އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަނީ އެ މައްސަލަތަކާމެދު މީގެ ކުރިން މާބޮޑު ސަމާލުކަމެއް ދެވިފައިނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑް 19ގެ އަޑިގުޑަންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ވަރަށް ދަތި އުނދަގޫ މަރުހަލާތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އިގުތިސާދަށް އަރައި ހީނަރުކަމާއެކު ރައްޔިތުންގެ އަތްމަތި ދަތިވެ، ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގެވެށި އަނިޔާއާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ މުޖުތަމައުގައި ހައްލު ނުވެ ހުރި ދުވަސްވީ މައްސަލަތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"އިޖުތިމާއީ ގިނަ މައްސަލަތަކެއް މިދަނީ ފެންމަތިވަމުން. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮވިޑާ ސީދާ ގުޅިގެން އަލަށް ކުރިމަތިވާން ފެށި ކަންކަމެއް ނޫން. އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން އެކަންކަމާމެދު މީގެ ކުރިން މާބޮޑު ސަމާލުކަމެއް ނުދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ޖެހުމުގެ ސަބަބުން ތިލަވަމުން އަންނަ މައްސަލަތަކެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާއީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން އެ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑުވެފައި މުހިންމު ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ފަރާތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އަދުލު އިންސާފު ގާއިމުކުރުން. އެކަމުގެ ފެށުން ވެސް ގުޅިފައިވަނީ ފުލުހުންގެ ހިދުމަތާ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގު ފުރިހަމަކޮށް އަވަސް ކުރުމަކީ އޭގެ ތެރެއިން ވެސް އެންމެ މުހިންމު މަސައްކަތް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭ. ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުވިކޮށް، އަވަހަށް އިންސާފު ގާއިމުކުރެވެންޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު