަށުން އަހަރަކު އެއްފަހަރު ބޭއްވުން ލާޒިމު ބައްދަލުވުމެކެވެ.

މީގެ އިތުރަށްވެސް އދ.ގެ އާއްމު ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގެ އަރިމަތިން އޯއައިސީގެ މެންބަރު ގައުމުތަކުގެ ޚާރިޖީވަޒީރުންގެ ބައްދަލުވުމެއް އެމެރިކާގެ ނިއުޔޯކުގައި އޮވެއެވެ. އަދި އިސްލާމީ ދުނިޔެއަށް މުހިންމު ކަންތައްތަކެއް ކުރިމަތިވެއްޖެނަމަ އިމަޖެންސީ ކުއްލި ބައްދަލުވުންތައްވެސް ބާއްވައެވެ. އޯއައިސީގެ އެންމެމަތީ ނިންމުންތައް ނިންމަނީ މެންބަރު ގައުމުތަކުގެ އެންމެމަތީ ވެރިންގެ ސަމިޓުގައެވެ. މި ސަމިޓު ބާއްވަނީ ކޮންމެ ތިން އަހަރަކުން އެއްފަހަރުއެވެ. އެންމެފަހުން އޯއައިސީގެ ސަމިޓެއް ބޭއްވުނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގެމްބިއާގެ ވެރިރަށް ބަންޖޫލްގައި 2024 ވަނަ އަހަރުއެވެ. އެއީ ފަނަރަ ވަނަ އޯއައިސީ ސަމިޓެވެ. ދެން އެންމެ އަވަހަށް އޯއައިސީގެ އެންމެ އިސްވެރިންގެ ސަމިޓެއް ބޭއްވޭނީ 2027 ވަނަ އަހަރު އަޒަބައިޖާނުގެ ވެރިރަށް ބާކޫގައެވެ.