އެމެރިކާގެ މިޑްޓާރމް އިލެކްޝަންގައި ނޮވެމްބަރު ތިންވަނަ ދުވަހު ރައްޔިތުން ވޯޓުލާނެއެވެ. މިއީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެޔަށް 435 މެންބަރުން ހޮވުމަށާއި ގާނޫނުހަދާ މަޖިލީހުގެ މަތީގެއަށް 35 މެންބަރުން ހޮވުމުގެ އިންތިޚާބެކެވެ. މަތީގެ ނުވަތަ ސެނެޓުގައި ތިބެނީ ޖުމްލަ ސަތޭކަ މެންބަރުންނެވެ. އެހެންވީމާ މިފަހަރު އެ ހޮވަނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ އެއްބައެވެ. ތިރީގެ ނުވަތަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ތިބެނީ ޖުމްލަ 435 މެންބަރުންނެވެ. މިފަހަރު އެ ހޮވަނީ އެ ގޭގެ އެންމެންނެވެ. މިވަގުތު މި ދެގޭގެވެސް އަޣުލަބިއްޔަތު އޮތީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށެވެ. އެ އަޣުލަބިއްޔަތު ގެއްލި އިދިކޮޅު ޑިމޮކްރެޓުން މިފަހަރު މި ދެގޭގެ ކޮންޓްރޯލްވެސް ނަގާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އެހެންވެއްޖެނަމަ ރައީސް ޓްރަމްޕަށް ވަރަށް ނުރައްކަލެވެ. ގާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބިއްޖެނަމަ އެންމެ ފުރަތަމަވެސް ކުރާނެ ކަމެއް ކަމަށް ބެލެވެނީ ރައީސްކަމުން ޓްރަމްޕު ވަކިކުރުމުގެ މަސައްކަތެވެ.
މިއީ ޑިމޮކްރެޓުންގެ ސިއްރު އެޖެންޑާއެއްވެސް ނޫނެވެ. ފާޅުގައި ބުނަމުން އަންނަ ވާހަކައެކެވެ. އަނެއްކޮޅުން ރިޕަބްލިކަނުން މި އިންތިޚާބުގެ ކުރިއަށް ނެރެނީވެސް ޓްރަމްޕެވެ. އެމީހުން ބުނެއެވެ. މިއީ ޓްރަމްޕުގެ ވެރިކަން ނިމުމާއި ދެމެހެއްޓުމާ ގުޅިފައިވާ އިންތިޚާބެކެވެ. ޓްރަމްޕު ވެރިކަމުގައި ބަހައްޓަން ބޭނުމިއްޔާ ޑިމޮކްރެޓުންނަށް ވޯޓު ނުދެއްޗެވެ. ކޮންމެއަކަސް ނޮވެމްބަރު ތިނެއްގެ އިންތިޚާބުގެ ނަތީޖާ ވެގެންދާނީ ޓްރަމްޕުގެ ކުރިމަގަށް އިއްވޭ ހުކުމެއް ކަމުގައެވެ. އިދިކޮޅު ޑިމޮކްރެޓުންނަށް މަޖިލީހުގެ ދެގޭގެ ކޮންޓްރޯލް ލިބިއްޖެނަމަ ރައީސް ޓްރަމްޕު އިމްޕީޗްކޮށް އަދި މަގާމުންވެސް ވަކިކުރަން ކުރާނީ ނުވަތަ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އެމެރިކާގެ ގާނޫނުއަސާސީގައި މިބާރު ލިބިދީފައިވަނީ ގާނޫނުހަދާ މަޖިލީހަށެވެ. އެހެންވީމާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއަކަށް އެކަން ކުރެވިދާނެއެވެ. ރައީސަކަށް ހުންނަ މީހަކު އިމްޕީޗް ކުރެވިދާނެއެވެ. އަދި މަގާމުންވެސް ދުރުކުރެވިދާނެއެވެ.
އިމްޕީޗް ކުރުމަކީ މަގާމުން ދުރުކުރުމެެއް ނުވަތަ ވަކިކުރުމެެއް ނޫނެވެ. އިމްޕީޗް ކުރުމަކީ ރައީސަކަށް ހުންނަ މީހެއްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައި ތަހުގީގެއް ހިންގުމެވެ. މަގާމުން ދުރުކުރުން ނުވަތަ ވަކިކުރުމަކީ ހުރިހާގޮތަކުންވެސް ބާރުތައް އޭނާގެ ކިބައިން ވަކިކޮށް ވައިޓްހައުސްއިން ބޭރު ކުރުމެވެ. އިމްޕީޗް ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީއެވެ. އެކަމަކު އެހާ އާދައިގެ ސިމްޕަލް މެޖޯރިޓީއަކުން ރައީސަކު މަގާމުން ވަކިނުކުރެވޭނެއެވެ. ރައީސަކު ކުށްވެރިވާ ކަމަށް ނިންމައި މަގާމުން ދުރުކުރުމަށް މަޖިލީހުގެ މަތީގެ ކަމަށްވާ ސެނެޓުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ބޭނުންވާނެއެވެ. އެއީ މަދުވެގެން 67 ވޯޓެވެ. އެއަދަދު ހަމަވާނީ ސެނެޓުގެ ސަތޭކަ ގޮނޑީގެ ތެރެއިން 67 ގޮނޑި ޑިމޮކްރެޓުންނަށް ލިބިގެންނެވެ. އެއަދަށް ގޮނޑި ނުލިބުނަސް ރިޕަބްލިކަނުންގެ ތެރެއިންވެސް ބަޔަކު ޓްރަމްޕާ ދެކޮޅުވެ އޭނާ ވަކިކުރަން ތާއީދު ކުރާނަމަ އެކަން ކުރެވިދާނެއެވެ. މިއީ ބުނަން ފަސޭހަ ވާހަކައެކެވެ. އެކަމަކު ކުރަން ފަސޭހަނުވާނެ ކަމެކެވެ.
އެމެރިކާގެ ތާރީޚުގައި އެއްވެސް ރައީސަކު އިމްޕީޗް ކުރެވިފައިވޭ ބާވައެވެ. އަދި އިމްޕީޗް ކުރުމަށްފަހު މަގާމުންވެސް ދުރުކުރެވިފައިވޭ ބާވައެވެ. އެމެރިކާގެ 250 އަހަރުގެ ތާރީޚުގައި މިހާތަނަށް ރައީސްކަން ކުރީ ޖުމްލަ 45 މީހުންނެވެ. މިހާރު ރައީސްކަމުގައި އެހެރަ ޑޮނަލްޑް ޓްރަމްޕަކީ 45 ވަނަ މީހާއެވެ. މީގެތެރެއިން އެއްވެސް ރައީސަކާމެދު ކުރިން ބަޔާންކުރެވުނު ދެ މަރުހަލާ ތަންފީޒު ކުރެވިފައެއް ނުވެއެވެ. މާނަޔަކީ އިމްޕީޗުކޮށް ކުށްވެރިވާ ކަމަށް ނިންމައި މަގާމުން ދުރުކޮށްފައެއް ނުވެއެވެ. އެކަމަކު ޖުމްލަ ތިން ރައީސަކު އިމްޕީޗް ކުރެވިފައިވެއެވެ. މާނަޔަކީ ގާނޫނުހަދާ މަޖިލީހުގައި ރަސްމީކޮށް ދައުވާ އުފުލި ތަހުގީގު ހިންގިފައިވެއެވެ. އެއީ އެންޑްރޫ ޖޮންސަނާއި ބިލް ކްލިންޓަން އަދި ޑޮނަލްޑް ޓްރަމްޕެވެ. އެންޑްރޫ ޖޮންސަން އިމްޕީޗް ކުރެވުނީ 1868 ގައެވެ. ބިލް ކްލިންޓަން އިމްޕީޗް ކުރެވުނީ 1998 ގައެވެ. ޑޮނަލްޑް ޓްރަމްޕު ވަނީ ދެ ފަހަރަށް އިމްޕީޗް ކުރެވިފައެވެ. އެއީ އޭނާގެ ފުރަތަމަ ދައުރުގައި 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުއެވެ.
އެހެންވީމާ ޓްރަމްޕަކީ މިހާތަނަށް ދެފަހަރު އިމްޕީޗް ކުރެވުނު ހަމައެކަނި ރައީސެވެ. މިހާތަނަށް އިމްޕީޗް ކުރެވުނު ކޮންމެ ރައީސަކަށްވެސް ގާނޫނުހަދާ މަޖިލީހުގެ މަތީގެއިން އިއްވާފައިވަނީ ކުށްވެރި ނުވާކަމުގެ ހުކުމެކެވެ. އެހެންވީމާ މަގާމުން ދުރުކުރުމުގެ މަރުހަލާ އެކްޓިވޭޓެއް ނުކުރެވެއެވެ. މިދެންނެވި ތިން ރައީސުންގެ އިތުރަށް އަދި އެހެން ރައީސަކު އިމްޕީޗްކުރުމަށް ނިންމުނެވެ. އެއީ 1974 ވަނަ އަހަރު ރައީސް ރިޗަޑް ނިކްސަނެވެ. އެކަމަކު އިމްޕީޗް ކުރުމުގެ ވޯޓު ނެގުމުގެ ކުރިން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ކޮންމެއަކަސް ރައީސް ޓްރަމްޕު މިހާރުވެސް އެހެރީ ރިކޯޑެއް ގާއިމުކޮށްގެންނެވެ. ޖުމްލަ ދެފަހަރު އިމްޕީޗު ކުރެވުނު ފުރަތަމަ ރައީސްގެ ގޮތުގައެވެ. މިފަހަރުގެ މިޑްޓާރމް އިލެކްޝަނުގައި ގާނޫނުހަދާ މަޖިލީހުގެ ކޮންޓްރޯލް ޑިމޮކްރެޓުންނަށް ލިބި ޓްރަމްޕު އިމްޕީޗްކޮށްފިނަމަ ތިންފަހަރު ހަމަވީއެވެ. ހެޓްޓްރިކެއް ފުރިހަމަވީއެވެ. އެކަމުގެ ރިކޯޑުވެސް ފުރިހަމަވީއެވެ.
މީގެކުރީ ދެފަހަރު އޭނާ ކުށްވެރި ނުވާކަމަށް ސެނެޓުން ހުކުމް އިއްވިޔަސް އެތަނުގެ ސުޕަރ މެޖޯރިޓީ މިފަހަރު ޑިމޮކްރެޓުންނަށް ލިބިއްޖެނަމަ ޓްރަމްޕު ކުށްވެރިވާ ކަމުގެ ހުކުމެއް އިއްވާނެކަމީ ހަމަ ކަށަވަރު ކަމެކެވެ. އެބާރު ޑިމޮކްރެޓުންނަށް ދޭނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމާ ދުވަހަކީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. ޓްރަމްޕަށްވެސް އޭނާ މިހާރު އެހެރަ ހާލަތު ވިސްނޭކަމަށް ފެނެއެވެ. މިޑްޓާރމް އިލެކްޝަނުގެ ކުރިން އީރާނަށް އައު ހަމަލައެއް ނުދޭނަމޭ މިހާރު އެބުނަނީ އެހެންވެއެވެ. މި ހަގުރާމަޔަކީ އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ ހަގުރާމައެއްކަން ހިސާބަކަށް މޭރުންވުމުންނެވެ. މިއީ އޭނާއަށް ހެދުނު ގޯހެއްކަންވެސް މޭރުންވެގެންނެވެ. ޓްރަމްޕަކީ ޓްރަމްޕެވެ. އޭނާ އެންމެ އަވަހަށް ކުރަނީ ނުކުރާނޭ ކަމަށް ވައުދުވާ ކަންކަމެވެ. އެހެންވީމާ މިޑްޓާރމް އިލެކްޝަނުގެ ކުރިންވެސް ހަމަލަތައް ފެށުމަކީ ނުކުރާނެ ކަމެއް ނޫނެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް