ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ކުރީގެ ފަޑިޔާރެެއް ކަމަށްވާ ދެކުނު އެފްރިކާގެ ނަވީ ޕިއްލޭއަށް ނޯބަލްގެ ސުލްހައިގެ އިނާމު ދިނުމަށް ނޯބަލް ކޮމިޓީން ނިންމިތާ އިރުކޮޅެއްފަހުން އިވިގެންދިޔައީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅި ކަމުގެ ވާހަކަތަކެވެ. އެމެރިކާއިން ދަތިކުރުމުގެ އެކިކަހަލަ ފިޔަވަޅުތައް މިހާތަނަށް އަޅަމުންއައީ މި ކޯޓުގެ އެކި ފަޑިޔާރުންނާ ދެކޮޅަށެވެ. އެކަމަކު މިފަހަރު ފިޔަވަޅު އެޅީ މުޅި ކޯޓާ ދެކޮޅަށެވެ. ކޯޓުގެ މުޅި ނިޒާމާއި އެކޯޓަށް ނިސްބަތްވާ އެންމެނާ ދެކޮޅަށެވެ. ނަވީ ޕިއްލޭއަށް ނޯބަލްގެ ސުލްހައިގެ އިނާމު ލިބޭކަން އިއުލާންކުރީ ހުކުރު ދުވަހުއެވެ. ކޯޓާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅީވެސް ހަމައެދުވަހުއެވެ. ޕިއްލޭއަކީ މިވަގުތު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭގެ ފަޑިޔާރެކެވެ. އައިސީޖޭ މަޝްހޫރުވެފައި ވަނީ ދުނިޔޭގެ ކޯޓުގެ ނަމުންނެވެ. މިއީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ތަފާތު ކޯޓެކެވެ. މި ދެކޯޓުވެސް ގާއިމުވެގެންވަނީ ހޮލެންޑުގެ ސަހަރެއް ކަމުގައިވާ ދަހޭގުގައެވެ.

ނަވީ ޕިއްލޭއަށް ނޯބަލްގެ ސުލްހައިގެ އިނާމު ދޭން ނިންމީ ކީއްވެގެން ބާވަައެވެ. އެ ސަބަބު ވަރަށްވެސް ސާފެވެ. މި އިނާމު ލިބޭ ފަރާތް ކަޑަައަޅަނީ ނޯބަލް ޕީސް ޕްރައިޒް ކޮމިޓީންނެވެ. އެ ކޮމިޓީއަކީ ނޯވޭގެ ސަރުކާރުން އައްޔަންކުރާ ކޮމިޓީއެކެވެ. އެކޮމިޓީގެ ޗެއަރމަން ވިދާޅުވީ ނަވީ ޕިއްލޭއަށް މި އިނާމު ދޭން ނިންމީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާއި ދުނިޔޭގެ ކޯޓާއި އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް ފަދަ އިދާރާތަކަށް ދުނިޔޭގެ ބައެއް ގައުމުތަކުން ދަތިކޮށް ފިއްތުންތައް ކުރިމަތިކޮށްފައިވާތީ ނޯބަލް ކޮމިޓީއާއި ބައިނަލްއަގުވާމީ މުޖުތަމައު އޮތީ މި އިދާރާތަކާ އެއްކޮށްކަން ހާމަކުރުމަށްޓަކައެވެ. ނަވީ ޕިއްލޭއަށް އިނާމު ދޭން ނިންމީ އެހެންވެގެން ކަމުގައެވެ. މިއީ ބައިނަލްއަގުވާމީ އަދުލުގެ ނިޒާމަށް ދެވޭ އެވޯޑެއް ކަމުގައެވެ. ދުނިޔޭގައި ސުލްހަ ގާއިމުކުރެވޭނީ އިންސާފާއި ހަމަހަމަކަން ކަށަވަރުވެގެން ކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަގުވާމީ އަދުލުގެ ނިޒާމަށް މި އެވޯޑުދޭން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް ނޯބަލް ކޮމިޓީގެ ވެރިޔާގެ ވިދާޅުވުމުން މިކަމަކީ އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ނިންމި ނިންމުމެއްކަން އެނގެއެވެ. މިއީ ޓްރަމްޕަށް ދިން ރައްދެއްކަންވެސް އެނގެއެވެ. ދެން އިވިގެންދިޔައީ މި ރައްދަށް ޓްރަމްޕުގެ ޖަވާބެވެ. އެއީ މުޅި ކޯޓާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ. ކުރިއަށްވުރެ މާފުޅާކޮށް މާބޮޑުކޮށް މާވަރުގަދަކޮށެވެ. އެމެރިކާއިން އޭސީސީއާ ދެކޮޅަށް އަލަށް އަޅާ ފިޔަވަޅުތައް އިއުލާނު ކުރީ އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯގެ ފަރާތުން ނެރުނު ސްޓޭޓްމަންޓެއްގައެވެ. އޭނާ ބުންޏެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް، އައިސީސީއަކީ މުޅިން ފޭކް ކޯޓެކެވެ. ނިޒާމުން ބޭރުވެފައިވާ ކޯޓެކެވެ. އެ ކޯޓު ހަމަމަގަށް އެޅެންދެން ނުވަތަ ވުޖޫދުންވެސް ފޮހެލެވެންދެން އެމެރިކާއިން ފިޔަވަޅުތައް ދަމަހައްޓާނެއެވެ. އެކޯޓު އޮޕަރޭޓް ކުރެވޭނެ އެންމެހައި ދޮރުތައް ބަންދުކުރާނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އައިސީސީއަށް ނިސްބަތްވާ އެއްވެސް މުދަލެއް އަދި ފައިސާއެއް އެމެރިކާގައި ހުރިނަމަ އެއެއްޗެއް ހިފެހެެއްޓޭނެއެވެ.

އައިސީސީއާއެކު އެއްވެސް މުއާމަލާތެެއް ހިންގުންވެސް އެމެރިކާގެ ކުންފުނިތަކަށް މުޅިން މަނާވާނެއެވެ. އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން މިވަގުތު އައިސީސީއަށް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވަނީ ދީފައެވެ. އެ މުއްދަތުގެ ފަހުން ހުރިހާ މުއާމަލާތެއް ހުއްޓައިލަން ޖެހޭނެއެވެ.

އައިސީސީ ނައްތާލަން ރައީސް ޓްރަމްޕު ނިންމި ނިންމުމާމެދު ދުނިޔޭގެ ރައުޔުހުރީ ކިހިނެއް ކޮންގޮތަކަށް ބާވައެވެ. އެމެރިކާގެ މި ނިންމުމަށް ތާއީދުކޮށް ޓްރަމްޕަށް ސަނާކިޔައި ޝުކުރު އަދާކޮށްފައިވަނީ އެންމެ ގައުމަކުންނެވެ. އެއީ އިޒްރޭލެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޝުކުރު އަދާކޮށްފައެވެ. ބުންޏެވެ. އައިސީސީއަކީ ކޯޓެެއްވެސް ނޫނެވެ. އެއީ ސިޔާސީ ގްރޫޕެކެވެ. އެ ގްރޫޕަކީ ދުނިޔޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެކެވެ. ނަތަންޔާހޫ ފިޔަވައި ދެން އެހެން އެންމެން ވަނީ އެމެރިކާގެ ނިންމުމަށް ފާޑިކިޔައިފައެވެ. ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދެންނެވި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އެންމެގާތް މިތުރުންވެސް ހިމެނެއެވެ. އިނގިރޭސިވިލާތް، ޑެންމާކް، ފްރާންސް، ޖާރމަނީ، އިޓަލީ، ހޮލެންޑް، ކެނެޑާ އަދި ޖަޕާނު ފަދަ ގައުމުތަކުގެ ޚާރިޖީވަޒީރުން ވަނީ މި ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އެބޭފުޅުން ވިދާޅުވީ މިއީ ވަރަށް ނުރައްކާތެެރި ނިންމުމެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ކަމުގައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް ވިދާޅުވީ ރައީސް ޓްރަމްޕުގެ ނިންމުމަކީ ބައިނަލްއަގުވާމީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމުގެ އަމަލެއް ކަމުގައެވެ. އެކަމުގެ ސަބަބުން ވަރަށް ކަންބޮޑުވެވަޑައިގެން ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް ސީދާ އައިސީސީންވެސް ވަނީ ބަޔާނެެއް ނެރެފައެވެ. އައިސީސީން ބުނެފައިވަނީ ޓްރަމްޕުގެ އަމާޒަކީ ބައިނަލްއަގުވާމީ ޖިނާއީ އަދުލުގެ ނިޒާމާއި އިންސާފު މުގުރައިލުން ކަމުގައެވެ. މިއީ ނުހަނު ބޮޑަށް ހިތާމަކުރާ ކަމެއް ކަމުގައެވެ.

ނަވީ ޕިއްލޭއަށް ނޯބަލް ޕީސް ޕްރައިޒް ދޭން ނިންމިކަން އިއުލާނު ކުރިތާ އިރުކޮޅެއް ފަހުން އައިސީސީއާ ދެކޮޅަށް މިވަރުފަށެއް އަރުވައިލުމަށް ރައީސް ޓްރަމްޕު ނިންމި ނިންމުމުގެ ފަހަތުގައި އޮތީ މައިގަނޑު ދެ ސަބަބެކެވެ. އެއްސަބަބަކީ އިޒްރޭލާއި ނަތަންޔާހޫ ހިމާޔަތް ކުރުމެވެ. އައިސީސީންވަނީ މީގެ ދުވަސްތަކެއް ކުރިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއްވެސް ނެރެފައެވެ. ދެވަނަ ސަބަބަކީ ޓްރަމްޕަށް ނޯބަލް ޕީސް ޕްރައިޒް ނުލިބި އެ އިނާމު އައިސީސީގެ ކުރީގެ ފަޑިޔާރަކަށް ދޭން ނިންމީމާ އެކަމުގެ ރުޅިއާއި ހަސަދައެވެ. ނޯބަލްގެ އިނާމަކީ ނިކަން ބޮޑަށް ޓްރަމްޕު ބޭނުންވެގެން އުޅޭ އިނާމެކެވެ. ކިތަންމެ ފަހަރަކު އެވާހަކަ ބުނަންވެސް ބުނެފިއެވެ. ބުނެއެވެ. ނޯބަލް ޕީސް ޕްރައިޒް ލިބުން މަށަށްވުރެ އައުލާކަން ބޮޑު އެހެން މީހަކު ނުވެއެވެ. ނަވީ ޕިއްލޭއަކީ ކާކުހެެއްޔެވެ. އަހަރެން އޭނާގެ ނަން ކުރިއަކުން އަޑެއްވެސް ނާހަމެވެ.