އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާ އެކު ނުކުތް "ޓީމު އެމްޑީޕީ"ގެ މައްޗަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ކުރި ހޯދައިފިއެވެ.

މާލޭގެ ރަށްރަށުގައި އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތަކާ އެކު އިންތިހާބުގެ މެޖޯރިޓީ ހޯދީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ޓީމުންނެވެ.

އިބޫ ތާއީދު ކުރެއްވި "ޓީމު އެމްޑީޕީ" އަކީ 2028 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭނާގެ ރަނިންމޭޓް މާލޭ މޭޔަރު އާދަމް އާޒިމް ހިމެނޭ ޓީމެވެ.

މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.

އެގޮތުން މުޅި މާލެ ސިޓީ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބު ކުރިއެވެ. އިބޫގެ ޓީމަށް ކާމިޔާބުވީ އެންމެ ހަތަރު ގޮނޑިއެވެ. މާލޭގެ އިތުރުން އެހެން ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އަތޮޅު އަދި ރަށްތަކުން ގިނަ ގޮނޑި ތައްވެސް ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.

އޭގެ އިތުރުން އިއްޔެގެ އިންތިހާބު ތެެރެއިން ކުރިއަށްގެންދިޔަ، އަންހެނުންގެ ރޫހާއި ޒުވާނުންގެ ވިންގުގެ ބޮޑު ބައެއް ވެސް ލިބުނީ ބޮޑު ބަދަލަށެވެ.

އެގޮތުން އިބޫގެ ތާއީދު އޮތް "ޓީމް އެމްޑީޕީ" ގެ އަރްޝަމް އަބްދުﷲއާ ވާދަކޮށް ޔޫތު ވިންގްގެ ރައީސް ކަމަށް އިންތިހާބުވީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ގެ އައިކް އަހުމަދު އީސާއެވެ.

އެ ވިންގުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ. އަންހެނުންގެ ރޫހްގެ ރައީސް ކަމަށް އިންތިހާބުވީ "ބޮޑު ބަދަލު ޓީމް" ގެ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާއާ ވާދަކުރީ "ޓީމް އެމްޑީޕީ" އިން މަރިޔަމް އީމާ ޝަފީގެވެ.

އަންހެނުންގެ ރޫހްގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ބޮޑު ބަދަލު ޓީމުން ކާމިޔާބު ކުރި އިރު އަނެއް ދެ ގޮނޑި ލިބުނީ ޓީމު އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ.

"ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އިންތިހާބުގައި އެ ޓީމުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދައިދިނީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް ކަމަށާއި ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވިއެވެ.