ދިވެހިރާއްޖޭގައި ހިނގަމުންދާ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ (ދެވަނަ ޖުމްހޫރިއްޔަތު ނުވަތަ މި ޖުމްހޫރިއްޔަތު ގާއިމުކުރުމުގެ) ޚިޔާލުތައް، 1965ގައި ރާއްޖެ މިނވަންވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. މި ޚިޔާލުތަކާއި މަޝްވަރާތަކުގައި 3 އަހަރު ފާއިތުވިއެވެ. ވަޒީރުންގެ މަޖިލީހުގައި ކަމާބެހޭ މަޝްވަރާކުރެވުނެވެ. ރައްޔިތުންގެ މަޖިލީހުގަައި ބަހުސްކުރެވުނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރިއްޔަތަށެވެ. އެއީ 36,997 (ތިރީސްހަހާސް ނުވަސަތޭކަ ނުވަދިހަ ހަތެއް) މީހުންނެވެ. ރަސްކަމަށް ވޯޓުދިނީ 8,551 (އައްހާސް ފަސްސަތޭކަފަންސާސްއެކެއް) މީހުންނެވެ.
ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު "ރައީސުލްޖުމްހޫރިއްޔާ" ކަމުގައި އެންމެ ފުރަތަމަ ތަޢާރަފު ކުރެވުނީ މި ޤާނޫނުއަސާސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުނީ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ދެބައިކުޅައެއްބައިގެ އަޣުލަބިއްޔަތުން ހޮވުނު ނަންފުޅަށް (އެބޭފުޅަކު އެކަން ޤަބޫލުކުރެއްވުމުން) ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ސިއްރު ވޯޓެއް ނަގައި އެވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓުން އަދި ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓުގެ ވަރަށް ބޮޑު އަޣްލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތީ (އޭރުގެ ބޮޑުވަޒީރު) ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެއިރުގެ މުފައްކިރުންގެ ޢިބާރާތުންނަމަ، "ޤައުމިއްޔަތުގެ އާރާއިބާރާާއި، ފަޚުރާއި ޝަރަފާއި، ނަޞްރާއި ނަޞީބާއި ކާމިޔާބާއި، އަބުރާއި އިއްޒަތާއި ކަރާމަތާއި، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ޒަޢީމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނާޞިރުލްޙުއްރިއްޔާ) ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ."
11 ނޮވެންބަރު 1968ގައި ޖުމްހޫރިއްޔާ ޤާއިމުކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުވައިކުރެއްވުން 11 ނޮވެންބަރު 1968އަކީ، ޞާޙިބުއްދައުލަތު އިބްރާހީމް. ނާޞިރަށް، ޞާޙިބުއްސަޢާދަތު އަޙްމަދު ޒަކީ، ކަމާބެހޭގޮތުން ދެއްވި ލަފާފުޅާ އެއްގޮތަށް ކަނޑައެޅުނު، ދުނިޔޭގެ ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެންބަރު 1918ގައި ނިމުނުތާ 50 އަހަރުވީ ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ ދުވަސްކަމުގަައިވާ 11 ނޮވެންބަރު 1968އެވެ.
މި ޖުމްހޫރިއްޔާ ގާއިމުކުރެއްވުމަށް ރައްޔިތުންގެ މަޖިލިސްގެ ޚާއްޞަ ޖަލްސާ އޮތީ މީގެ 58 އަހަރުކުރިން 10 ނޮވެންބަރު 1968 ދުވަހުގެ ރޭ އެވެ. ޖަލްސާ ފެށުނީ ރޭގަނޑު 9.30 (2130) ގައެވެ. ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ހުވައިކުރެއްވުމެވެ. މިގޮތުން 43 މެންބަރުން ހުވައިކުރެއްވިއެވެ. މެންބަރުން ހުވައިކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެވެ. (2300ގައެވެ.) ދެން ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު 12 ޖެހިއިރުއެވެ. (0000ގައެވެ.)
މި ޖުމްހޫރިއްޔާ ގާއިމުކުރެވުނީ، އެވަގުތު 0000، 11 ނޮވެންބަރު 1968ގައެވެ. ޖުމްހޫރިއްޔާގެ މުނާސަބަތުގައި 21 ބަޑީގެ ސަލާމެއް އޮތެވެ.
އެވަގުތު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައިރައްވީއެވެ. Republic of Maldives މި ނަންވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެސް އުފެދުނީ މި ޖުމުހޫރިއްޔަތާއި އެކުގައި 11 ނޮވެންބަރު 1968 ގައެވެ. ވީމާ، 58 އަހަރުވީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ
11-11-1968-0000
11-11-1973-0000
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ)
11-11-1978-0000
11-11-1983-1000
11-11-1988-1000
11-11-1993-1000
11-11-1998-1000
11-11-2003-1000
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
11-11-2008-1000
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދު ޙަސަން
07-02-2012-1525
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
17-11-2013-1320
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
17-11-2018-1700
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުވާކުރެއްވުން
17-11-2023
އެޑިޓަރުގެ ނޯޓު؛
މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.
މުޙަައްމަދު ޝާޠިރު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް