އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ އިންތިހާބަށް ނުކުމެވަޑައިގަތީ އެމަނިކުފާނާ މަޝްވަރާކުރެއްވުމަށްފަހު ކަމަށާއި، އެ ދެ ބޭފުޅުންނަށްވެސް ފުރިހަމަ ތާއީދު އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަރަކާތުގެ ތެރެއިން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއެއްގައި ސޯލިހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޕާޓީގެ އެތެރޭގެ ގައުމީ މަޖިލިސް އިންތިހާބުގެ މަސައްކަތްތައް ކަމަށާއި، ރިޔާސީ ޕްރައިމަރީ ބާއްވާނީ އެއަށްފަހު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަން ފައިސަލް މިހާރުވެސް ނިންމަވާފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެއްވެސް އިރެއްގައި އިއުލާން ކުރައްވާފައިނުވާނެ ކަމަށާއި، ޕްރައިމަރީގައި ތާއީދު ކުރައްވަނީ ފައިސަލް އަދި އާޒިމަށް ކަމަށެވެ.
"އަޅުގަނޑު ތާއީދު. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލައިގެން އެތިބީ" ރައީސް ސޯލިހު ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ކެމްޕެއިނުގައި "ޓީމު އެމްޑީޕީ" ގެ ނަމުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންނާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، އެ ޓީމުގައި ވާދަކުރައްވާ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ކެންޑިޑޭޓުންގެ ތެރޭގައި އެމަނިކުފާނު ތާއީދުކުރައްވާ ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ފައިސަލް އަދި އާޒިމް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމީ ސީދާ އެމަނިކުފާނާއެކު ދެކެވުނު ވާހަކަތަކާއި މަޝްވަރާތަކަށްފަހުކަމަށް ސޯލިހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮމެންޓް